Advertisement

ސަރުކާރު ކުންފުނިތަކުގެ މައްސަލަ ހައްލުކުރެވޭނީ އެކަމަށް ހާއްސަ ގާނޫނަކުން: ޝިރުވީން

23 އޮކްޓޯބަރު 2023 - 14:14 3

އަމަން ހަލީމް

އަމަން ހަލީމް

ޕީސީބީގެ މެމްބަރު ފާތުމަތު ޝިރުވީން އެސްއޯއީ ކޮމިޓީގައި އިންޓަވިއު ދެއްވަނީ: ގާނޫނުގައި ހުރި މައްސަލަތަކުގެ ސަބަބުން ޕީސީބީގެ ޒިންމާ އެންމެ ރަނގަޅަށް އަދާނުކުރެވޭ މައްސަލަ ފާހަގަކުރެއްވި -- ފޮޓޯ/އަބްދުﷲ އިޔާން


ސަރުކާރު ކުންފުނިތަކުގެ މައްސަލަ ހައްލުކުރެވޭނީ އެކަމަށް ހާއްސަ ގާނޫނަކުން: ޝިރުވީން

23 އޮކްޓޯބަރު 2023 - 14:14 3

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހުރި މައްސަލަތައް ހައްލުކޮށް މިހާރަށް ވުރެ ހިންގުން ހަރުދަނާ ކުރަން މިފަދަ ކުންފުނިތަކަށް ހާއްސަ ގާނޫނެއް އެކުލަވާލުން މުހިންމު ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެމްބަރު ފާތިމަތު ޝިރުވީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން ޝިރުވީނަށް ރުހުން ދިނުމުގެ މައްސަލައިގައި އެސްއީއޯއީ ކޮމިޓީން ކުރި އިންޓަވިއުގައި ޝިރުވީން މިހެން ވިދާޅުވީ ޕީސީބީގެ ޒިންމާތައް އަދާކުރުމުގައި ހުރި ގޮންޖެހުންތަކާއި، މިހާރަށް ވުރެ ޕީސީބީގެ ހިންގުން ހަރުދަނާ ކުރަން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މެމްބަރަކު އެއްސެވި ސުވާލެއްގެ ޖަވާބުގަ އެވެ.

އެގޮތުން ޕީސީބީގެ ޒިންމާ އަދާކުރަން ދިމާވާ އެއް ގޮންޖެހުމުގެ ގޮތުގައި ޝިރުވީން ފާހަގަކުރެއްވީ މިހާރު އަަމަލުކުރަމުންދާ ގާނޫނުތަކެވެ. ޕީސީބީން މިހާރު އަމަލުކުރަމުން ދަނީ 2013 ގައި ތަސްދީގުކުރި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުންނެވެ.

މި ގާނޫނު މި ވަގުތު އޮތް ގޮތުން ސަރުކާރު ކުންފުނިތައް އެކަށީގެންވާ ގޮތެއްގައި ޒިންމާދާރު ކުރެވޭނެ ގޮތެއް ނެތް ކަމަށް ޝިރުވީން ފާހަގަކުރެއްވި އެވެ. އަދި އެ ގާނޫނު އިސްލާހު ކުރުމާ އެކު ސަރުކާރު ކުންފުނިތަކަށް ހާއްސަ ގާނޫނެއް ވެސް އެކުލަވާލަން ޖެހޭ ކަމަށެވެ.

މިއީ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާދީފައިވާ ކަމެއްކަން ފާހަގަކުރައްވަމުން އެ މަސައްކަތް، އޭނާގެ ބައިވެރިވުމާ އެކީ، މިހާރު ކުރިއަށްދާ ކަމަށް ޝިރުވީން ވިދާޅުވި އެވެ.

"މިހާރު ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރަން އެބަ، އިނީޝިއަލް ސްޓޭޖުގައި އޮތީ، މި ދެއްނެވި ގޮތަށް އެސްއޯއީ ގާނޫނެއް ފަރުމާކުރުމުގެ ޕްރޮޖެކްޓުގައި އެބަ މަސައްކަތް ކުރަން،" އޭނާ ވިދާޅުވި އެވެ.

އެސްއޯއީ ކޮމިޓީގެ މެމްބަރުން ޝިރުވީން އިންޓަވިއުކުރަނީ: މެމްބަރުން ގިނަ ސުވާލުތައް ކުރީ ކުންފުނިތައް ހިންގުން ހަރުދަނާ ކުރަން ޕީސީބީއަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން -- ފޮޓޯ/އަބްދުﷲ އިޔާން


ގާނޫނުތަކުގައި ހުރި މައްސަލަތަކުގެ އިތުރުން ޕީސީބީ ފިނޭންސް މިނިސްޓްރީގައި ދަށުގައި އޮންނާތީ އިދާރީ ގޮތުން ހިންގުމުގެ ދަތިތައް ދިމާވާ މައްސަލަ އާއި ބަޖެޓު ތާށިވުމުގެ މައްސަލަތައް ދިމާވާ ކަން ޝިރުވީން ފާހަގަކުރެއްވި އެވެ. މިކަން ހައްލުކުރަން އޭނާގެ ހުށެހެޅުއްވި ހިޔާލަކީ، ޕީސީބީ ގާނޫނީ ގޮތުން ބާރުވެރި ކުރުވާ މިހާރަށް ވުރެ ސިޔާސަތުތައް ހަރުދަނާ ކޮށްގެން ރަނގަޅު ރިފޯމް ޕްލޭނެއް އެކުލަވާލުމެވެ.

"ކަންކަން ރަނގަޅަށް ޑިސްކަސް ކުރެވިގެން ޕޮލިސީ އޮބްޖެކްޓިވްސްތަކެއް މި އިޝޫސްތަކުގައި، މިހުންނަ ސަރައުންޑިން އިޝޫސްތައް އަޅުގަނޑުމެންނަށް ފަރުމާ ކުރެވިގެން، ރަނގަޅު ހައްލުތަކެއް ނެރެވިގެން، ރަނގަޅު ރިފޯމެއް، އެކްޝަން ޕްލޭނެއް އެކުލަވާލުން މުހިންމު،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ކުންފުނިތައް ޕްރިވަޓައިޒް ކުރުމުގެ ޒިންމާ ޕީސީބީއާ މަތިކޮށްފައި އޮތުމަށް ވުރެ، ސަރުކާރަށް މިކަން ދޫކޮށްލުން ރަނގަޅު ކަމަށް ޝިރުވީން ވިދާޅުވި އެވެ. މިފަދަ މުއާމަލާތްތަކުގައި ޕީސީބީގެ ދައުރު ހަނިކޮށް، ރެގިއުލޭޓަރުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުން މާ ރަނގަޅު ވާނެ ކަމަށް އޭނާގެ ރައުޔު ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

ޝިރުވީން ޕީސީބީގެ ބޯޑަށް އައްޔަންކުރީ މިދިޔަ އޭޕްރިލް މަހު އެވެ. އޭނާއަކީ މާލީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައި ހުރި އަދި ސަރުކާރު ކުންފުނިތަކާއި ބޭރުގެ މާލީ އިދާރާތަކާ އެކީ ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ދާއިރާގެ ތަޖުރިބާކާރެކެވެ.