Advertisement

ނޭމާގެ އަނިޔާގެ ސަބަބުން ފީފާއިން އަލް ހިލާލް އަށް 7.5 މިލިއަން ޑޮލަރު ދޭން ޖެހިއްޖެ

20 އޮކްޓޯބަރު 2023 - 17:04 0


ނޭމާގެ އަނިޔާގެ ސަބަބުން ފީފާއިން އަލް ހިލާލް އަށް 7.5 މިލިއަން ޑޮލަރު ދޭން ޖެހިއްޖެ

20 އޮކްޓޯބަރު 2023 - 17:04 0

ރިޔާދު (އޮކްޓޫބަރު 20) - ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެނިކޮށް ފޯވާޑް، ނޭމާ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ކުޅެމުން އަންނަ ސައުދީގެ ކުލަބު އަލް ހިލާލަށް 6.5 މިިލިއަން ޕައުންޑް (7.5 މިލިއަން ޑޮލަރު) ފީފާ އިން ދޭން ޖެހިއްޖެ އެވެ.

ފީފާ ވޯލްޑް ކަޕްގެ ކޮލިފައިންގައި ބްރެޒިލް އާއި އުރުގުރޭ ވާދަކުރި މެޗުގައި ނޭމާގެ ކަކުލަށް ލިބުނު ބޮޑު އަނިޔާގެ ސަބަބުން އޭނާ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރުގައި ވަނީ ހުންނަން ޖެހިފަ އެވެ. ނޭމާގެ ވާތު ކަކުލުގެ އޭސީއެލް އަށް އަނިޔާވެފައިވާއިރު، މެނިސްކަސް އަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތަކެއް ލިބިފަ އެވެ.

މި އަނިޔާގެ ސަބަބުން އޭނާ ކުޅެމުން އަންނަ ކުލަބަށް ބޮޑު ގެއްލުމެއް ލިބޭނެ އެވެ. ސަބަބަކީ ސައުދީ ލީގުގެ ރެކޯޑު އަގަކަށް ގެނައި ނޭމާހެ ބޭނުން އެ ކުލަބަށް މި ސީޒަންގައި ކުރެވެން ނެތުމެވެ.

ނޭމާގެ އަނިޔާގެ ސަބަބުން ކުލަބަށް ލިބޭ ގެއްލުމަށް ފީފާއިން އަލް ހިލާލް އަށް 7.5 މިލިއަން ޑޮލަރު ދޭން ޖެހޭނެ އެވެ. ފީފާގެ ކުލަބު ޕްރޮޓެކްޝަން ޕްރޮގްރާމްގެ ދަށުން ހަދާފައިވާ އިންޝުއަރެންސް ޕޮލިސީގައި ވާ ގޮތުން ގައުމީ ޓީމްގެ ރަސްމީ މެޗެއްގައި ކުޅުންތެރިޔާ ކުޅެނިކޮށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުލަބަށް 28 ދުވަހާއި އެއް އަހަރުގެ ދޭތެރޭ މުއްދަތަކަށް މުސާރައިގެ ހަރަދު ދޭން ޖެހޭނެ އެވެ. މި ގޮތަށް އެންމެ ގިނައިން ހޭދަކުރެވޭނީ 7.5 މިލިއަން ޑޮލަރު އެވެ.

ނޭމާ އަށް މުސާރައިގެ ގޮތުގައި ބޮޑު ހޭދައެއް އަލް ހިލާލުން ކުރާތީ ފީފާ އަށް ކޮމްޕެންސޭޝަންގެ ގޮތުގައި ދެވެން އޮތް އެންމެ ބޮޑު އަދަދު ކަމަށްވާ 7.5 މިލިއަން ޑޮލަރު އެ ކުލަބަށް ލިބޭނެ އެވެ.

އިންޝުއަރެންސްގެ ގޮތުގައި މި ވަރު ލިބުނު ނަމަވެސް އަލް-ހިލާލުން ނޭމާ އަށް ކުރަން ޖެހޭ ހަރަދު ބޮޑެވެ. އެ ކުލަބުން މިދިޔަ އޮގަސްޓުމަހު ނޭމާ ގަތީ 276 މިލިއަން ޕައުންޑަށް ދެ އަހަރުގެ މުއްދަތަކަށެވެ. އަހަރެއްގެ މައްޗަށް ނޭމާއަށް އެކުލަބުން 138 މިލިއަން ޕައުންޑް ހޭދަކުރާނެ އެވެ.

ސައުދީ ޕްރޯ ލީގުގެ އަލް ހިލާލަށް ނޭމާ ބަދަލުވެ އެ ކުލަބު ކުޅުނު ފުރަތަމަ ހަތަރު މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެ އެވެ. އޭގެ ފަހުން އެކުލަބުން ކުޅުނު ފަސް މެޗުގައި ނޭމާ ކުޅުނުއިރު އޭނާ އަށް ޖެހުނީ އެންމެ ގޯލެކެވެ.