Advertisement

ޓޮނާލީ އަށް 10 މަހުގެ ސަސްޕެންޝަނެއް!

27 އޮކްޓޯބަރު 2023 - 12:39 0


ޓޮނާލީ އަށް 10 މަހުގެ ސަސްޕެންޝަނެއް!

27 އޮކްޓޯބަރު 2023 - 12:39 0

ރޯމް (އޮކްޓޯބަރު 27) - އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއައިޖީސީ) އިން ތަހުގީގު ކުރަމުން އަންނަ، ގެމްބްލިން މައްސަލައިގައި ނިއުކާސަލް އަށް ކުޅޭ އިޓަލީގެ މިޑްފިލްޑަރު ސަންދްރޯ ޓޮނާލީ 10 މަހަށް ސަސްޕެންޑްކޮށްފި އެވެ.

ގަވާއިދާ ހިލާފު ވެބްސައިޓްތަކެއްގައި ބެޓުކުރުމުގައި ހަރަކާތްތަކެއް މިދިޔަ ސީޒަންގައި ހިނގާފައިވާތީ އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނާއި އިޓަލީގެ ފުލުހުން ގުޅިގެން ހިންގަމުން އަންނަ ތަހުގީގުގައި ގިނަ ކުޅުންތެރިންތަކަކާވަނީ ސުވާލުކޮށްފަ އެވެ. މިގޮތުން މިޑްފިލްޑަރު ޓޮނާލީގެ އިތުރުން އޭނާއާއެކު އިޓަލީގެ ގައުމީ ޓީމްގެ ނިކޮލޯ ޒަނިއޯލޯ އާއި ޔުވެންޓަސްގެ ނިކޮލޯ ފަގްލިއޯލޯއާވެސް ވަނީ ސުވާލުކޮށްފަ އެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބެޓިންގެ ތުހުމަތު އަމާޒުވާ އެންމެ އިސް މީހުންގެ ތެރޭގައި ޓޮނާލީ ހިމެނެ އެވެ. އަދި އޭނާ ވަނީ މިކަމުގައި ބައިވެރިވެފައިވާކަމަށް ފުލުހުން ގާތު އެއްބަސްވެފަ އެވެ.

ކުރިން ބެލެވުނު ގޮތުގައި ޓޮނާލީއަށް ތިން އަހަރުގެ ސަސްޕެންޝަނެއް އައުން ގާތެވެ. ނަމަވެސް ތަހުގީގަށް އެހީވުމުގައި ޓޮނާލީގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އޭނާގެ އަދަބު ކުޑަކުރަން އިޓަލީގެ އެފްއޭއިން ނިންމީ އެވެ.

ޓޮނާލީއަށް އައި 10 މަހުގެ ސަސްޕެންޝަނާއިއެކު މި ސީޒަންގައި އޭނާއަށް ދެން ނުކުޅެވޭނެ އެވެ. އަދި އަންނަ އަހަރުގެ ޖޫން މަހު އޮންނަ ޔޫރޯއަށް އިޓަލީ ކޮލިފައިވެއްޖެ ނަމަ އެ މުބާރާތުގައިވެސް ޓޮނާލީއަށް ނުކުޅެވޭނެ އެވެ.

ސަންދްރޯ ޓޮނާލީއަށް އައި ސަސްޕެންޝަނުގެ ސަބަބުން އޭނާ މިހާރު ކުޅެމުން އަންނަ ކުލަބު ނިއުކާސަލްއަށް ބޮޑު ގެއްލުމެއް ލިބޭނެ އެވެ. އެ ކުލަބުގެ އެންމެ މުހިންމު މިޑްފިލްޑަރުންގެ ތެރޭގައި ހިމެނޭ ޓޮނާލީ އަކީ އެ ކްލަބުގެ ތިން ވަނަ އަށް އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އެވެ.

ސަސްޕެންޝަނާއި ހެދި މި ސީޒަންގައި ޓޮނާލީ އަށް މެޗެއް ނުކުޅެވޭނެތީ މިހާރު އޭނާއަށް ލިބެމުން އަންނަ މުސާރަ ކުޑަކުރަން ނިއުކާސަލް ޔުނައިޓެޑުން އަންނަނީ މަޝްވަރާވެސް ކުރަމުންނެވެ.