Advertisement

ޒިންމާވާނެ އިދާރާއެއް ނެތި، މަސައްކަތްތެރިންގެ ފުރާނަ ނުރައްކަލުގައި!

30 އޮކްޓޯބަރު 2023 - 10:25 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މަސައްކަތް އޮތް ނުރައްކާ ރަމްޒުކޮށްދޭ ކުރެހުމެއް. އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު


ޒިންމާވާނެ އިދާރާއެއް ނެތި، މަސައްކަތްތެރިންގެ ފުރާނަ ނުރައްކަލުގައި!

30 އޮކްޓޯބަރު 2023 - 10:25 0

އޮކްޓޫބަރު 19، ވަނަ ދުވަހުގެ މެންދުރު 11:45 ހާއިރު ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި ގޭސް ސިލިންޑަރެއް ގޮވި ހާދިސާއެއް ފުލުހުންނަށް ރިޕޯޓު ކުރި އެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ އެއާޕޯޓުގެ ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގަ އެވެ. ހާދިސާގައި އަނިޔާ ލިބުނީ ކުޅުދުއްފުށީ އެއާޕޯޓުގެ އަލިފާން ނިއްވުމާ ބެހޭ ބައިގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފަކަށެވެ. އޭގެ ތެރެއިން އެއް މުއައްޒަފަކަށް ލިބުނު ސީރިއަސް ޒަހަމްތަކަށް އިތުރު ފަރުވާކުރަން އޭނާ ވަނީ އިންޑިއާއަށް ގެންގޮސްފަ އެވެ.

އޭގެ ދެދުވަސް ފަހުން، އޮކްޓޫބަރު 21، ވަނަ ދުވަހުގެ ހަވީރުގެ 16:15 ހާއިރު ހދ. މަކުނުދޫގެ ރައްޔިތުން ސިއްސުވާލީ އެ ރަށު ބަނދަރު ސަރަހައްދުގައި ބާރު ގަދަ އެއްޗެއް ގޮވައިގެންނެވެ. އެ ހާދިސާގައި ބިދޭސީ މަސައްކަތްތެރިންގެ ދެމީހެއްގެ ފުރާނަ ގެއްލުނެވެ. އެ ހާދިސާ ހިނގީ ވެލްޑިން ކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ގޭސް ސިލިންޑަރެއް ގޮވައިގެންނެވެ.

އެ ގޮވުމުގެ ބާރު ގަދަ ކަމުން އެ މީހުންގެ ހަށިގަނޑުގެ ބައިތައް 200 ފޫޓަށް ވުރެ ދުރަށް ބުރައިގެން ގޮސް، ކާކުކަން ވަކި ކުރަން އުނދަގޫވި އެވެ. މަރުވީ މަކުނުދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން ކުރިއަށްގެންދާ މަޝްރޫއުގައި މަސައްކަތްކުރި ދެމީހެކެވެ. އެއީ އިންޑިއާގެ މުހައްމަދު ރާޖާ އަންސާރީ, 27, އާއި ސުދީރާ ސެތީ, 25, އެވެ.

ކޮންސްޓްރަކްޝަން ސައިޓެއްގައި މީހަކު އެއްޗެއް ވެލްޑިން ކުރަނީ. ފޮޓޯ:މިރާޝް ނާޝިމް/އަދަދު


ފާއިތުވި 10 އަހަރުގެ ތެރޭގައި މިފަދަ 17 ހާދިސާއެއްގައި 15 މަސައްކަތްތެރިއެއްގެ ފުރާނަ ގެއްލުނެވެ. ރާއްޖޭގެ މަސައްކަތު މާހައުލުގައި ހިނގި މިފަދަ ހުރިހާ ހާދިސާތަކުގެ މައުލޫމާތު ރަނގަޅަށް ރިކޯޑު ކުރެވިފައި ނެތުމުން ، މިއީ ވެސް ސީދާ ސައްހަ އަދަދަކަށް ނުވެދާނެ އެވެ. ބެލެވޭ ގޮތުގައި މަސައްކަތުގެ މާހައުލުގައި ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިއަށް ވުރެ އަދި އިތުރުވާނެ އެވެ.

މަސައްކަތު މާހައުލުގައި ހުރި މިފަދަ އެތައް ކަންބޮޑުވުންތަކަކަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ "މަސައްކަތު މާހައުލުގެ ސަލާމަތާ ރައްކާތެރިކަމުގެ ބިލް" ރައްޔިތުންގެ މަޖިލީހުގައި އެބަ އޮތެވެ. ނަމަވެސް، ބިލް ފާސްކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭކަމަކީ މަސައްކަތްތެރިން އަދި ދާއިރާގެ މާހިރުންގެ ވެސް ކަންބޮޑުވުމެވެ.

ރާއްޖޭގައި ކުރާ ނުރައްކާތެރި މަސައްކަތްތައް

ކޮންސްޓްރަކްޝަން، ދަނޑުވެރިކަން، ފައިބަރު މަސައްކަތް، މަސްވެރިކަން، ގަރާޖުތައް، ޑައިވިން، ފަދަ މަސައްކަތްތަކަކީ ވެސް އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކުރަން ޖެހޭ މަސައްކަތްތަކެވެ. މި ސިނާއަތްތަކުގައި މަސައްކަތްކުރާއިރު، ރަނގަޅަށް ރައްކާތެރިވުމުގެ ފިޔަވަޅު ނޭޅުމުގެ ސަބަބުން ހިތާމަވެރި ހާދިސާތަކެއް ހިނގާފައި އެބަ ހުއްޓެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯއިން) ރާއްޖޭގައި ކުރި ދިރާސާއެއްގައި އެ ހުރިހާ މަސައްކަތްތެރިންނަށް ކުރިމަތިވާ ހިރާސްތައް ތަފްސީލްކޮށްދީފައިވެ އެވެ.

ކޮންސްޓްރަކްޝަން: ފާރުގައި ލާ ކުލައާއި ތެރެހާއި އިރުގެ ޔޫވީ ރޭތަކާއި، ވެލްޑު ކުރާއިރު ބުރާ ކަނި، ޕެސްޓިސައިޑްގެ އިތުރުން ޕަވާ ޓޫލްސް އޮޕަރޭޓު ކުރަމުގެ ތެރެއިން މަސައްކަތްތެރިންނަށް ގިނަ ގެއްލުންތަކެއް ލިބިފައިވެ އެވެ. ކަރަންޓުގައި ޖެހިގެން ވެސް ގިނަ ގެއްލުންތަކެއް ލިބިފައި އެބަ ހުއްޓެވެ.

މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ ސެޕްޓެމްބަރު 17، 2022 ގައި އިމާރާތްކުރުމުގެ މަސައްކަތުގައި އުޅުނު ބިދޭސީއެއްގެ ގަޔަށް ދަގަނޑެއް ހެރުނު ހާދިސާ އެވެ. ހ. ޒާހަމްގައި ހަދަމުން އަންނަ 10 ބުރީގެ އިމާރާތުގެ ހަވަނަ ފަންގިފިލަޔަށް، އެ އިމާރާތުގެ ވައިގޮޅިން ނަގަން އުޅުނު ދަގަނޑުތަކެއް ދޫވި ވަގުތު މަސައްކަތްތެރީންގެ އެކަކު ހުރީ ވައިގޮޅިން މަތިބަލާށެވެ. ހަ ފޫޓު ދިގު ދަގަނޑުބުރިއެއް އެވަގުތު އައިސް ވަނީ އޭނާގެ ގަޔަށެވެ.

އެތަނުގައި މަސައްކަތް ކުރި މީހުން އޭރު ބުނެފައިވާ ގޮތުގައި ވައިގޮޅިން ވާ ޖަހައިގެން މައްޗަށް ނަގަމުން ދިޔަ ދަނގަނޑުތައް ފައިބައިގަތީ ކީއްވެ ކަމެއް ނޭނގެ އެވެ. އެ ވަގުތު ވައިގޮޅިން މައްޗަށް ބަލައިލެވުމަކީ މަސައްކަތްތެރިޔާއަށް ހެދުނު ގޯހެކެވެ.

މި ހާދިސާގައި އެ ދަގަނޑުތައް ފައިބަން މެދުވެރިވީ ސަބަބާއި، އެތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ހުރި ވަރެއް ބެލިފައެއް ނުވެ އެވެ. އަދި މަސައްކަތްތެރިއާއަށް ލިބުނު ބޮޑު ގެއްލުމަށް އިހުމާލުވާންޖެހޭ ފަރާތެއް ވޭތޯ ކަނޑައަޅައި، އެކަން ތަހުގީގުކުރި ކަން ވެސް އެނގޭކަށް ނެތެވެ.

އިމާރާތް ކުރުމުގެ ސިނާއަތުގެ އިތުރުން ފައިބަރުމަސައްކަތް ކުރާ މީހުންނަކީ ވެސް ނުރައްކާތެރި ކެމިކަލްތަކުގެ ތެރޭގައި މަސައްކަތްކުރާ ބައެކެވެ. ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމާއި ހަމުގެ މައްސަލަތައް ކުރިމަތިވުމުގެ ނުރައްކާ އެމީހުންނަށް ބޮޑެވެ. ކިޑްނީ މައްސަލަތަކާއި ލިވާ މައްސަލަޖެހުމާއި ކެންސަރު ޖެހުމުގެ ނުރައްކާ ވެސް އޮވެ އެވެ.

ދަނޑުވެރިން ބޭނުންކުރާ ބާރުގަދަ ކެމިކަލްތަކުގެ ސަބަބުން އެމީހުންނަށް ނުރައްކާވާއިރު، އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަަޅުތައް ނާޅައި ގަދަ އަވީގައި މަސައްކަތްކުރަން ޖެހުމަކީ ދަނޑުވެރިންގެ އިތުރުން މަސްވެރިންނަށް ވެސް ހުރި ހިރާސްތަކެވެ. އެގޮތުން ހަމުގެ މައްސަކަތައް ޖެހުމާއި، ލޮލުގެ ފެނުމަށް ގެއްލުންވެ އެވެ.

ކަނޑަށް ވެއްޓި ވީނުވީއެއް ނޭނގި ގެއްލުމަކީ ވެސް މަސްވެރިންނަށް އޮތް ހިރާހެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ފާހަގަކުރެ އެވެ. އޮކްޓޯބަރު 14، ގައި އދ. ދަނގެތި އިބްރާހީމް (ޔޫސުފްބެ), 68, ގެއްލުނީ މިފަދަ ގޮތަކަށެވެ. އެ ދުވަހު ފަތިހު ކުޑަ އިންޖީނު ދޯންޏެއްގައި ޔޫސުފް މަސްވެރިކަމަށް ނިކުތީ އދ. އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށެވެ. އޭނާ މަހަށް ދިޔަ ދޯނި އދ. ރަންދެލި އުތުރު ކަނޑުއޮޅިން ދަނިކޮށް ބަޔަކަށް ފެނުނީ އެ ދުވަހު ހެދުނު 09:00 އާއި 09:30 އާ ދެމުދު ވަގުތެއްގަ އެވެ.

ޔޫސުފް ހޯދުމަށްޓަކައި ޑައިވުކޮށްގެން ގާތްގަނޑަކަށް 80،000 އެއްހާ އަކަ މީޓަރުގެ ސަރަހައްދެއް ސިފައިން ވަނީ ބަލައިފަ އެވެ. ނަމަވެސް، އޭނާ ފެނިފައެއް ނުވެ އެވެ.

މިފަދައިން އެކަނި މަސްވެރިކަމަށް ނުކުތުމަކީ ރާއްޖޭގައި އާންމުކަމަކަށް ވާއިރު، މިފަދަ ހާލަތްތަކުގައި އަމަލުކުރަންޖެހޭނެ ގޮތް ކިޔައިދީ، މަސްވެރިން ހޭލުންތެރިކުރުވަންޖެހެ އެވެ. އަޅަންޖެހޭ މުހިއްމު ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ކަނޑައެޅި، އަމަލުކުރެވޭތޯ ޔަގީންކުރަންޖެހެ އެވެ.

ފުޅިއަޅަިއގެން ފީނުމާއި، ކާރާއި ސައިކަލް އަދި އެ ނޫން ވެސް ވެހިކަލްތައް މަރާމާތު ކުރާ ގަރާޖުތަކުގައި މަސައްކަތް ކުރުމަކީ ވެސް ރާއްޖޭގައި ކުރާ ނުރައްކާތެރި މަސައްކަތްތަކުގެ ލިސްޓުގައި ހިމެނޭ ކަންކަމެވެ.

މަސައްކަތު މާހައުލުގެ ބިލް މަޖިލީހުގައި ތާށިވެފައި

މަސައްކަތު މާހައުލުގެ ސަލާމަތާ ރައްކާތެރިކަމުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ނޮވެމްބަރު 13، 2022 ގައެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.

ބިލުގައި ހިމަނާފައިވާ ބައިތައް:

  • މަސައްކަތްތެރިޔާގެ ހައްގުތައް
  • ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ ޒިންމާތަކާއި ބާރުތައް
  • މަސައްކަތު މާހައުލާ ގުޅުންހުރި ފަރާތްތަކުގެ އާންމު ޒިންމާތައް
  • މަސައްކަތް ކުރުމުގައި ހުއްދަ ދިނުން
  • އެކްސިޑެންޓް ރިޕޯޓުކުރުމާއި ތަހުގީގު ކުރުން
  • އަނިޔާގެ ސަބަބުން ނަގައިދެވޭ ހަރަދާއި ގެއްލުމުގެ ބަދަލު
  • ކުށާއި އަދަބު

މި ބިލުގައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތްތެރިންގެ އަދި މަސައްކަތު މާހައުލުގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާ ބެހޭ ސިޔާސަތުތައް ކަނޑައަޅާނީ މިނިސްޓަރުކަމަށް ކަނޑައަޅައިފަ އެވެ.

އެ ބިލު ގާނޫނަކަށް ވުމަށް ފަހު އެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަސް ތެރޭގައި، މިނިސްޓްރީގެ ދަށުން "ވޯކް ޕްލޭސް ސޭފްޓީ އެންޑް ހެލްތް އެޑްވައިޒަރީ ކައުންސިލް" ގެ ނަމުގައި މަލްޓި އެޖެންސީ ކައުންސިލެއް އުފައްދަންޖެހޭނެ ކަމަށް ބިލުގައި އެބަ އޮތެވެ. އެވެ. މަސައްކަތްތެރިންގެ ރައްކާތެރި ކަމަށް ޓަކައި ކައުންސިލުތަކުން އަދާކުރަން ޖެހޭ ޒިންމާތައް ވެސް އެ ބިލުގައި ކަނޑައަޅާފައި އެބަ އޮތެވެ.

މަސައްކަތްތެރިންނަކީ ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 80 ޕަސެންޓަށް ވާއިރު، މަސައްކަތުގެ މާހައުލުގައި އެ މީހާއަށް ލިބޭ އަނިޔާގެ ބުރަ އުފުލަންޖެހެނީ މުޖްތަމައު އަދި އެމީހުންގެ އާއިލާތަކެވެ.

ގިނަ ދުވަސްތަކެއް ވެގެން ދިޔައިރު، މިފަދަ އެތައް ބައެއްގެ މަސްލަހަތާއި ގުޅިފައިވާ މައްސަލައެއްގެ ބިލް މަޖިލީހުގައި ހުއްޓިފައި އޮތުމަކީ އެ މަސައްކަތްތެރިންނަށް ލިބިގެންދާ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ގޮތުގައި ދާއިރާގެ ތަޖުރިބާކާރުން ވެސް އެއްބަސްވެ އެވެ.

"[މަސައްކަތު މާހައުލުގެ ސަލާމަތާ ރައްކާތެރިކަމުގެ ބިލް]ބިލް މަޖިލީހުގަ ހުއްޓިފަ އޮތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. މިއޮއް ހުރިހާ ދުވަހު ގާނޫނއް ނެތުމަކީ ވެސް ނިކަމެތިކަމެއް. ސަރުކާރުގެ އަގުލަބިއްޔަތު އޮތް މަޖިލީހެއް އޮވެ އެ ބިލް ފާސްނުވެ އޮތުމަކީ ދެރަކަމެއް،" ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ރައީސް މައުރޫފް ޒާކިރު ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވި އެވެ.

މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް އަޑުއުފުއްލަވާ ބޭފުޅެއް ކަމަށްވާ ފާތިމަތު ޝާއިރާ ދެކެވަޑައިގަންނަވާ ގޮތުގައި މި ބިލް ފާސްނުކޮށް ލަސްކުރަނީ އެ ބިލު ގާނޫނަކަށް ވެ، އަމަލުކުރަން ފަށައިފި ނަމަ ގެއްލުން ވާނެ ބަޔަކު ސަރުކާރުގެ އިސް މަގާމުތަކުގައި އަދި މަޖިލީހުގައި ވެސް ތިބީމަ އެވެ.

"މަޖިލީހުގަ ވެސް ވަރަށް ބޮޑަށް ރެޕްރެޒެންޓު އެބަކުރޭ ބޮޑެތި ކުންފުނިތަކުގެ އިންޓްރެސްޓް. ލޯ މޭކާސް އަކީ މަޖިލިސް، އެމީހުންގެ އިންޓްރެސްޓު އެބަ އޮވޭ މަސައްކަތްތެރިންނަށް ރައްކާތެރިކަން ނުދޭން. އެމީހުން ނަށް ވަރަށް ގެއްލުންވާނެ ކަމެއް އެއީ،" ޝާއިރާ ވިދާޅުވި އެވެ.

ތަމްރީނެެއް ނެތި މަސައްކަތް ކުރަން ޖެހުން

ރާއްޖޭގެ މަސައްކަތު މާހައުލުގައި ގިނަ އަދަދެއްގެ ނުރައްކާތެރި ހާދިސާތަކެއް ހިނގައި ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބެމުގެ މައިގަނޑު އެއް ސަބަބަކީ މަސައްކަތްތެރިންނަށް ދޭންޖެހޭ ތަމްރީނު ނުދީ މަސައްކަތް ކުރުވުމެވެ. މަސައްކަތު މާހައުލަށް ނުކުންނައިރު އަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ ގަވާއިދުތަކަށް އެމީހުން ހޭލުންތެރި ވެސް ނުކޮށް ތިބުމެވެ.

އެމްޕީއެލްގެ ޗީފް ރިސްކް އޮފިސާ އަދި މޯލްޑިވްސް އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އެސޯސިއޭޝަނުގެ ރައީސް، އިބްރާހީމް ޒާހިރު އެންމެ ބޮޑަށް ފާހަގަކުރެއްވީ އެ ނުކުތާ އެވެ.

"ވަޒީފާއެއް ވެއްޖިއްޔާ އެ މަސައްކަތްކުރާ މީހާ ވާންޖެހޭ ޓްރެއިންޑް މީހަކަށް. ކޮމްޕެޓެންޓް މީހަކަށް. އެކަން ފުރިހަމަވާއިރު އަސްލު މި އިންނަނީ ސޭފްޓީ ޕްރިކޯޝަން ނެގިފަ. ވަޒީފާއާ ގުޅޭ ގޮތުން ދޭ ތަމްރީނުގައި ހިމަނަންޖެހޭ އެއްޗެއް ސޭފްޓީ ޕްރިކޯޝަންއަކީ،" މަސައްކަތު މާހައުލުގެ ސަލާމަތާ ރައްކާތެރިކަމާއި ގުޅޭ ގޮތުން 'އަދަދު' އަށް ދެއްވި އިންޓަވިއުއެއްގައި ޒާހިރު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވީ ގިނަ ފަހަރު ރާއްޖެއަށް މަސައްކަތްތެރިންގެ ގޮތުގައި ގެންނަ ބިދޭސީންނަކީ އެމީހުން ހަވާލުވާ މަސައްކަތާއި ގުޅޭ ތަމްރީނު ހާސިލްކޮށްގެން ތިބޭ ބައެއް ނޫންކަމެވެ. އެފަދަ މީހުންނަށް ތަމްރީނު ދީ، ގަވާއިދުތަކަށް ހޭލުންތެރިކުރުން މުހިއްމުވަނީ މި ސަބަބާހުރެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮފީހެއްގެ ކޮމްޕިއުޓަރު ދަށުގަ އިނދެ މަސައްކަތްކުރާ މީހާއަށް ވުރެ ތަމްރީނު މާ މުހިއްމުވާ ރިސްކް އެކުލެވޭ ނުރައްކާތެރި މަސައްކަތް ކުރާ މީހާއަށް. ގިނަ ފަހަރު ރާއްޖޭގަ އެކަން ކުރަނީ ބިދޭސީން. އެމީހުންނަށް ގިނަ ފަހަރު ނޭނގޭ ދިވެހިން ވާހަކަދައްކަން ވެސް،" ޒާހިރު ވިދާޅުވި އެވެ.

ހދ. މަކުނުދޫގައި އޮކްޓޯބަރު 21، ވަނަ ދުވަހު ހިނގި ހާދިސާއިން ވެސް މި މައްސަލަ ފާހަގަކުރެވުނެވެ. ހާދިސާގައި މަރުވި ދެ މީހުންނަކީ ވެސް އެ ރަށުގައި އެއާޕޯޓެއް އަޅަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން ކުރިއަށްގެންދާ މަޝްރޫއުގައި މަސައްކަތްކުރާ މީހުންނެވެ. އެ މަސައްކަތް ހަވާލުކުރީ ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އަދި, ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި އެ މަސައްކަތް ކުރަނީ ބައިސަން މޯލްޑިވްސް އިންނެވެ.

ދެ ގޭސް ސިލިންޑަރު ގޮވީ ގޭސް ކަޓަރު ބޭނުންކުރުމުގެ ތެރޭގަ އެވެ. މި މަސައްކަތުގައި ބޭނުން ކުރި ސިލިންޑަރުތައް ގެންގުޅުމުގައި އަދި ގުދަންކުރުމުގައި އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫންކަން މަކުނުދޫއިން ވާހަކަދެއްކި މީހުންގެ ވާހަކަތަކުން ބެލެވެ އެވެ.

އެގޮތުން ސިލިންޑަރުތައް ބަނދަރު މަތީގައި ރޯލްކޮށްގެން އުފުލިކަމަށާއި، ގުދަންކޮށްފައި ހުރީ އަވީގައިކަން މަކުނުދޫއިން މަންޒަރު ދުއް މީހުން ފާހަގަކުރި އެވެ.

ގޭސް ކަޓާ ބޭނުންކުރުމުގައި ގޭސް ސިލިންޑަރު ގޮވަން މެދުވެރިވާ ގޮތްތައް


- ގުދަންކޮށްފައި ހުންނަ ގޮތުގެ ސަބަބުން އަދި ސިލިންޑަރު އުފުލާ ގޮތެއްގެ ސަބަބުން ޕްރެޝަރު އިތުރުވުން އަދި ސިލިންޑަރަށް ހޫނުވުން - ޕްރެޝާ ރިލީފްކުރާ އޮޓޮމެޓިކް ޑިވައިސް ސިލިންޑަރުގައި ނެތުން - ގޭސް ފުޅި ރަނގަޅަށް އިންސްޕެކްޓް ނުކުރުން އަދި މީގެ ސަބަބުން ދެ ސިލިންޑަރުގައި ދެވަރަށް ގޭސް ހުރުން ނުވަތަ ގޭސް ފުޅިން ލީކް ވުން - ގޭސްފުޅި ޕެޓްރޯލް ފަދަ އެއްޗެއްގެ ކައިރީ ބެހެއްޓުން

ރެގިއުލޭޓަރީ އިދާރާއަކަށް އަދި ގާނޫނަކަށް ބޭނުންޖެހިފައި

"މަސައްކަތު މާހައުލުގެ ސަލާމަތާ ރައްކާތެރިކަމުގެ ބިލް" ގައި ބުނާ ފަދަ "ވޯކް ޕްލޭސް ސޭފްޓީ އެންޑް ހެލްތް އެޑްވައިޒަރީ ކައުންސިލް" ނުވަތަ މަސައްކަތުގެ މާހައުލު އިންސްޕެކްޓްކުރާނެ ފަރާތެއް ރާއްޖެއަށް ވަރަށް އަވަހަށް ބޭނުންވާކަން ދައިރާގެ މާހިރުން ފާހަގަކުރައްވަ އެވެ. އަދި ރާއްޖޭގެ މަސައްކަތު މާހައުލުގައި މިހާރު އެފަދަ ސަލާމަތީ ނިޒާމަކާއި ގަނޫނެއް ނެތުމަކީ ބޮޑު ކަންބޮޑުވުމެކެވެ.

"ގާނޫނީ ގޮތުން އެމީހަކު އެއީ ކޮމްޕެޓެންޓް މީހެއްތޯ ބަލާނެ މިންގަނޑެއް ނެތް. ބަލާނެ ބަޔަކު ނުތިބޭ، ސޭފްޓީ ސުޕަވައިޒަރުންނެއް ނުތިބޭ، ދިވެހިރާއްޖޭގަ އަސްލު ނޯވޭ މިކަން މޮނީޓާ ކުރާނެ އެއްވެސް ކަހަލަ މެކޭނިޒަމެއް" ކަންބޮޑުވުން ފާޅުކުރަމުން އެމްޕީއެލްގެ ޗީފް ރިސްކް އޮފިސާ ޒާހިރު ވިދާޅުވި އެވެ.

ތަރައްގީ ވެފައިވާ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ މަސައްކަތުގެ މާހައުލުގައި ހިނގާ އެކްސިޑެންޓުތައް މަދުކޮށް، ހަރުދަނާ ކުރެވޭނީ މަސައްކަތު މާހައުލު ރަނގަޅަށް މޮނީޓާކުރާނެ އިދާރާއެއް އުފައްދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. މަސައްކަތު މާހައުލުގައި ހިނގާ ހާދިސާތައް ބަލަން އެންމެ އެކަށީގެން ވާނީ އެކަމަށް ގާބިލު އަދި ތަޖުރިބާ ލިބިގެންވާ ވަކި ބައެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ކްރިމިނަލް އެކްސްޕެކްޓަކުން ތަހުގީގު ކުރީމަ އަސްލު އެކްސިޑެންޓުވީ ގޮތެއް ނޭނގޭ. އެކްސިޑެންޓު ހުއްޓުވޭނީ އޭގެ ރޫޓު އެނަލިސިސްއެއް ހެދިގެން އަދި ހެލްތު އެންޑް ސޭފްޓީ އެކްސްޕެކްޓަކުން ބަލައިގެން. އެހެން ގައުމުތަކުގައި އެކްސިޑެންޓެއް ތަހުގީގު ކުރާނީ އެކަމެއް ރެގިއުލޭޓް ކުރާ ބޮޑީއަކުން. ފުލުހުން އޭގެ ތެރެއަށް ވަންނާނީ އެކަމުގައި ގަސްދުގައި ގެއްލުމެއް ދިނުމުގެ ތުހުމަތެއް އޮތް ނަމަ،" ޒާހިރު ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމަށް ވިޔަފާރިވެރިންނާއި މަސައްކަތް ހަވާލުކުރާ ފަރާތުން އިސްކަން ނުދޭކަން ފާހަގަކުރައްވަމުން ޓީމްގެ ރައީސް މައުރޫފް ވިދާޅުވީ، ގާނޫނީ ގޮތުން ވަޒީފާ ދޭ ފަރާތް ޒިންމާދާރުކުރެވެން ނެތުމަކީ މަސައްކަތްތެރިންގެ ހިއްގުތައް ފުރިހަމަ ނުވުމުގެ އެއް ސަބަބުކަމަށެވެ.

"ވަޒީފާ ދޭ ފަރާތުގެ ވިޔަފާރީގެ ދުޅަހެޔޮކަމަށް ވެސް މުހިއްމު ސްޓޭންޑާޑް ކަނޑައެޅިފަ ހުރުން. ސޭފްޓީ ސްޓޭންޑާޑްސް ކަނޑައެޅިފަ ހުއްޓަސް އަމަލުކުރާތަނެއް ނުފެނޭ. އެއީ ގާނޫނީ ގޮތުން އެ ވަޒީފާ ދޭ ފަރާތް ބަނދެވިފަ ނެތީމަ،" މައުރޫފް ފާހަގަކުރެއްވި އެވެ.

އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ގާނޫނެއް ނެތުމަކީ ދިމާވާ ހާދިސާތަކުގެ ސަބަބުން މަސައްކަތްތެރިންނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދިނުމުގައި ވެސް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް ކަމަށް މައުރޫފް ވިދާޅުވި އެވެ.

"މައްސަލައެއް ދިމާވެއްޖެ ކަމުގަ ވާނަމަ ކޮމްޕެންސޭޝަން ކްލެއިމް މަދަނީ މައްސަލައެއް ގޮތުގަ ލެވިދާނެ އެކަމަކު ގާނޫނީ ގޮތުން އެ ރައްކާތެރިކަން ނެތީމަ ކޯޓު މަރުހަލާގަ ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ދުޅަހެޔޮ ވޯކް ފޯސްއެއް ނެތުމަކީ މި ގައުމުގެ މުސްތަގުބަލަށް ލިބޭ ބޮޑު ގެއްލުމެކެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކަމަށް ހާއްސަ އިދާރާއެއް އުފައްދައި، ވަކި ގާނޫނެއް ކަނޑައަޅައި އަމަލުކުރަން ފެށުމަކީ މިކަމަށް އޮތް ހައްލެވެ.

"މަސައްކަތު މާހައުލުގެ ސަލާމަތާ ރައްކާތެރިކަމުގެ ބިލް" ފަދަ މުހިއްމު ބިލެއް ވަކި ބައެއްގެ ފައިދާއަށް ޓަކައި ،ތާށިކޮށްފައި ބޭއްވުމުގެ ބަދަލުގައި، ގައުމުގެ ލާބައަށް ޓަކައި އެ ބިލް ފާސްކުރުން މުހިއްމުވަނީ މިހެންވެ އެވެ.