Advertisement

ނަބާ، ސިޑްނީ މުބާރާތުން މެޑަލެއް ކަށަވަރުކޮށްފި

21 އޮކްޓޯބަރު 2023 - 08:32 0

އޭޝިއަން ގޭމްސްގެ އިވެންޓެއްގެ ތެރެއިން ނަބާހާ.--- ފޮޓޯ: ނައުޝަމް ވަހީދު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ނަބާ، ސިޑްނީ މުބާރާތުން މެޑަލެއް ކަށަވަރުކޮށްފި

21 އޮކްޓޯބަރު 2023 - 08:32 0

އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ "ސިޑްނީ އިންޓަނޭޝަނަލް 2023"، ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ސެމީ ފައިނަލުގެ ޖާގައެއް ހޯދައި، ގައުމީ ބެޑްމިންޓަން ޓީމުގެ ތަރި، ފާތިމަތު ނަބާހާ (ނަބާ) މެޑަލެއް ކަށަވަރުކޮށްފި އެވެ.

ނަބާ ވަނީ ކުއާޓާ ފައިނަލުގައި، އަންހެން ސިންގަލްސްގެ ދެ ވަނަ އަށް ސީޑްކޮށްފައިވާ އޮސްޓްރޭލިއާގެ ކާއި ކީއާ އަތުން ފޯރިގަދަ މެޗަކަށް ފަހު ތިން ސެޓު ކުޅެގެން ކާމިޔާބު ހޯދައިފަ އެވެ. ނަބާ މެޗު ކާމިޔާބުކުރީ، ކާއި ފުރަތަމަ ސެޓު، 17-21 އިން ގެންގޮސްފައިވަނިކޮށް ފަހަތުން އަރަ އެވެ. ނަބާ ސެޓުތައް ގެންދިޔައީ 22-20، 21-12 އިންނެވެ.

ސެމީ ފައިނަލުގެ ޖާގަ ހޯދުމާ އެކު، ނަބާ އަށް މި ވަނީ މެޑަލެއް ޔަގީންވެފަ އެވެ. ރާއްޖެ ގަޑިން މިއަދު މެންދުރު ކުޅޭ ސެމީ ފައިނަލުގައި ނަބާ ބައްދަލުކުރާނީ އޮސްޓްރޭލިއާގެ ޝައުނާ ލީ އެވެ. އޭނާ އަކީ އަންހެން ސިންގަލްސް ތިން ވަނަ އަށް ސީޑްކޮށްފައިވާ ކުޅުންތެރިއެކެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ސިންގަލްސް އިން ރިހި މެޑަލް ހޯދި ނަބާ ވަނީ ދާދި ފަހުން އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ޔޮނެކްސް ބެންޑިގޯ އިންޓަނޭޝަނަލް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ސިޑްނީ މުބާރާތުގެ ސެމީ ފައިނަލުން ނަބާ ޖާގަ ހޯދާފައިވާއިރު، މި ދެ މުބާރާތުގެ މި ކާމިޔާބާ އެކު، އޭނާ އަށް ދުނިޔޭގެ ރޭންކިންގައި އިތުރަށް ކުރިއަށް ޖެހިލުމަށް ފުރުސަތު ފަހިވާނެ އެވެ.

ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން، ބީޑަބްލިއުއެފް އިން އެންމެ ފަހުން ނެރުނު ރޭންކިންގައި އަންހެން ސިންގަލްސް އިން ނަބާ އޮތީ ދުނިޔޭގެ 122 ވަނައިގަ އެވެ. އެއީ، ޔޮނެކްސް ބެންޑިގޯ އިންޓަނޭޝަނަލް މުބާރާތުގެ ކުއާޓާގެ ފުރުސަތާ އެކު، ލިބުނު ރޭންކިން ޕޮއިންޓުތަކާ އެކު އެވެ.