Advertisement

އަލޮންސޯގެ ކޮންޓްރެކްޓްގައި ތިން ކްލަބަކަށް ހާއްސަ އިހުތިޔާރެއް

23 އޮކްޓޯބަރު 2023 - 13:22 0


އަލޮންސޯގެ ކޮންޓްރެކްޓްގައި ތިން ކްލަބަކަށް ހާއްސަ އިހުތިޔާރެއް

23 އޮކްޓޯބަރު 2023 - 13:22 0

މިއުނިކް (އޮކްޓޫބަރު 23) - ޖަރުމަނުގެ ބަޔާ ލެވަކޫސަންގައި ތަފާތު ދައްކަމުން އަންނަ ސްޕެއިނުގެ ކޯޗު ޒަބީ އަލޮންސޯ އެ ކްލަބާ އެކު އެންމެ ފަހުން ސޮއިކުރި ކޮންޓްރެކްޓްގައި ހާއްސަ މާއްދާއެއްގެ ދަށުން ތިން ކްލަބަކަށް އިހުތިޔާރު ލިބޭ ގޮތަށް އޮތް ބައެއް ހިމަނާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ލެވަކޫސަން ކޯޗުކަމާ ހަވާލުވި އަލޮންސޯ، އެ ޓީމުގައި ކުރި މަސައްކަތް ރަނގަޅުވުމުން މި ސީޒަން ފެށުމުގެ ކުރިން އޭނާ އަށް ވަނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓެއް އާކޮށް ދީފަ އެވެ.

ލެވަކޫސަން މި ވަގުތު ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތްއިރު، އަލޮންސޯގެ ކޯޗިން ކެރިއަރާ ބެހޭ ގިނަ ވާހަކަތަކެއް މީޑިއާގައި އަންނަނީ ދެކެވެމުންނެވެ. ލެވަކޫސަން މި ސީޒަނުގައި ކުޅުނު 11 މެޗުގެ ތެރެއިން 10 މެޗުން ވަނީ މޮޅުވެފަ އެވެ.

އެ ގޮތުން، މީޑިއާގައި މި ވަގުތު އެންމެ ބޮޑަށް ދެކެވެނީ އަލޮންސޯ، އެންމެ ފަހުން، ލެވަކޫސަންއާ އެކު ސޮއިކުރި ކޮންޓްރެކްޓްގައި ހިމެނޭ މާއްދާއެއްގެ ވާހަކަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، އަލޮންސޯ ކޮންޓްރެކްޓް އާ ކުރިއިރު، ހިމަނާފައިވާ މާއްދާގެ ދަށުން، ތިން ކްލަބެއްގެ ހުށަހެޅުން ލިބިއްޖެނަމަ، ހާއްސަ އަގެއްގައި އަލޮންސޯ އަށް އެ ޓީމަކާ މަޝްވަރާ ކުރުމުގެ ހުއްދަ އޮންނާނެ އެވެ. އެއީ، ލެވަކޫސަން އަށް، ކޮންޓްރެކްޓަށް ވުރެ ނިސްބަތުން ކުޑަ މާލީ ބަދަލެއް ދޭ ގޮތަށެެވެ. އެ ތިން ކްލަބަކީ، ފުޓްބޯޅަ ކެރިއަރުގައި އަލޮންސޯ، ކުޅެފައިވާ ކްލަބްތަކެވެ. އެއީ، ލިވަޕޫލާއި ރެއާލް މެޑްރިޑް އަދި ބަޔާން މިއުނިކް އެވެ.

އަލޮންސޯ، 2017 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ނިންމާލުމަށް ފަހު، ޖެހިގެން އައި އަހަރު ރެއާލްގެ 14 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދެމުން، ޔުއެފާގެ އެލީޓް ކޯޗިން ކޯސް ފުރިހަމަކުރި އެެވެ. އެ ފަހަރު، އޭނާ ވަނީ ރެއާލްގެ ޖޫނިއާ ޓީމަށް ލީގު ޗެމްޕިއަންކަން ވެސް ހޯދައިދީފަ އެވެ. އޭގެ ފަހުން، 2019 ވަނަ އަހަރު ޖުލައި، މަހު ލަ ރެއާލް ކޯޗުކަމާ ހަވާލުވެ، އަލޮންސޯ ވަނީ ފުރަތަމަ ސީޒަނުގައި އެ ޓީމަށް ފަސް ވަނަ ހޯދައިދީފަ އެވެ. ޖެހިގެން އައި ސީޒަނުގައި އެ ޓީމުން ލީގުގެ އެއް ވަނަ ހޯދިއިރު، ލަނޑުގެ ތަފާތު ވެސް އެންމެ ރަނގަޅީ އެ ޓީމުގެ އެވެ.

ލެވަކޫސަނާ ހަވާލުވުމުގެ ކުރިން އަލޮންސޯ ވަނީ އޭނާ ޕްރޮފެޝަނަލް ކެރިއަރު ފެށި، ރެއާލް ސޮސިއެޑާޑްގެ ބީ ޓީމަށް ވެސް ކޯޗުކޮށްދީފަ އެެވެ.