Advertisement

އޭޑީކޭގެ ކޮންފަރެންސްގައި ނަޝީދު އާކުރެއްވީ ބޮމުގެ ހަމަލާއަށް ފަހު ދިން ފަރުވާގެ ހަނދާން

25 އޮކްޓޯބަރު 2023 - 11:16 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އޭޑީކޭގެ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ފެށުމުގެ ޖަލްސާގައި ނަޝީދު ވާހަކަދައްކަވަނީ : އެމަނިކުފާނު ވަނީ ހަމަލާއަށްފަހު އޭޑީކޭއިން ދިން ފުރިހަމަ ފަރުވާއަށް ޝުކުރާއި ތައުރީފު އަދާކުރައްވާފަ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އޭޑީކޭގެ ކޮންފަރެންސްގައި ނަޝީދު އާކުރެއްވީ ބޮމުގެ ހަމަލާއަށް ފަހު ދިން ފަރުވާގެ ހަނދާން

25 އޮކްޓޯބަރު 2023 - 11:16 0

މެއި 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށްފަހު އޭޑީކޭ ހޮސްޕިޓަލުން ދިން އަވަސް، ފުރިހަމަ ފަރުވާގެ ހަނދާން އާކުރައްވައި އެ ހޮސްޕިޓަލަށް އެމަނިކުފާނު އަނެއްކާ ވެސް ޝުކުރު އަދާކުރައްވައިފި އެވެ.

އޭޑީކޭއަށް އެމަނިކުފާނު މީގެ ކުރިން ވެސް ޝުކުުރު އަދާކުރައްވައި ތައުރީފު ކުރެއްވި އެވެ.

އާ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި އިންތިހާބުވި ފުރަތަމަ ރައީސް، އެ ވާހަކަތައް ތަކުރާރުކުރެއްވީ މިއަދު އޭޑީކޭ އިން ކޮންމެ އަހަރަކު ބާއްވާ "ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް"ގެ މި އަހަރުގެ އެޑިޝަން ފަށަން ވިލާ ނޯޓިކާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެެއްވަމުންނެވެ.

މިއަދު އެ ތަނުގައި ހުންނެވޭ ހަމައެކަނި ސަބަބަކީ މެއި 6، 2021 ގައި އެމަނިކުފާނަށް ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދުމަށް އޭޑީކޭއަށް ގެންދަން މާތް ﷲ މެދުވެރިކުރެއްވުން ކަމަށް ވާހަކަފުޅު ފައްޓަވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

"އޭޑީކޭއަށް ގެންދިއުމުން ޑރ. އަލީ ނިޔާފު ލީޑު ކުރައްވާ ތިބޭފުޅުންގެ ހުނަރުވެރި މެޑިކަލް ޓީމުން އެކި ފަހަރުމަތިން އަޅުގަނޑުގެ ފުރާނަ ސަލާމަތް ކުރެއްވި، ހަށިގަނޑުގެ އެތައް މިތަނުން ރޭޒަރު ފުށްތައް ނެގުމަށް އެތައް މަސައްކަތެއް ކުރެއްވި," ނަޝީދު ވިދާޅުވި އެވެ.

މެއި ހައެއްގައި ދިން ހަމަލާގައި ފުރާނައަށް ނުރައްކާވާ މިންވަރަށް ހަށިގަނޑަށް ވަދެފައި ހުރި ރޭޒާ ފުށްތައް ނެގުމަށް 16 ގަޑިއިރުގެ އޮޕަރޭޝަންތައް ކުރަން ޖެހުނެވެ. ޑޮކްޓަރުން ކުރިން ތައްޔާރުވެފައި ނުވާ ހާލަތަކަށް ނަޝީދަށް ނުރައްކާވެފައި އޮތުމުން އެމަނިކުފާނުގެ ފުރާނަ ސަލާމަތްކުރަން ޑޮކްޓަރުންނަށް ގޮންޖެހުންތައް ކުރިމަތިވި ކަމަށް ވެސް ހަމަލާއަށް ފަހު ޑޮކްޓަރުންގެ ޓީމުން ބުނެފައިވެ އެވެ.

އެގޮތުން, ނަޝީދުގެ ފުއްޕާމޭ، ގޮހޮރު، ކަކޫ، ފަލަމަސްގަނޑު އަދި ލިވާއިންވެސް ރޭޒާ ފުށް ނެގި އެވެ. ރިބެއް ވެސް ފުނޑު ފުނޑުވި އެވެ. ބަނޑާއި ގޮހޮރު އަދި ލިވާ ވެސް ފޫދިޔަ އެވެ. ޑޮކްޓަރުންގެ ޓީމުން ބުނި ގޮތުގައި ސާޖަރީއަކަށް ފަހު ސާޖަރީއެއް ނިންމައި ކެތު ލެބުގައި ވަރަށް ކްރިޓިކަލް ޕްރޮސީޖާއެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

އޭޑީކޭގެ އަވަސް ފުރަވާއަށްފަހު ނަޝީދު ޖަރުމަނަށް ވަޑައިގެންވެސް އިތުރު ފަރުވާ ހޯއްދެވި އެވެ.

އެ ހަނދާންތައް އާ ކުރައްވާ ނަޝީދު ވިދާޅުވީ، އެ ހަފުލާގައި ސިއްހީ ދާއިރާގެ އިލްމީ އެތައް ބަޔަކު ތިބި ނަމަވެސް، އެ ބޭފުޅުން ކުރައްވާ މަސައްކަތުގެ މުހިންމުކަން އެންމެ ރަނގަޅަށް އިހުސާސުވާނީ އެމަނިކުފާނަށްކަން ގަބޫލުކުރައްވާ ކަމަށެވެ. އެ ހިދުމަތްތަކަށް ނަޝީދު ތަކުރާރުކޮށް ޝުކުރު އަދާކުރެއްވި އެވެ.

މިއަދު ފެށިގެންދާ ކޮންފަރެންސާ ބެހޭގޮތުން ނަޝީދު ވިދާޅުވީ، ސިކުނޑި އަދި މައިބަދައިގެ އޮޕަރޭޝަންތަކުގެ އިލްމަކީ އިންސާނީ ފުރާނައަށް އެންމެ މުހިންމު އެއް އިލްމު ކަމަށެވެ.

މިފަދަ ކޮންފަރެންސެއް އޭޑީކޭން އެންމެ ފުރަތަމަ ބޭއްވީ 2017 ވަނަ އަހަރު އެވެ. އެފަހަރުގެ ކޮންފަރެންސް ހާއްސަކުރީ ހަމައެކަނި މައިބަދައިގެ ބަލިތަކަށެވެ. އަދި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ލައިވް ސާޖަރީއެއް ފުރިހަމަކުރީ ވެސް އެ ކޮންފަރެންސްގެ ތެރެއިންނެވެ.

އޭގެ ފަހުން 2018 އަދި 2019 ގައި ކޮންފަރެންސްގެ ދާއިރާތައް ފުޅާކޮށް ހުރިހާ ބާވަތެއްގެ ނާރުގެ ބަލިތަކަށް ހާއްސަކުރި އެވެ. ކޮވިޑަށް މެދުކަނޑާލުމަށް ފަހު އަނެއްކާ ވެސް މިދިޔަ އަހަރުން ފެށިގެން އޭޑީކޭން އަންނަނީ މި ކޮންފަރެންސް ބާއްވަމުންނެވެ.