Advertisement

ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރެވޭ ވަރަށް ސަރަހައްދީ އިގުތިސާދީ ދުވެލި ހަލުވި ނުވޭ: ވޯލްޑް ބޭންކް

18 އޮކްޓޯބަރު 2023 - 11:15 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

މާލޭގެ ވިޔަފާރި ބަނދަރަށް އާގުބޯޓެއް ކައިރިކޮށްފައި. ވޯލްޑްބޭންކުން ލަފާކުރާގޮތުގައި މި އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލި ކުރިއަރާ މިންވަރު ހުންނާނީ 6.5 ޕަސެންޓުގައި --- ފޮޓޯ: އަދަދު


ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރެވޭ ވަރަށް ސަރަހައްދީ އިގުތިސާދީ ދުވެލި ހަލުވި ނުވޭ: ވޯލްޑް ބޭންކް

18 އޮކްޓޯބަރު 2023 - 11:15 0

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ އިގުތިސާދީ ދުވެލި އަދިވެސް ޕެންޑަމިކުގެ ކުރިން ހުރި މިންވަރަށް ކުރި ނާރާ ކަމަށާއި، ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރެވޭ ވަރަށް އަދިވެސް އިގުތިސާދީ ދުވެލި ހަލުވި ނުވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

އެ ބޭންކުން އާއްމުކުރި ދެކުނު އޭޝިއާ ޑިވެލޮޕްމަންޓް ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުން ތަރައްގީވަމުން އަންނަ އެހެން ސަރަހައްދީ ގައުމުތަކަށް ވުރެ ދެކުނު އޭޝިއާގެ ކުރިއެރުން މި އަހަރު 5.8 ޕަސެންޓް އިތުރުވާނެ އެވެ.

ނަމަވެސް, މި ސަރަހައްދުގެ އިގްތިސާދީ ދުވެލި ޕެންޑެމިކްގެ ކުރިން އޮތް ސްޕީޑަށް ވުރެ އަދިވެސް ދަށް ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ދެކުނު އޭޝިއާއިން މި އަހަރު އެންމެ ކުރިއެރި ގައުމަކީ އިންޑިއާ އެވެ. އިންޑިއާގެ އިގުތިސާދީ ދުވެލި، މި އަހަރު 7.2 ޕަސެންޓަށް ކުރިއަރާނެ އެވެ. އަދި އަންނަ އަހަރު 6.3 ޕަސެންޓަށް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ރާއްޖެ އޮތީ މި ލިސްޓުގެ ދެވަނައިގަ އެވެ. ވޯލްޑް ބޭންކުން ލަފާކުރާގޮތުގައި މި އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލި ކުރިއަރާ މިންވަރު ހުންނާނީ 6.5 ޕަސެންޓުގަ އެވެ. އަދި އަންނަ އަހަރު އެ އަދަދު 5.2 ޕަސެންޓަށް ދަށްވާނެ ކަމަށާއި 2025 ވަނަ އަހަރު 5.5 ޕަސެންޓަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި މި ސަރަހައްދުގެ ގިނަ ގައުމުތަކަކަށް ޕެންޑަމިކާއެކު ދާދި ފަހުން ކުރިމަތިވި މާލީ ގޮންޖެހުންތަކުން ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ނަމަވެސް, ރާއްޖެ އާއި ނޭޕާލުގެ އިގުތިސާދީ ދުވެލި އިޔާދަ ވުމުގެ އެންމެ ބޮޑު ސަބަބަކީ ދެ ގައުމުގެ ޓޫރިޒަމް ބާރަށް ކުރިއަރަމުން އައުން ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން, ނޭޕާލުގެ އިގުތިސާދު މިއަހަރާއި އަންނަ އަހަރު 3.9 ޕަސެންޓަށް ރިބައުންޑްވާނެ ކަމަށް ރިޕޯޓުގައި ވަނީ ލަފާކޮށްފަ އެވެ. އަދި ބަންގްލަދޭޝްގެ އިގުތިސާދީ ދުވެލި 5.6 އިންސައްތައަށް ދަށްވާނެ ކަމަށް ލަފާކޮށްފައިވާއިރު ޕާކިސްތާނަށް އިގުތިސާދީ ކުރިއެރުން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ އެންމެ 1.7 ޕަސެންޓުގަ އެވެ. އެއީ އެ ގައުމުގެ އާބާދީ އިތުރުވާ ރޭޓަށް ވުރެވެސް ދަށް އަދަދެކެވެ.

އޭގެ އިތުރުން, މިދިޔަ އަހަރު ބަނގުރޫޓުވި ސްރީ ލަންކާގެ އިގުތިސާދު ރަނގަޅުވަމުން އަންނަކަމުގެ ނިޝާންތައް މިހާރު ފެންނަމުންދާ ކަމަށާއި މި އަހަރު އެގައުމުގެ އިގުތިސާދު 3.8 ޕަސެންޓުގެ ކުރިއަރާނެ ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި, އަންނަ އަހަރު އެ އަދަދު 1.7 ޕަސެންޓު ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.