Advertisement

ޖީއެސްޓީ ބޮޑުކުރުމުން ދައުލަތަށް ރެކޯޑު އާމްދަނީ އެއް

30 އޮކްޓޯބަރު 2023 - 11:27 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ޖީއެސްޓީ ބޮޑުކުރުމުން ދައުލަތަށް ރެކޯޑު އާމްދަނީ އެއް

30 އޮކްޓޯބަރު 2023 - 11:27 0

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު ޖުމުލަ އާމްދަނީ ވެސް ރެކޯޑު އަދަދަކަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން މި ދިޔަ ހޮނިހިރުދުވަހު އާންމުކުރި ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން، މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ ލިބިފައިވަނީ 26.3 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކުހުގެ ގޮތުގައި ލިބުނު 19.1 ބިލިއަން ރުފިޔާއާއި އެހެން ގޮތްގޮތުން ލިބުނު 6.7 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި ލިބުނު 488 މިލިއަން ރުފިޔާ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.7 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަށް ލިބިފައި ވަނީ 22.2 ބިލިއަން ރުފިޔާ އެވެ.

ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ލިބެނީ ޓެކުހުންނެވެ. އޭގެ ތެރެއިންވެސް ބޮޑު ބައެއް ވަންނާނީ ޖީއެސްޓީންނެވެ.

ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ލަފަޔާއެކު މި އަހަރުގެ ޖެނުއަރީން ފެށިގެން އާންމު ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓޫރިޒަމް ޖީއެސްޓީ 16 ޕަސެންޓަށް އިތުރުކޮށްފައިވާއިރު އަހަރުގެ މިހާތަނަށް ޖީއެސްޓީން ލިބުނު އާމްދަނީވެސް ވަނީ ރެކޯޑު އަދަދަކަށް އިތުރުވެފަ އެވެ.

ފިނޭންސްގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ޖީއެސްޓީން ދައުލަތަށް މިދިޔަ އަހަރު އެކު ޖުމްލަ ލިބުނީ 9.7 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ޖީއެސްޓީން 10 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ. އެއީ އާއްމު ޖީއެސްޓީގެ ގޮތުގައި ލިބުނު 3.3 ބިލިއަން ރުފިޔާ އާއި ޓޫރިޒަމް ޖީއެސްޓީން ލިބުނު 6.6 ބިލިއަން ރުފިޔާ އެވެ.

މި އަދަދުތަކާއެކު އަހަރުގެ މިހާތަނަށް ޓެކުހުން ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން އަހަރުގެ މިހާތަނަށް ޓެކުހުން 19.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރު ޓެކުހުން ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާ ދާދި އެއްވަރުގެ އަދަދެކެވެ.

ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު ޓެކުހުން ލިބުނު ޖުމްލަ އާމްދަނީ އަކީ 19.4 ބިލިއަން ރުފިޔާ އެވެ. ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި މި އަހަރު ޓެކުހުން ލިބޭނީ 23.5 ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ.

ސަރުކާރުން ކުރިން ލަފާކުރި ގޮތުން އާމްދަނީގެ ގޮތުގައި ދައުލަތަށް މި އަހަރު ލިބޭނީ 32 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގައި ވަނީ އާމްދަނީގެ އަންދާޒާތައް މުރާޖާކޮށް 399 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ލަފާކޮށްފަ އެވެ.