Advertisement

ސަބްސިޑީގެ ބޮޑު ބަދަލު އަންނަ ޖުލައިގައި، ހަ މަހުން ބައި ބިލިއަން ސަލާމަތް ކުރެވޭނެ

17 އޮކްޓޯބަރު 2023 - 21:46 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މަރުކަޒީ ބޭންކް އެމްއެމްއޭއަށް މީހަކު ވަންނަނީ. ސަބްސިޑީއަށް ގެންނަ ބަދަލުތަކާ އެކު ދައުލަތުގެ ހަރަދުތައް ދަށްވާނެ ކަމަށް ފިނޭންސުން ލަފާކުރޭ --- ފޮޓޯ: އަދަދު ފައިލް


ސަބްސިޑީގެ ބޮޑު ބަދަލު އަންނަ ޖުލައިގައި، ހަ މަހުން ބައި ބިލިއަން ސަލާމަތް ކުރެވޭނެ

17 އޮކްޓޯބަރު 2023 - 21:46 1

މިހާރު ދޭ އިންޑިރެކްޓް ސަބްސިޑީތަކުގެ ބަދަލުގައި ހައްގުވެރިން ދެނެގަނެގެން، އެ މީހުންނަށް އެކަނި މަހުންމަހަށް ދޫކުރާ ފައިސާގެ ގޮތުގައި ޓާގެޓަޑް ސަބްސިޑީއަށް އަންނަ ޖުލައި މަހުން ފެށިގެން ބަދަލު ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ފިސްކަލް ހިރާސްތަކުގެ ބަޔާން 2023" ގައި ބުނެފައިވާ ގޮތުގައި، ކާޑު، ތެޔޮ، ކަރަންޓު އަދި ނަރުދަމާގެ ސަބްސިޑީތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، އޭގެ ތެރޭގައި ވިޔަފާރިތަކާއި ފަތުރުވެރިން ވެސް ހިމެނޭ ގޮތަށް، ލިބޭ ސަބްސިޑީތަކެކެވެ.

ސަރުކާރުން ބުނާ ގޮތުގައި މީގެ ސަބަބުން ސަރުކާރުން ހަރަދު ކުރި ނަމަވެސް ސަބްސިޑީގެ ހައްގުވެރިންނަށް އޭގެ މަންފާ ނިސްބަތުން ކުޑަ އެވެ.

ސަބްސިޑީ ހައްގުވެރިންނަށް އެކަނި، ދޭނީ ފައިސާ

ދައުލަތުގެ ބަޖެޓުން ފޯރުކޮށްދޭ އިންޑިރެކްޓް ސަބްސިޑީތައް ދެނީ ސަރުކާރުގެ ކުންފުނިތަކަށް ގެއްލުމުގެ ބަދަލުގައި ގޮތުގައި ދޭ ފައިސާގެ ގޮތުގަ އެވެ.

ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ އަންނަ ޖުލައިން ފެށިގެން ކުންފުނިތަކަށް ފައިސާ ދިނުން ހުއްޓާލައި ސަބްސިޑީއަށް ބޭނުން ޖެހިފައިވާ މީހުންނަށް އެ ފައިސާ ދޭ ގޮތަށް ބަދަލުކުރުމެވެ. މިގޮތަށް ބަދަލުކުރުމުން މުސްތަގުބަލުގައި ސަބްސިޑީ ލިބޭނީ، އެކަމަށް ބޭނުން ޖެހިފައިވާ މީހުންނަށް، މަހުން މަހަށް ދޫކުރާ ފައިސާ ނުވަތަ ޑައިރެކްޓް ޓްރާންސްފާގެ ގޮތުގަ އެވެ.

ސަބްސިޑީ ނިޒާމަށް ގެންނަ އަނެއް ބަދަލަކީ ދައުލަތަށް ލިބޭ އާމްދަނީގެ މައްޗަށް ބިނާކޮށް ސަބްސިޑީއަށް ހަރަދުކުރާނެ ވަރު ކަނޑައެޅުމެވެ. ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ފާއިތުވި އަހަރުގެ ޓީޖީއެސްޓީ އާމްދަނީން އިންސައްތައެއް ސަބްސިޑީއަށް ބަޖެޓު ކުރުމެވެ.

ފިނޭންސުން ފާހަގަކުރި ގޮތުގައި މިކަމާއެކު ސަބްސިޑީގެ ގޮތުގައި ކުރާ ހަރަދު ދައުލަތުގެ ފުދުންތެރިކަން ހުރި މިންވަރާ އޮންނާނީ ގުޅިފަ އެވެ.

މުދަލާއި ހިދުމަތްތަކުގެ އަގު އުފުލޭނެ، އެކަމަކު މާލިއްޔަތަށް ބޮޑު ލުުޔެއް

ޓާގެޓަޑް ސަބްސިޑީ ނިޒާމާ އެކު، ކޮސްޓް ރިފްލެކްޓިވް އަގުގައި ނޫނީ ހަރަދުގެ މައްޗަށް ބިނާކޮށް އަގު ކަނޑައަޅާ ގޮތަށް ބަދަލުކުރުމުން އާންމުންނާއި ވިޔަފާރިތަކުގެ ހަރަދުތައް މަތި ވާނެ ކަމަށް ފިނޭންސުން ބުނެފައިވެ އެވެ.

ނަމަވެސް, ބޭރުގެ ބާޒާރުގައި މުދަލާއި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ހުރި މާލީ ހިރާސްތައް ކުޑަ ކުރެވޭނެ ކަމަަށް ފިނޭންސުން ފާހަގަކޮށްފައި ވެ އެވެ. އަދި, އަސްލު އަގުގައި އަގު ނަގަން ފެށުމުން އަހުލާގަށް ގެންނަން މަޖުބޫރުވާ ބަދަލުތަކުގެ ތެރެއިން ނުސީދާ ގޮތުން ތެރެއިން ތެލާއި ކަރަންޓު ބޭނުންކުރާ މިންވަރު ދަށްކުރަން މަގުފަހި ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެ އެވެ.

އޭގެ ސަބަބުން ތެޔޮ އިމްޕޯޓު ކުރަން ބޭނުންވާ ފައިސާގެ މިންވަރު މަދު ކުރަން ބާރު ލިބި، ކަރަންޓު ބޭނުންކުރާ މިންވަރު އިގުތިސާދު ކުރަން ބާރު އެޅޭނެ ކަމަށް ފިނޭންސުން ބުންޏެވެ. އެގޮތުން އަންނަ އަހަރު ޖުލައިގައި އަންނަ ބަދަލާ އެކީ އެ އަހަރު 599 މިލިއަން ރުފިޔާ، 2024 ގައި 1.1 ބިލިއަން ރުފިޔާ އަދި 2025 ގައި 2.5 ބިލިއަން ރުފިޔާ ސަލާމަތްކު ރެވޭނެ ކަމަށް ފިނޭންސުން ލަފާކުރެ އެވެ.

މީގެ ކުރިން ކާޑު ސަބްސިޑީ ޓާގެޓެޑް ސަބްސިޑީއަކަށް ބަދަލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި 2016ގަ އެވެ. ނަމަވެސް، އަހަރެއް ވަންދެން އެ ސިޔާސަތު ދެމެހެއްޓުމަށްފަހު އަލުން އިންޑައިރެކްޓް ސަބްސިޑީއަކަށް ވަނީ ބަދަލުކޮށްފަ އެވެ. އޭރު ބޭނުންޖެހިފައިވާ މީހުންނަށް ފައިސާގެ އެހީ ދިނީ އެންސްޕާ މެދުވެރިކޮށެވެ.