Advertisement

މުހިންމު މެޑަލަކާ އެކު ނަބާ އޮލިމްޕިކްސްގެ އުންމީދުގައި

23 އޮކްޓޯބަރު 2023 - 08:53 1

ގައުމީ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ނަބާހާ އޭޝިއަން ގޭމްސްގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


މުހިންމު މެޑަލަކާ އެކު ނަބާ އޮލިމްޕިކްސްގެ އުންމީދުގައި

23 އޮކްޓޯބަރު 2023 - 08:53 1

އޮސްޓްރޭލިއާގައި ކުރިއަށްދިޔަ "ސިޑްނީ އިންޓަނޭޝަނަލް 2023"، ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް އިން ލޯ މެޑަލް ހޯދުމަކީ، އޮލިމްޕިކްސް އަށް ކުރާ ދަތުރުގައި ލިބުނު ވަރަށް ބޮޑު މޮޅެއް ކަމަށް ގައުމީ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ، ފާތިމަތު ނަބާހާ (ނަބާ) ބުނެފި އެވެ.

މަޑަގަސްކަރާގައި މި އަހަރު ބޭއްވި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ސިންގަލްސް އިން ރިހި މެޑަލް ހޯދި ނަބާ ވަނީ މި ފަހުން، އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ޔޮނެކްސް ބެންޑިގޯ އިންޓަނޭޝަނަލް މުބާރާތުގެ ކުއާޓާ ފައިނަލުގައި ވެސް ކުޅެފަ އެވެ. އެ ކާމިޔާބީ، އެއް ހަރުފަތް މައްޗަށް ޖައްސާލީ، ސިޑްނީ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެ، ލޯ މެޑަލެއް ހޯދައިގެންނެވެ.

ސިޑްނީ މުބާރާތުގެ ސެމީ ފައިނަލުގައި ނަބާ ބަލިވީ ތިން ވަނަ އަށް ސީޑްކޮށްފައި އޮތް އޮސްޓްރޭލިއާގެ ޝޯނާ ލީ އަތުން 21-04، 21-16 އިންނެވެ.


"އަދަދު" އަށް ދިން އިންޓަވިއުއެއްގައި ނަބާ ބުނީ ސިޑްނީ އިންޓަނޭޝަނަލް ފަދަ ސީރީސް ލެވަލް މުބާރާތްތަކުގައި ސިންގަލްސް އިން މެޑަލް އަކާ ހަމައަށް ދިއުމަކީ އާންމު ކަމެއް ނޫން ކަމަށެވެ.

މިއީ, ނަބާ އަށް ލިބުނު ދެ ވަނަ ސިންގަލްސް ލޯ މެޑަލް ކަމަށާއި މުޅި އެއްކޮށް ބަލާއިރު، ސިންގަލްސް އިވެންޓުން ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖޭން ހޯދި ތިން ވަނަ މެޑަލްކަން ވެސް ނަބާ ފާހަގަކުރި އެވެ.

"އޮލިމްޕިކްސް ސައިކަލް ތެރެއިންވީމަ ވަރަށް މުހިންމު މެޗުތަކެއް މޮޅުވެގެން ސެމީ އަށް މި އާދެވުނީ، އޮލިމްޕިކްސް އަށް ކުރާ ދަތުރުގައި ވަރަށް މުހިންމު ވިން އެއް މިއީ. ރޭންކިން ޕޮއިންޓްސްގެ އިތުރުން ރާއްޖެ އަށް ރީތި ނަމެއް ހޯދައިދެވުނީމަ ވަރަށް އުފާވޭ. އޮސްޓްރޭލިއާ ހިސާބުގައި ދިވެހި ރާއްޖޭގެ ނަން މީހުންނަށް ބެޑްމިންޓަން ތެރެއިން ނަބާގެ ފަރާތުން އެނގިގެން ދިޔައީމަ ވަރަށް ހިތްހަމަ ޖެހޭ،" ނަބާ ބުންޏެވެ.

އަންނަ އަހަރު އޮލިމްޕިކްސް ކުރިއަށްދާނީ ފްރާންސްގެ ޕެރިހުގަ އެވެ.

ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން، ބީޑަބްލިއުއެފް އިން އެންމެ ފަހުން ނެރުނު ރޭންކިންގައި އަންހެން ސިންގަލްސް އިން ނަބާ އޮތީ ދުނިޔޭގެ 122 ވަނައިގަ އެވެ. އެއީ، ޔޮނެކްސް ބެންޑިގޯ އިންޓަނޭޝަނަލް މުބާރާތުގެ ކުއާޓާގެ ފުރުސަތާ އެކު، ލިބުނު ރޭންކިން ޕޮއިންޓުތަކާ އެކު އެވެ.

ސިޑްނީ އިންޓަނޭޝަނަލް މުބާރާތުން ނަބާ މި ހޯދި ލޯ މެޑަލާ އެކު، ރޭންކިންގައި އޭނާ އަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ.