Advertisement

ލިވަޕޫލަށް ބޮޑު މޮޅެއް، ބްރައިޓަންއަށް ޔޫރަޕްގައި ފުރަތަމަ މޮޅު

27 އޮކްޓޯބަރު 2023 - 12:41 0


ލިވަޕޫލަށް ބޮޑު މޮޅެއް، ބްރައިޓަންއަށް ޔޫރަޕްގައި ފުރަތަމަ މޮޅު

27 އޮކްޓޯބަރު 2023 - 12:41 0

ލިވަޕޫލް (އޮކްޓޯބަރު 27) - ޔުއެފާ ޔޫރޮޕާ ލީގުގައި ފްރާންސްގެ ޓޫލޯސް އަތުން ލިވަޕޫލް ބޮޑު މޮޅެއް ހޯދިއިރު، ޔޫރަޕްގެ ކްލަބް މުބާރާތެއްގައި ބްރައިޓަންއިން އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ލިވަޕޫލުން ރޭ ޓޫލޯސް އަތުން މޮޅުވީ 5-1 އިންނެވެ. މި ނަތީޖާއާ އެކު އެ ޓީމު އޮތީ ޔޫރޮޕާ ލީގުގެ ގްރޫޕް އީގެ އެއް ވަނައިގައި ނުވަ ޕޮއިންޓާއިއެކުގަ އެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ފުރަތަމަ ގޯލު ޖަހައިދިނީ ޑިއޭގޯ ޖޮޓާ އެވެ. ޑަލިންގާގެ ގޯލުން ޓޫލޯސް އިން އެއްވަރުކުރި ނަމަވެސް ވަޓާރޯ އެންޑޯ ވަނީ ދެވަނަ ފަހަރަށް ލިވަޕޫލަށް ލީޑު ނަގައިދީފަ އެވެ. މިއީ ލިވަޕޫލަށް މި ސީޒަންގައި ބަދަލުވި އެންޑޯ އެޓީމަށް ޖެހި ފުރަތަމަ ގޯލެވެ. ލިވަޕޫލްގެ ފަހު ތިން ގޯލު ޖަހައިދިނީ ޑާވިން ނޫނޭޒް އާއި ރްޔާން ގްރެވެންބާޗް އަދި މުހައްމަދު ސަލާހު އެވެ.

ޔޫރޮޕާ ލީގުގައި ރޭ ބްރައިޓަންއިން އަޔެއްކެސްގެ މައްޗަށް ކުރި ހޯދީ 2-0 އިންނެވެ. މި މެޗުގައި އެ ޓީމުގެ ދެ ގޯލު ޖަހައިދީ ޖޮއާރޯ ޕެޑްރޯ އާއި އަންސޫ ފަޓީ އެވެ. މިއީ ޔޫރަޕްގެ ކުލަބު މުބާރާތެއްގައި ފުރަތަމަ ފަހަރަށް ވާދަކުރަމުން އަންނަ ބްރައިޓަންއަށް މިދިޔަ މަހެއްހާ ދުވަހު މޮޅުވެވުނު ފުރަތަމަ މެޗެވެ.

ބްރައިޓަން އާއި އަޔެކްސް ހިމެނޭ ގްރޫޕުގެ އެއްވަނައިގައި އޮތީ ރޭ އެއީކޭ އެތެންސް އަތުން މޮޅުވި މާސޭ އެވެ. މާސޭއަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އެތެންސް އޮތީ ހަތަރު ޕޮއިންޓާއިއެކު އެވެ. ބްރައިޓަންއަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އަޔެކްސް އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

ޔޫރޮޕާ ލީގުގައި ރޭ ވެސްޓް ހަމްވަނީ ރަށުން ބޭރުގައި އޮލިމްޕިއާކޯސް އަތުން ބަލިވެފަ އެވެ. ވާދަވެރިކޮށް ފެނުނު މެޗުގެ ފުރަތަމަ ދެ ގޯލު ޖަހައި ލީޑު ނެގީވެސް އޮލިމްޕިއާކޯސް އިންނެވެ. މި ދެ ގޯލު ޖަހައިދިނީ ކޮސްޓާސް ފޯޓޫނީސް އާއި ރޮޑިނޭއީ އެވެ. ވެސްޓް ހަމްގެ ހަމައެކަނި ގޯލު މެޗުގެ ފަހުކޮޅު ޖަހައިދިނީ ލޫކަސް ޕަކުއޭޓާ އެވެ.

މި މެޗުން ބަލިވި ނަމަވެސް ވެސްޓްހަމް އޮތީ ގްރޫޕްގެ އެއް ވަނައިގައި ހަ ޕޮއިންޓާއިއެކު ގަ އެވެ. ދެ ވަނައިގައި ހަ ޕޮއިންޓް ހޯދައިގެން ފައިދާ ގޯލު މަދުން ލިބިފައިވާ ފްރެއިބާގު އޮތްއިރު، އޮލިމްޕިއާކޯސް އޮތީ ހަތަރު ޕޮއިންޓާއިއެކު ތިންވަނައިގަ އެވެ.

ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ރޯމާއިންވެސް ވަނީ 2-0 އިން ސްލާވިއާ ޕްރާގް ބަލިކޮށްފަ އެވެ. އެޓީމްގެ ގޯލުތައް ޖަހައިދިނީ އެޑުއާޑޯ ބޯވް އާއި ރޮމެލޫ ލުކާކޫ އެވެ.