Advertisement

އެފްއޭއެމްގެ ރައީސް ކަމަށް ޓޮމް ވާދަކުރައްވާނެކަން އިއުލާނުކޮށްފި

19 އޮކްޓޯބަރު 2023 - 15:27 0


އެފްއޭއެމްގެ ރައީސް ކަމަށް ޓޮމް ވާދަކުރައްވާނެކަން އިއުލާނުކޮށްފި

19 އޮކްޓޯބަރު 2023 - 15:27 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގައި އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ވާދަކުރައްވާނެކަން، ކުރިން އެ މަގާމު ފުރުއްވި، ރައްޔިތުންގެ މަޖިލީހުގެ އދ. މަހިބަދޫ ދާއިރާގެ މެމްބަރު، އަހުމަދު ތޯރިގު (ޓޮމް) އިއުލާނުކުރައްވައިފި އެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމުގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް، ޓޮމް މަސައްކަތް ކުރެއްވީ 2016 ވަނަ އަހަރުގެ މެއި މަހު 30 ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. އެއީ، ތިން މަހާ ކުޑަ ދުވަސްކޮޅެއް ވަންދެނެވެ.

އެ ގޮތުން، 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައި ޓޮމްއާ އެކު، އިންތިހާބުވި އެގްޒެކްޓިވް ކޮމިޓީ (އެކްސްކޯ)ގެ ފަސް މެމްބަރުން އިސްތިއުފާ ދިނުމާ އެކު، އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު ބުނާގޮތަށް އިންތިހާބެއް ބާއްވަން ޖެހުނެވެ.

އެ އިންތިހާބުގައި ޓޮމްއާ ވާދަކުރައްވައި، ކާމިޔާބު ހޯދީ މިހާރު އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. ޓޮމްގެ އެކްްސްކޯ ފަސް މެމްބަރުން އިސްތިއުފާ ދިނީ، އޭރު އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަކަށް ހުރި ބައްސާމް މަގާމުން ދުރުކުރި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ފަހު އެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމުގައި ބައްސާމް ދެ ވަނަ ދައުރެއް ފުރިހަމަ ކުރައްވަމުން އަންނައިރު، އެ އެސޯސިއޭޝަންގެ ހާލަތު އޮތީ ބޮއްސުންލައިފަ އެވެ.

އެފްއޭއެމްގެ ހިންގުން ބަދަލުވާން ޖެހޭނެ ކަމަށް ބުނެ، ބައްސާމްގެ އިސްތިއުފާ އަށް ގޮވާ އަޑުވެސް ގަދަވަމުން އަންނައިރު، އެފްއޭއެމްގެ އިންތިހާބުގައި އަންނަ އަހަރު ޓޮމް އާއި އަލީ އަޝްފާގު (ދަގަނޑޭ) ވާދަކުރާނެ ކަމަށް ވެސް ވާހަކަ ދެކެވެ އެވެ.

މީގެ ތެރެއިން ޓޮމް، މިއަދު މި ވަނީ ރަސްމީކޮށް އިންތިހާބުގައި ވާދަކުރައްވާނެކަން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއް މެދުވެރިކޮށް އިއުލާނުކުރައްވައިފަ އެވެ.

"ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިޚާބުގައި އަޅުގަނޑު ވާދަކުރަން ނިންމައިފިން. ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދެއްވުން އެދެން،" ޓޮމް، ރަސްމީ ފޭސްބުކް އެކައުންޓްގައި ކުރި ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.

އެފްއޭއެމްގެ އިންތިހާބުގައި ޓޮމް ވާދަކުރައްވަން ނިންމަވާފައިވާކަން އެންމެ ފުރަތަމަ އިއުލާނުކުރި އެއް ފަރާތަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަން، އަހުމަދު ވާސިފް އެވެ.

ވާސިފްގެ އެ ޕޯސްޓާ ގުޅިގެން، "އަދަދު" އިން ސުވާލުކުރުމުން، ޓޮމް، އޭރު ވަނީ އިންތިހާބުގައި ވާދަކުރައްވާނެކަމާ މެދު ނުސީދާ ޖަވާބެއް ދެއްވައިފަ އެވެ. އެކަމަކު، މިއަދު މި ވަނީ ރަސްމީކޮށް ރާއްޖޭގެ ފުޓްބޯޅައިގެ ރައީސްގެ މަގާމަށް އަނެއްކާ ވެސް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.