Advertisement

ބެޓްކުރިކަމަށް އެއްބަސްވި ޓޮނާލީ އަށް ތިން އަހަރަށް ސަސްޕެންޝަނެއް އައުން ގާތް

19 އޮކްޓޯބަރު 2023 - 09:38 0


ބެޓްކުރިކަމަށް އެއްބަސްވި ޓޮނާލީ އަށް ތިން އަހަރަށް ސަސްޕެންޝަނެއް އައުން ގާތް

19 އޮކްޓޯބަރު 2023 - 09:38 0

ރޯމް، އިޓަލީ (އޮކްޓޫބަރު 19) - އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއައިޖީސީ) އިން ތަހުގީގު ކުރަމުން އަންނަ، މެޗު ފިކްސިންގެެ މައްސަލައިގައި ނިއުކާސަލް އަށް ކުޅޭ އިޓަލީގެ މިޑްފިލްޑަރު ސަންދްރޯ ޓޮނާލީ އަށް ތިން އަހަރުގެ ސަސްޕެންޝަނެއް އަތުވެދާނެކަމަށް ބެލެވިއްޖެ އެވެ.

ގަވާއިދާ ހިލާފު ވެބްސައިޓްތަކެއްގައި ބެޓުކުރުމުގައި ބައިވެރިވެފައިވާތީ ޓޮނާލީގެ އިތުރުން އިޓަލީގެ އެކި ޑިވިޝަންތަކުގެ ކުޅުންތެރިންނާ އަންނަނީ ސުވާލު ކުރަމުންނެވެ. މިދިޔަ ހަފްތާގައި ފެށި ތަހުގީގުން އެނގޭ ގޮތުން ޓޮނާލީއާ އެކު އިޓަލީގެ ގައުމީ ޓީމްގެ ނިކޮލޯ ޒަނިއޯލޯ ވެސް ވަނީ ބައިވެރިވެފަ އެވެ. އަދި ޔުވެންޓަސްގެ މިޑްފިލްޑަރު ނިކޮލޯ ފަގިއޯލޯއާ ވެސް ފުލުހުން ވަނީ ސުވާލުކޮށްފަ އެވެ.

އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިކަމުގައި އެންމެ އިސްކޮށް އުޅުނު މީހުންގެ ތެރޭގައި ޓޮނާލީ ހިމެނެ އެވެ. އަދި އޭނާ މި އަމަލު ހިންގިކަމަށް ފުލުހުން ގާތު އެއްބަސްވެސްވަނީ ވެފަ އެވެ. އިޓަލީގެ ފުލުހުން ވަނީ ތިން ގަޑިއިރަށް ވުރެ ގިނައިރު މިކަމުގައި ޓޮނާލީއާ ސުވާލުކޮށްފަ އެވެ.

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ކުޅުންތެރިންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެއްޖެ ކަމަށް ޓޮނާލީގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނާ އަށް ތިން އަހަރުގެ ސަސްޕެންޝަނެއް އަންނާނެކަމަށް ބެލެވެ އެވެ.

މެޗު ފިކްސިންގެ އަމަލުތަކަށް ޓޮނާލީ އެއްބަސްވި ނަމަވެސް އޭނާގެ ކުރީގެ ކުލަބު އޭސީ މިލާނުގެ މެޗުތަކަށް ބެޓު ނުކުރާކަމަށް އޭނާ ބުނެ އެވެ. އިޓަލީގެ އޭސީ މިލާނަށް ޓޮނާލީ ކުޅުނު ދުވަސްވަރު ހިންގައިފައިވާ މިކަމުގައި އޭނާ އަށް އޭސީ މިލާންގެ މެޗަކަށް ބެޓުކުރެވިފައިވާނަމަ ސަސްޕެންޝަން ތިން އަހަރަށްވުރެ ބޮޑުވުން ވެސް އެކަށީގެންވެ އެވެ.

ބެޓިންގެ ކަންކަމަށް ދެވިހިފާފައިވާ ކަމަށް ޓޮނާލީ ވަނީ ދާދިފަހުން ދިން އިންޓަވިއުއެއްގައި އެއްބަސްވެފަ އެވެ.

ޓޮނާލީ އަށް އަޅާނެ ފިޔަވަޅަކާ މެދު އިޓަލީގެ ފުޓްބޯޅަ އިދާރާއިން ގޮތެއް ނިންމުމުގެ މަރުހަލާގައި ތިބިއިރު، މިހާތަނަށް މި މައްސަލައިގައި ބައިވެރިވާ މީހުންގެ ތެރެއިން ބޮޑު އަދަބެއް ދިނީ ޔުވެންޓަސްގެ ފަގިއޯލޯ އަށެވެ. މިދިޔަ އަންގާރަ ދުވަހު ފަގިއޯލޯ ވަނީ ހަތް މަހަށް ސަސްޕެންޑްކޮށްފަ އެވެ.