Advertisement

އޭޑީކޭއިން ނަޝީދަށް ހަދިޔާކުރީ ބޮމުގެ ހަމަލާއަށް ފަހު ތުރުކުރެއްވި ގައުން

28 އޮކްޓޯބަރު 2023 - 10:52 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ހަމަލާއަށް ފަހު އޭޑީކޭއިން ފަރުވާ ހޯދުމަށް ނަޝީދު ތުރުކުރެއްވި ގައުން އޭޑީކޭއިން އެމަނިކުފާނަށް ހަދިޔާކުރައްވަނީ -- ފޮޓޯ: އިޔާން/އަދަދު


އޭޑީކޭއިން ނަޝީދަށް ހަދިޔާކުރީ ބޮމުގެ ހަމަލާއަށް ފަހު ތުރުކުރެއްވި ގައުން

28 އޮކްޓޯބަރު 2023 - 10:52 0

މެއި 6، 2021 ގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށް ފަހު، އެމަނިކުފާނު ފަރުވާއަށް ވަޑައިގަތީ އޭޑީކޭ ހޮސްޕިޓަލަށެވެ. ފުރާނައަށް ނުރައްކާވާ މިންވަރަށް އެމަނިކުފާނުގެ ހަށިގަނޑަށް ވަދެފައި ހުރި ރޭޒާ ފުށްތައް ނެގުމަށް 16 ގަޑިއިރުގެ އޮޕަރޭޝަންތައް ކުރި އެވެ.

ނަޝީދުގެ ފުއްޕާމޭ، ގޮހޮރު، ކަކޫ، ފަލަމަސްގަނޑު އަދި ލިވާއިންވެސް ރޭޒާ ފުށް ނެގި އެވެ. ރިބެއް ވެސް ފުނޑު ފުނޑުވި އެވެ. ބަނޑާއި ގޮހޮރު އަދި ލިވާ ވެސް ފޫދިޔަ އެވެ. ޑޮކްޓަރުންގެ ޓީމުން ބުނި ގޮތުގައި ސާޖަރީއަކަށް ފަހު ސާޖަރީއެއް ނިންމައި ކެތު ލެބުގައި ވަރަށް ކްރިޓިކަލް ޕްރޮސީޖާއެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

ޑޮކްޓަރުން ކުރިން ތައްޔާރުވެފައި ނުވާ ހާލަތަކަށް ނަޝީދަށް ނުރައްކާވެފައި އޮތުމުން އެމަނިކުފާނުގެ ފުރާނަ ސަލާމަތްކުރަން ޑޮކްޓަރުންނަށް ގޮންޖެހުންތައް ކުރިމަތިވި ކަމަށް ވެސް ހަމަލާއަށް ފަހު ޑޮކްޓަރުންގެ ޓީމުން ބުނެފައިވެ އެވެ.

އޭޑީކޭގެ "ބްރައިން އެންޑް ސްޕައިން ކޮންފަރެންސް" ފަށަން ވިލާ ނޯޓިކާގައި ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލުން ނަޝީދަށް ހަދިޔާކުރީ އޮޕަރޭޝަންތައް ކުރި އިރު އެމަނިކުފާނު ތުރުކުރެއްވި "ޕޭޝަންޓް ގައުން" އެވެ.

ނަޝީދުގެ ޕޭޝަންޓް ގައުންއާއިއެކު، އޮޕަރޭޝަން ކުރި އިރު އެމަނިކުފާނުގެ އަތުގައި އަޅާފައި އޮތް އައިޑެންޓިފިކޭޝަން ބޭންޑު ފްރޭމަކަށް ލާފައި ނަޝީދާ ހަވާލުކުރި އިރު، އެމަނިކުފާނު ވަނީ އޭޑީކޭ ހޮސްޕިޓަލުން ދިން އަވަސް، ފުރިހަމަ ފަރުވާއަށް ޝުކުރު އަދާކުރައްވާފަ އެވެ.

"އަޅުގަނޑު ހެޔޮ ހާލުގަ ތިޔަ ބޭފުޅުންގެ ކުރިމަތީގައި ހުއްޓި މި ހުރި ހަމައެކަނި ސަބަބަކީ ކުޅަދުންވަންތަ އިލާހުގެ ވާގިފުޅާ އެކު، މއި 6، 2021 ގައި އަޅުގަނޑު [ފަރުވާއަށް] އޭޑީކޭ ހޮސްޕިޓަލަށް ފޮނުއްވުމުން،" ނަޝީދު ވިދާޅުވި އެވެ.

އޭޑީކޭއިން ރައީސް ނަޝީދަށް ހަދިޔާ ކުރެއްވި ފްރޭމުގައި ޑޮކްޓަރުންނާއެކު ނަގާފައިވާ ތަސްވީރެއް ވެސް ވަނީ ހިމަނާފަ އެވެ.

އޭޑީކޭއިން ނަޝީދަށް ހަދިޔާ ކުރި ފްރޭމް -- ފޮޓޯ: އިޔާން/އަދަދު


އޭޑީކޭ ގުރޫޕުގެ ސީއީއޯ އަދި ޗެއާމަން އަހްމަދު ނާޝިދް ވިދާޅުވީ ހިތާމަވެރި ހާދިސާއެއްގެ ހަނދާންތައް އާކުރުވި ކަމުގައި ވިޔަސް، މި ގައުންއަކީ ރައީސް ނަޝީދު އަދި އޭޑީކޭއަށް ވެސް ތާރީހީ އެއްޗެއް ކަމަށެވެ. އެގޮތުން ގައުން ނަޝީދަށް ހަދިޔާކުރީ އެމަނިކުފާނަކީ ތާރީހަށް ލޯބިކުރައްވާ އަދި އެފަދަ އެއްޗެހި އެއްކުރައްވާ ބޭފުޅަކަށް ވާތީ ކަން ނާޝިދް ފާހަގަކުރެއްވި އެވެ.

"އެކަމަކީ ދެން ވެ ހިނގާފަ އޮތް ހިތާމަވެރި ހާދިސާއެއް. އަޅުގަނޑުމެން ގައުން ބާއްވާފަ އެއޮތީ ކޮންމެވެސް ކަހަލަ މުނާސަބު ކަމަކާ ގުޅިގެން[ދިނުމަށް އަދި] ރައީސް ނަޝީދު ތާރީހަށްޓަކާ ބާއްވަން ބޭނުންފުޅު ވެދާނެތީ. ތާރީހަށް ލޯބިކުރައްވާ ބޭފުޅަކަށް ވާތީ އެ އެއްޗެހި ބާއްވަން ބޭނުންވެދާނެތީ،" އޭޑީކޭ ގުރޫޕުގެ ސީއީއޯ އަދި ޗެއާމަން ނާޝިދް ވިދާޅުވި އެވެ.

މިއަދު ފެށިގެން އެދިއައީ އޭޑީކޭގެ ފަސް ވަނަ "ބްރައިން އެންޑް ސްޕައިން ކޮންފަރެންސް" އެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުގެ ތަޖުރިބާކާރު ޑޮކްޓަރުން ބައިވެރިވާނެ އެވެ. މިއަދު އަދި މާދަމާ ކޮންފަރެންސްގެ ވޯކްޝޮޕްތަކާއި ސެޝަންތައް ވިލާ ނޯޓިކާ ރިސޯޓުގައި ކުރިއަށްދާނެ އެވެ.