އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި އޭރު ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރައީސް ނަޝީދު، އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު. -- ފޮޓޯ: އަދަދު
މިވަގުތު ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި މި ވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން،" އެކްސްގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ނަޝީދުގެ އެ ހުށަހެޅުމާމެދު ދެކޭ ގޮތް ހޯދަން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި ރައީސް އަބްދުﷲ ޝާހިދަށް މި ނޫހުން ގުޅި ނަމަވެސް މިވަގުތަށް އެ ދެ ބޭފުޅުން ވެސް އެއްޗެއް ވިދާޅެއްނުވި އެވެ.
ޑިމޮކްރެޓްސްއަކީ ނަޝީދު އާއި ނަޝީދުގެ ފިކުރުގައި އެމްޑީޕީގައި މަސައްކަތް ކުރި މެންބަރުންތަކެއް އުފެއްދި ޕާޓީއެކެވެ. އެމަނިކުފާނު އެމްޑީޕީއިން ވަކިވެވަޑައިގަތީ ޖޫން 21، 2023، ގަ އެވެ.
އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅެން މިއަދު ނަޝީދު ގޮވައިލެއްވިއިރު، އެ ދެ ޕާޓީ އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ނަޝީދު އެމްޑީޕީއިން ވަކިވެވަޑައިގަތީ ސޯލިހާ ދެމެދު މައްސަލަތަކަކަށްފަހެވެ. އެންމެ ބޮޑު މައްސަލައަކަށްވީ ދެ ވަނަ ދައުރަކަށް ސޯލިހު ވާދަ ކުރައްވަން ނިންމެވުމެވެ.
އެ އަހަރު ކުރީކޮޅު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ސޯލިހެވެ. އޭގެ ފަހުން ނަޝީދު ގެންދެވީ "ފިކުރެއްގެ ދިރުން" ނަމުގައި ޕާޓީ ތެރޭގައި ފެކްޝަނެއް ހިންގަވަމުންނެވެ.
އެންމެފަހުން 2023 ގައި ބޭއްވި ރިޔާސީ އިންތިހާބުން ސޯލިހަށް ނާކާމިޔާބީ ލިބުނުއިރު ނަޝީދުގެ ޑިމޮކްރެޓްސް އިން ވެސް އެ އިންތިހާބުގައި ވާދަ ކުރި އެވެ. އެ ޕާޓީއަށް ގާތްގަނޑަކަށް 15،000 ވޯޓު ލިބުނެވެ.
އެމްޑީޕީއަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވި އެންމެ ބޮޑު އެއް ސަބަބަކީ ނަޝީދާއި ސޯލިހު އެކީގައި މަސައްކަތް ނުކުރެއްވުން ކަމަށް ވަރަށް ބަޔަކު ފަހުން ބުންޏެވެ.
Comment