29 އޮކްޓޯބަރު 2023 - 15:01 0
އާމިނަތު ނިއުޝާ
އެކްސިޑެންޓުވި ދޯންޏާއި އެހީވުމަށް ދިޔަ އެހެން ދޯންޏެއް: ރޭގެ އެކްސިޑެންޓުގައި މަރުވި މީހާ މަހަށް ނުކުމެ އުޅުނީ އޭނާގެ ފިރިހެން ދަރިޔަކާއެކު -- ފޮޓޯ: އިހަވަންދޫ ކައުންސިލް
29 އޮކްޓޯބަރު 2023 - 15:01 0
މަހަށް ނުކުމެ އުޅުނު ދޯންޏަކާއި ލޯންޗެއް ޖެހި ރޭ ހިނގި އެކްސިޑެންޓުގައި މަރުވި މީހާއަށް، އެކްސިޑެންޓުވި ލޯންޗުން އެހީނުވެ ދިޔަކަމުގެ ތުހުމަތު އާއިލާއިންކޮށްފި އެވެ.
ރޭގެ އެކްސިޑެންޓުގައި މަރުވީ، ހއ. އިހަވަންދޫ އަބްދުއްރަޝީދު އަހުމަދެވެ. އޭނާ މަހަށް ނުކުމެ އުޅުނީ އޭނާގެ ފިރިހެން ދަރިއަކާއެކު އެވެ.
އަބްދުއްރަޝީދާއެކު އެ ދޯނީގައި މަހަށް ދިޔަ އޭނާގެ ދަރިފުޅު އަލީ ޝަރީފްއާ ހަވާލާދީ އިހަވަންދޫ ކައުންސިލަރު ރިލްވާން "އަދަދު" އާ ވާހަކަ ދައްކަމުން ވިދާޅުވީ އެކްސިޑެންޓު ހިނގި ވަގުތު އަބްދުއްރަޝީދު ތަކުރާރުކޮށް އެހީއަށް އެދި ގޮވައި، ހަނާ އަޅަމުން ދިޔަ ކަމަށެވެ.
"އެކްސިޑެންޓު ހިނގި ވަގުތު ދޯނީގެ ހުންގާނު ހަލާކުވެ، ދޯނި މަޑު ދުވެލީގަ ދުވަމުން ދިޔައީ. ޝަރީފް އޭރު މަސައްކަތް ކުރީ މޫދަށް ފުންމާލުމަށް އަތުގައި ހަމެއް ޖެހޭތޯ. މޫދަށް ނަގިލި ވައްޓާލައިގެން ވެސް ދޯނި ކޮންޓްރޯލެއް ނުވި،" ރިލްވާން ވިދާޅުވި އެވެ.
އެކްސިޑެންޓުވި ލޯންޗުގައި އަށް މީހުން ތިބި ކަމަށްވެ އެވެ. ރިލްވާން ވިދާޅުވީ، އެކްސިޑެންޓުވެ މީހަކު ކަނޑުމައްޗަށް ވެއްޓިފައި އޮތްކަން އިހަވަންދޫއަށް އެންގީ ވެސް އެ ލޯންޗުން ކަމަށެވެ.
"ލޯންޗު އޮތް ކަމަށް ވަނީ ދޯންޏާ 25 ފޫޓު ދުރުގައި. އޭރު މޫދަށް ވެއްޓުނު އަބްދުއްރަޝީދު އޮތީ ގާތްގަނޑަށް 50 ފޫޓު ދުރުގައި. އެހެން ވީމަ ހަމަ ސާފުކޮށް އަޑު އިވޭނެ ލޯންޗުގަ ތިބި މީހުންނަށް،" ރިލްވާން ކިޔައިދިނެވެ.
އެކްސިޑެންޓުވީ ލަނޑާނެގުމުގެ މަސައްކަތް ވެސް ކުރާ ލޯންޗެއް ކަމަށާއި، އޭގައި ބައްތި އާއި، އެހީތެރިކަން ފޯރުކޮށްދެވިދޭނެ އެހެން އާލާތްތައް ހުންނާނެކަން ޔަގީންކުރެވޭ ކަމަށް ރިލްވާން ވިދާޅުވި އެވެ.
ރިލްވާން ވިދާޅުވީ ލޯންޗުން އަބްދުއްރަޝީދަށް އެހީތެރިކަން ފޯރުކޮށް ނުދިނީ ގަސްތުގައި ކަމަށް ދަރިފުޅު ޝަރީފް ބުނާ ކަމަށާއި، އަބްދުއްރަޝީދަށް އިންސާފު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކައުންސިލުން ކުރާނެ ކަމަށެވެ.
"އަޅުގަނޑަށް މި ހާދިސާއިން ސިފަވަނީ އެނަމާ ބޯޓު ކާރިސާ،" ރިލްވާން ވިދާޅުވި އެވެ.
މީގެ 19 އަހަރު ކުރިން 2004 ގައި އެނަމާ ބޯޓު ބަންޑުން ޖަހާލާފައި އޮއްވާ، ކައިރިން ދިޔަ މަސް ދޯންޏަކުން އެހީނުވެ ދިޔަ އެވެ. އެ މައްސަލައިގައި ދައުލަތުން އެ ދޯނީގައި ތިބަ ބަޔަކަށް ޖިނާއީ ދައުވާ ވެސް އުފުލި އެވެ.
Comment