އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ "ސިޑްނީ އިންޓަނޭޝަނަލް 2023"، ބެޑްމިންޓަން މުބާރާތުގެ ގަދަ 16 ބުރުން ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ) ފުރުސަތު ހޯދައިފި އެވެ.
ދާދި ފަހުން، އޮސްޓްރޭލިއާގައި ނިމުނު ޔޮނެކްސް ބެންޑިގޯ އިންޓަނޭޝަނަލް މުބާރާތުގެ އަންހެން ސިންގަލްސް ކުއާާޓާ ފައިނަލުގައި ވެސް ކުޅުނު ނަބާ، ސިޑްނީ އިންޓަނޭޝަނަލް މުބާރާތުގެ ގަދަ 16 ބުރުން ފުރުސަތު ހޯދީ ފުރަތަމަ ބުރުގެ މެޗުން އޮސްޓްރޭލިއާގެ ފާޔޭ ހޫއޯ އަތުން ދެ ސެޓު އެއް ސެޓުން މޮޅުވެގެންނެވެ. އެ ގޮތުން، ނަބާ 24-22 އިން ފުރަތަމަ ސެޓު ގެންގޮސްފައިވަނިކޮށް، ފާޔޭ ވަނީ ދެ ވަނަ ސެޓު، 18-21 އިން ގެންގޮސް އެއްވަރުކޮށްފަ އެވެ. ނަތީޖާ ނެރެން ކުޅުނު ސެޓުން ނަބާ މޮޅުވީ 21-13 އިންނެވެ.
ސިންގަލްސް ގަދަ 16 ބުރުގެ މެޗުގެ އިތުރުން މާދަމާ ނަބާ އަށް މާދަމާ އިތުރު ދެ އިވެންޓެއްގެ ގަދަ 16 ބުރުގެ މެޗުތައް އޮންނާނެ އެވެ. އެއީ އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓްގެ މެޗެވެ. އެ ގޮތުން، ސިންގަލްސް ގަދަ 16 ބުރުގައި ނަބާ ކުޅޭނީ އޮސްޓްރޭލިއާގެ ވިކްޓޯރިއާ ލީއާ ދެކޮޅަށެވެ.
އަންހެން ޑަބަލްސް އަށް ބަލާއިރު، ނަބާ އާއި އައިމިނަތު ނަބީހާ (ނަބީ) ގެ ޕެއާ، ކުޅޭނީ އޮސްޓްރޭލިއާގެ ސިލްވީނާ ކުރްނިއާވާން އާއި ފޫން ލޮކް ޔަންގެ ޕެއާއާ ދެކޮޅަށެވެ. މިކްސް ޑަބަލްސްގައި ނަބާ އާއި ޒަޔާން ޒަކީ ބައްދަލުކުރާނީ ޗައިނީސް ޓައިޕޭގެ ޗެން ޝެން ފާ އާއި ލިންގް ޖީ ޔުންގެ ޕެއާއާ އެވެ.
ނަބާ އާއި ޒަޔާންގެ ޕެއާ ވަނީ ސިޑްނީ އިންޓަނޭޝަނަލް މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓްގެ ފުރަތަމަ ބުރުގެ މެޗުން އޮސްޓްރޭލިއާގެ ޒިން ހުއޮން ގޯ އާއި ޕިޗާޔާ އެލީސިއާގެ ޕެއާ އަތުން 21-17، 21-15 އިން މޮޅުވެފަ އެވެ.
ސިންގަލްސް އަށް ބަލާއިރު، ފިރިހެން ބައިގައި ޒަޔާން ވަނީ ތިން ސެޓު ކުޅެގެން އޮސްޓްރޭލިއާގެ ޓިމޯޓަސް އަލްބާޓް އަތުން ބަލިވެފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ، 19-21، 21-13 އަދި 21-09 އިންނެވެ. އަންހެން ސިންގަލްސްގައި ނަބީ ބަލިވީ އޮސްޓްރޭލިއާގެ ޔިންްގް ސޭ އަތުން، 21-11، 21-19 އިންނެވެ.
Comment