Advertisement

މުއިއްޒަށް މައުމޫނުގެ ނުސީދާ ރައްދެއް: "އެންމެން ވެސް ސައިންޓިފިކް ހަގީގަތްތައް ގަބޫލުކުރަން ޖެހޭނެ"

18 އޮކްޓޯބަރު 2023 - 19:57 3

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް


މުއިއްޒަށް މައުމޫނުގެ ނުސީދާ ރައްދެއް: "އެންމެން ވެސް ސައިންޓިފިކް ހަގީގަތްތައް ގަބޫލުކުރަން ޖެހޭނެ"

18 އޮކްޓޯބަރު 2023 - 19:57 3

ކަނޑުގެ ލޮނުގަނޑު އުފުލި ދިވެހިރާއްޖެ އަޑިއަށް ހިނގައިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ވިދާޅުވި ވިދާޅުވުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ނުސީދާކޮށް މިއަދު ރައްދު ދެއްވައިފި އެވެ.

ރައީސް މައުމޫނަކީ ރާއްޖޭގެ ރައީސުންގެ ތެރެއިން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާ ތަކުގެ ވާހަކަ ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެންނަވަން މަސައްކަތް ކުރެއްވި ފުރަތަމަ ރައީސެވެ. އެމަނިކުފާނުގެ ވެރިކަމުގައި އދ.ގެ އާއްމު މަޖިިލީހާއި ބައިނަލްއަގުވާމީ އެހެން ފޯރަމް ތަކުގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ކަނޑުގެ ލޮނުގަނޑު އުފުލި ރާއްޖެ އަޑިއަށް ހިނގައިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އިންތިހާބީ ރައީސް ވިދާޅުވީ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

މިދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު އުފުލެމުން އައި ގޮތް ދައްކައިދޭ ގްރާފަކާ އެކު ސޯޝަލް މީޑިއާގައި މިއަދު ލިިއުއްވި ލިއުއްވުމެއްގައި މައުމޫނު ވިދާޅުވީ ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިއުމަކީ ސައިންޓިފިކް ހަގީގަތެއް ކަމަށެވެ.

"އެންމެންވެސް ސައެންޓިފިކް ޙަޤީޤަތްތައް ޤަބޫލުކުރަން ޖެހޭނެ. ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމަކީ އެފަދަ ޙަޤީޤަތެއް. ސެޓެލައިޓް މަޢުލޫމާތު ދައްކާ ގޮތުގައި މިވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ކަނޑުގެ ސަތަޙަ 3.4 މިލިމީޓަރ އުފުލިއްޖެ،" ސޯޝަލް މީޑިއާގައި ލިއުއްވި ލިއުމުގައި މައުމޫނު ވިދާޅުވި އެވެ.

ރާއްޖޭގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެން ފަހުން މުއިއްޒު ބޭރުގެ މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް އެންމެ ބޮޑަށް ކޮށްފާނެ ކަމަށް ބެލެވޭ ގެއްލުން ނަފީކުރެއްވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭން ގެންގުޅޭ އަޑުހަރު ސިޔާސަތު އާ ސަރުކާރާ އެކު ބަދަލުވުމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރި އެވެ.

އެހެން ނަމަވެސް އަލްޖަޒީރާ އިންޓަވިއުގައި އެމަނިކުފާނު ވާހަަކަފުޅު ދެއްކެވީ މޫސުމަށް އަންނަ ބަދަލުތައް ގަބޫލުނުކުރެއްވުމުގެ މާނައިގައި ނޫން ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ފަހުން ވިދާޅުވި އެވެ.