Advertisement

އިޒްރޭލުގައި މި ވަގުތު ޔުއެފާގެ އެއްވެސް މެޗެއް ނުކުޅެން ނިންމައިފި

19 އޮކްޓޯބަރު 2023 - 20:56 0


އިޒްރޭލުގައި މި ވަގުތު ޔުއެފާގެ އެއްވެސް މެޗެއް ނުކުޅެން ނިންމައިފި

19 އޮކްޓޯބަރު 2023 - 20:56 0

ޒިއުރިކް، ސްވިޒަލެންޑް (އޮކްޓޫބަރު 19) - ފަލަސްތީނާއި އިޒްރޭލުގެ ދެމެދުގައި ހިނގަމުންދާ ކަންތައްތަކަށް ބަލައި، ޔުއެފާ އިން ރާވާހިންގާ އެއްވެސް މުބާރާތެއްގެ މެޗެއް މި ވަގުތު އިޒްރޭލުގައި ނުކުޅެން ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ނިންމައިފި އެވެ.

ޔުއެފާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އިދާރާގެ ހިންގާ ކޮމިޓީން ބޭއްވި އެންމެ ފަހުގެ ބައްދަލުވުމަށް ފަހު، ނިންމާފައިވަނީ މުއްދަތެއް ނެތް ގޮތަށް އިޒްރޭލުގައި ޔުއެފާގެ މުބާރާތްތަކުގެ މެޗުތައް ނުކުޅޭ ގޮތަށް ކަނޑައެޅުމަށެވެ.

އެއީ، އިޒްރޭލުގައި މި ވަގުތު މެޗުތައް ކުޅެވޭނެ ފަދަ ރައްކާތެރި ހާލަތެއް ނެތުމާ އެކު، ނިންމަން ޖެހުނު ގޮތެއް ކަމަށް ޔުއެފާގެ ބަޔާނުގައިވެ އެވެ.

ޔޫރަޕްގެ ގިނަ މުބާރާތްތަކުގައި އިޒްރޭލުގެ ކްލަބްތައް ބައިވެރިވެ އެވެ.

އިޒްރޭލުން ފަަލަސްތީނަށް އަރައި ދެމުން އަންނަ ލާއިންސާނީ ހަމަަލާތަކުގެ ކަންކަމަށް ބަލައި، ދުނިޔޭގެ އެއްވެސް ބޮޑު ފުޓްބޯޅަ އިދާރާ އަކުން އިޒްރޭލާ މެދު ފިޔަވަޅު ނާޅާތީ، ފުޓްބޯޅަ ސަޕޯޓަރުން އަންނަނީ ފާޑުކިޔައި، ޝުއޫރު ފާޅުކުރަމުންނެވެ.

އެ ގޮތުން، މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ރަޝިއާ އިން ޔޫކްރެއިނަށް އަރައި، ހަނގުރާމައެއް ފެށުމުން، ޔުއެފާ އާއި ފީފާ އިން ރަޝިއާ އަށް ފިޔަވަޅު އެޅި އެވެ. ހަމަ އެ ގޮތަށް، މި ވަގުތު އިޒްރޭލުން ކުރަމުން އަންނަ ކަންކަން ވެސް ކުއްވެރިކޮށް، އެ ގައުމާ މެދު ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ އަޑުއުފުލަމުންނެެވެ.