Advertisement

މީހަކު އެދުނަސް، މޭ ހައެއް ހަމަލާގެ މުޅި ރިޕޯޓް ނުދޭން ކޮމިޓީން ނިންމައިފި

23 އޮކްޓޯބަރު 2023 - 12:32 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ ހިންގި ކޮމިޓީގެ ބައްދަލުވުމެއް؛ އިންކުއަރީގެ މުޅި ރިޕޯޓު ދިނުމަށް އާންމު މީހަކު ހުށަހެޅި - ފޮޓޯ: ހުސައިން ޝަޔާހް / އަދަދު


މީހަކު އެދުނަސް، މޭ ހައެއް ހަމަލާގެ މުޅި ރިޕޯޓް ނުދޭން ކޮމިޓީން ނިންމައިފި

23 އޮކްޓޯބަރު 2023 - 12:32 0

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީން ހިންގި އިންކުއަރީގެ މުޅި ރިޕޯޓް ހޯދަން މީހަކު އެދުމުން، ކުރި މަޝްވަރާތަކަށް ފަހު އެ ރިޕޯޓް އާންމު ނުކުރެވޭނެ ކަމަށް އެ ކޮމިޓީން ނިންމައިފި އެވެ.

ގާނޫނު އަސާސީގެ 241 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ، 241 ކޮމިޓީން އެ ގޮތަށް ނިންމީ މުޅި ރިޕޯޓް ހިއްސާކުރުމަށް އެދި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން މީހަކު އެދި ހުށަހެޅުމުންނެވެ.

ޖުލައި 2021 ގައި އެ ކޮމެޓީން އެ ރިޕޯޓް އާންމުކުރީ ބައެއް މައުލޫމާތުތައް ސިއްރުކޮށްފަ އެވެ.

އުނިކުރި މައުލޫމާތުތަކާއެކު މުޅި ރިޕޯޓް ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުން ގެންދިޔައީ މީޑިއާތަކާއި އާންމުންނަށް ނުވަދެވޭ ގޮތަށް އަދި މަޖިލީހުގެ އިދާރާއިން ލައިވް ސްޓްރީމް ނުކުރާ ގޮތަށް ސިއްރުންނެވެ.

ކޮމިޓީ ބައްދަލުވުމަށް ފަހު، ކޮމިޓީގެ ބައެއް މެންބަރުން ވަނީ އެ ރިޕޯޓް އާންމު ނުކުރުމަށް ފާސްކުރިކަން "އަދަދު" ނޫހަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

މީގެ ކުރިން ވެސް އެ މައުލޫމާތުތައް އާންމުނުކުރި ސަބަބަކީ ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތަކަށް ވާތީވެ، އެ ގޮތުގައި އެ ނިންމުން ދެމެހެއްޓުމެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު ކޮމިޓީން ނިންމީ އިންކުއަރީ ރިޕޯޓުގައި ސިއްރުކޮށްފައިވާ މައުލޫމާތުތައް މެންބަރުން އަލުން ބެލުމަށް ފަހު ގޮތެއް ނިންމުމަށެވެ.

މަޖިލީހުން ހިންގި ޕާލިމަންޓަރީ އިންކުއަރީއަށް ފަހު ނެރުނު ރިޕޯޓުގައި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި އިންޓެލިޖެންސް ނިޒާމުގެ އިތުރުން ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރަން ޖުމްލަ 45 ރެކޮމެންޑޭޝަންތަކެއް ސަރުކާރަށް ހުށަހަޅާފައިވެ އެވެ.

އިންކުއަރީ ރިޕޯޓުގައި ދީފައިވާ 45 ރެކޮމެންޑޭޝަން ތެރޭގައި ހިމެނެނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ހަ ރެކޮމެންޑޭޝަނެކެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައި ހުރި ރިކޮމެންޑޭޝަންސްގެ ތެރޭގައި ސަރުކާރުގެ އިދާރާތަކުގެ މެދުގައި ސިއްރު މައުލޫމާތު ބަދަލު ކުރެވޭނެ ވަރުގަދަ ނިޒާމެއް ގާއިމް ކުރުމާއި ނެޝަނަލް އިންޓެލިޖެންސްއާ ގުޅޭ ގާނޫނެއް އެކުލަވާލުމާއި ކައުންޓާ ޓެރަރިޒަމަށް ވަކި ބަޖެޓެއް ކަނޑައެޅުން ހިމެނެ އެވެ.

ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ދީފައިވާ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި އެމަނިކުފާނުގެ ގެކޮޅުގެ ސެކިއުރިޓީ ހަތިޔާރާއެކު 24 ގަޑިއިރު ބެލުމާއި އާމާޑް ކާރުކޮޅެއްގައި ނަޝީދު އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި ސެކިއުރިޓީ ޓީމު ވެޓު ކުރުމާއި ސެކިއުރިޓީ ޓީމަށް ގަވާއިދުން ރިފްރެޝް ކުރުމުގެ ކޯސްތައް ހިންގުން ހިމެނެ އެވެ.

މެއި 6، 2021 ގެ ރޭ އިރާކޮޅު ނަޝީދު އަވާހަރާކޮށްލަން ބޮމުގެ ހަމަލާއެއް ދިނީ އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ސެކުއިރިޓީއާއެކު މަޖީދީ މަގުގައި މަޑުކޮށްގެން އޮތް އެމަނިކުފާނު ކާރުކޮޅަށް ވަޑައިގަންނަވަން ދަނިކޮށެވެ. އެއީ ކަންމަތީގައި ޕާކުކޮށްފައިވާ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް އެ ބޮން ގޮއްވާލައިގެނެވެ.

އޭގެ އަމަލީ ގޮތުން ބައިވެރިވެ އެ ވަގުތު އެ ސަރަހައްދުގައި ރިމޯޓް ހިފައިގެން އުޅުނު އަދުހަމްގެ މައްޗަށް ކުށް ސާބިތުވެ ހުކުމްކޮށްފައިވެ އެވެ. އަމިއްލައަށް ކުށަށް އިއުތިރާފުވެފައިވާ އަދުހަމްގެ އިތުރުން ދެން އެ މައްސަލާގައި ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތް އަދި ކްރިމިނަލް ކޯޓުގައި ނުނިމެ އެވެ.