17 އޮކްޓޯބަރު 2023 - 12:26 0
މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯ މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
17 އޮކްޓޯބަރު 2023 - 12:26 0
ސްޕެއިންގެ ކެނަރީ އައިލެންޑްސްގައި މިހާރު ކުރިއަށްދާ "ގްރޭން ކެނޭރިއާ ފްރޮންޓޮން ކިންގް 2023"ގެ ޖޫނިއާ ބައިގެ ފަސް ވަނަ ބުރުން އާމިން ޖާގަ ހޯދައިފި އެވެ.
އައިބީސީ ބޮޑީބޯޑިން ވޯލްޑް ޓުއާގެ ފަހު މުބާރާތް ކަމަށްވާ ފްރޮންޓޮން ކިންގް 2023 އަކީ މި އަހަރުގެ ބޮޑީބޯޑިން ޗެމްޕިއަން އަދި ޖޫނިއާ ޗެމްޕިއަން ކަނޑައަޅާ މުބާރާތެވެ. މި މުބާރާތުގައި އާމިން ބައިވެރިވަނީ ޖޫނިއާ ބައިގަ އެވެ.
އާމިން ވަނީ މި އަހަރު ރާއްޖޭގައި އޮތް މޯލްޑިވްސް ޕްރޯ އާއި ފްރާންސްގެ ސަލީގައި އޮތް "ލެ ސަލީ ޕްރޯ 2023" ގައި ވެސް ވާދަކޮށްފަ އެވެ.
އިއްޔެ ފެށި ފްރޮންޓޮން ކިންގްގައި ރާއްޖޭގެ ޖޫނިއާ ޗެމްޕިއަން އާމިން ވާދަކުރަން ޖެހުނީ ހަތަރު ވަނަ ބުރުންނެވެ. ހަތަރު ވަނަ ބުރުގައި އާމިން ވާދަކުރީ ދުނިޔޭގެ ރޭންކިން ހަތަރު ވަނައިގައި އޮތް ގެބްރިއެލް މެންޑޯޒާއާ އެއް ހީޓެއްގަ އެވެ. މި ހީޓުން އެއް ވަނަ ކެނެރީ އައިލެންޑްސްގެ މެންޑޯޒާ ހޯދީ 13.50ގެ ސްކޯއަކާ އެކުގަ އެވެ. ދެ ވަނަ ހޯދީ އެރޯސް ރޮޑްރިގޭޒް އަށް 10.75 ގެ ސްކޯއެއް ހޯދިއިރު، 7.70ގެ ސްކޯއަކާ އެކު އާމިން ދިޔައީ ތިން ވަނަ އަށެވެ. މި ހީޓުން ފުލަށް ދިޔައީ 6.75ގެ ސްކޯ އަކާ އެކު ފްރާންސްގެ އެންޒޯ ވިލްޑީނާ އެވެ.
މި ހީޓުން ތިން ވަނަ އަށް ދިޔުމާ އެކު އާމިން ވާދަކުރަން ޖެހޭނީ ޖޫނިއާ ބައިގެ ފަސް ވަނަ ބުރުގަ އެވެ. ފަސް ވަނަ ބުރުގެ ހީޓު ދޭއްގައި އާމިން ނުކުންނާނީ ބްރެޒިލްގެ މެތައަސް ރޮޑްރިގޭޒް، ސްޕެއިންގެ އުނާޒް ޕަސްކުއަލް އަދި ފްރާންސްގެ ލޫކާ ޒަނިނޯޓޯއާ ދެކޮޅަށެވެ.
މި ހީޓުން ކުރި ހޯދާ ދެ ބައިވެރިން ހަ ވަނަ ބުރަށް ކޮލިފައިވާނެ އެވެ. އަދި ފަހަތަށްދާ ދެބައިވެރިން މުބާރާތުން ކަޓާނެ އެވެ.
އާމިން ވަނީ މިދިޔަ އަހަރު ރާއްޖޭގައި އޮތް މޯލްޑިވްސް ޕްރޯގެ ފައިނަލުގައި ވާދަކޮށްފަ އެވެ. އަދި މިއަހަރު އޮތް މޯލްޑިވްސް ޕްރޯގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. އޭނާ އަކީ ބޮޑީބޯޑިން ވޯލްޑް ޓުއާ ލެވެލްގެ މުބާރާތެއްގެ ފައިނަލުގައި ވާދަކުރި ރާއްޖޭގެ ހަމައެކަނި އެތުލީޓެވެ.
ސްޕެއިންގައި މިހާރު ކުރިއަށްދާ "ގްރޭން ކެނޭރިއާ ފްރޮންޓޮން ކިންގް 2023"އަކީ އައިބީސީ ވޯލްޑް ޓުއާގެ އެންމެ ފަހު މުބާރާތެވެ. މި ވަގުތު ދުނިޔޭގެ ރޭންކިން އަށް ބަލާއިރު އެއް ވަނައިގައި އޮތީ ޓަނާ މެކްޑެނިއެލް އެވެ. ދެވަނައިގައި އޮތީ ޕިއޭ ލުއިސް ކޮސްޓޭސް (ޕީއެލްސީ) އެވެ. ދުނިޔޭގެ ޗެމްޕިއަންކަން ހޯދަން ޕީއެލްސީ އަށް ފްރޮންޓޮން ކިންގް 2023 ކާމިޔާބުކުރަން މަޖުބޫރެވެ. އެ ނޫން ކޮންމެ ނަތީޖާއެއް ނުކުތަސް މިއަހަރުގެ ދުނިޔޭގެ ޗެމްޕިއަންކަން ޓަނާއަށް ލިބޭނެ އެވެ.
Comment