ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ލިޔެކިޔުންތަކެއް ނައްތާލަމުން ދަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާނެ ކަމަށް ގައުމީ އަރުޝީފުގެ ޑިރެކްޓަރު މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރު) ވިދާޅުވެއްޖެ އެވެ.
އެފްއެސްއެމް އިން ގޮނގުރެޓު މެޝިނަކަށް ލިޔެކިޔުންތަކެއް އަޅައި ނައްތާލާ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާއްމުކުރީ އެ ކުންފުނީގެ މުވައްޒަފެކެވެ. އިންތިގާލީ މަރުހަލާގެ ތެރޭގައި އެފަދަ ކަމެއް ކުރުމަކީ ގޯހެއް އުޅުން ކަމަށް ޝައްކުކޮށް އެ ވީޑިއޯ އާއްމުކުރި މުވައްޒަފު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އެފްއެސްއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުހިއްމު އެއްވެސް ލިޔެކިޔުމެއް ނައްތާނުލާ ކަމަށާއި އެކަމަކު ގިނަދުވަސްވެފައި ހުންނަ، ކުންފުންޏަށް އިތުރަށް ބޭނުންނުވާ ބައެއް ލިޔެކިޔުން ނައްތާލަމުންދާ ކަމަށެވެ.
ދައުލަތުގެ ލިޔެކިޔުންތައް ބެލެހެއްޓުމުގެ ޒިންމާ އޮންނަ ގައުމީ އަރުޝީފުގެ ބެލެނެވެރި މިނިސްޓްރީ ކަމަށްވާ ހެރިޓޭޖުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު (މަނަދޫ ތޯރިގު) މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނާ ހިލާފަށް ބައެއް މުއައްސަސާތަކުން ލިޔެކިޔުން ނައްތާލާ މައްސަލަ ބަލަން ފުލުހަށް ގޮވާލައިފަ އެވެ.
"ދައުލަތުގެ އެއްވެސް ލިޔުމެއް ގާނޫނާ ހިލާފަށް ނައްތާލުމުގެ ޖާގަ ދެވިގެން ނުވާނެ،" އޭނާގެ ޓްވީޓުގައިވެ އެވެ.
އެފްއެސްއެމް އިން ލިޔެކިޔުން ނައްތާލީ ގާނޫނާ އެއްގޮތަށްތޯ ބެލުމަށް "އަދަދު" އިން އަރުޝީފަށް ގުޅުމުން ފަރެސް އާމިރު ވިދާޅުވީ ގާނޫނާ އެއްގޮތަށް ނައްތާލެވޭނީ އަރުޝީފަށް އަންގައިގެން ކަމަށާއި ނަމަވެސް އެފްއެސްއެމް އިން އެ އިދާރާ އަށް އަންގާފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ގާތު ހޭ ވެސް އަހާ ނުލާ،" އާމިރު ވިދާޅުވި އެވެ.
"މީޑިއާ އިން ފެނުނީ އަޅުގަނޑަށް ވެސް."
އާމިރު ވިދާޅުވީ އެހެންވެ އެ މައްސަލަ ފުލުހަށް ހުށަހަޅަން ނިންމީ ކަމަށާއި އެގޮތަށް ނިންމީ މިނިސްޓަރު ޔުމްނާ މައުމޫނާއި ސްޓޭޓް މިނިސްޓަރު ތޯރިގާ މަޝްވަރާކޮށްފައި ކަމަށެވެ.
މިފަދަ މައްސަލަތައް ތަހުގީގު ކުރަން ގޮވާލައްވައި ތޯރިގް ކުރެއްވި ޓްވީޓަށް ތާއީދުކުރައްވައި ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ ލިޔެކިޔުން ނައްތާލަންވާނީ އަރުޝީފު ގާނޫނު ބުނާ ގޮތަށް، ގައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނަރަލްގެ އިރުޝާދުގެ ދަށުން ކަމަށެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ނައްތައިލި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ފުލުހަށް ރިޕޯޓްކޮށްފަ އެވެ.
އޭސީސީން ނެރުނު ބަޔާނުގައި ބުނީ އެފަދަ ލިޔެކިޔުންތައް ބަދަލުކުރުމާއި، ނައްތައިލުން އަދި ފޮރުވުން ފަދަ ކަންކަމަކީ އެ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް ހުރަސް އެޅޭނެ ކަމަކަށް ވާތީ އެފަދަ ކަންކަން ހުއްޓާލުމަށް އަންގާ ކަމަށެވެ.
ތެލާއި ގޭހުގެ ވިޔަފާރި ކުރާ ދައުލަތުގެ ކުންފުނި ކަމަށްވާ އެފްއެސްއެމް އިން، މިކަން އާއްމުންގެ ސަމާލުކަމަށް ގެނައި މުވައްޒަފު ސަސްޕެންޑްކުރުމުން ވެސް ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އެފްއެސްއެމް އިން ބުނީ އޭނާ އަށް ފިޔަވަޅު އެޅީ ހަގީގަތް އޮޅޭ ގޮތަށް ވީޑިއޯ ނަގައި އާންމުންނަށާއި ކަސްޓަމަރުންގެ މެދުގައި ކުންފުންޏާމެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމުން ކަމަށެވެ.
Comment