17 އޮކްޓޯބަރު 2023 - 10:26 0
މުހައްމަދު އުޝާމް
17 އޮކްޓޯބަރު 2023 - 10:26 0
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ގުރުއާން ތަފްސީރު ކުރައްވައި ލިޔުއްވި ފުރަތަމަ ފޮތް ނެރެފި އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ނެރުއްވި އެ ފޮތް މާލެ އާއި ހުޅުމާލެ ނޮވެލްޓީ ބުކްޝޮޕުގައި ލިބެން ހުންނާނެ އެވެ. އެ ފޮތް ވިއްކަނީ 395 ރ. އަށެވެ.
ފަނޑިޔާރު މަހާޒުގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުން، ކީރިތި ގުރުއާނުގެ ތަފްސީރެއް ލިޔުމުގެ ހިޔާލު ލިބިވަޑައިގަތީ ކޮއްކޮ އުފެއްދި "ގުރްއާން އެމްވީ" އެޕްލިކޭޝަންގައި ހިމެނޭ ތަރުޖަމާގައި ހުރި ބައެއް އައިބުތަކާއި އުނިތަކުގެ ޝަކުވާ ލިބެމުން އަންނަ ކަން ކޮއްކޮގެ ފަރާތުން ހިއްސާކުރަން ފެށުމުންނެވެ.
ގުރުއާނުގެ އާޔަތްތައް ތަރުޖަމާ ކުރުމުގެ ހިޔާލު އުފަންވެ އެ މަސައްކަތް ގެންދިޔުމަށް ގުރުއާނުގެ އެންމެ ކުރު ތަފްސީރުތައް ކިޔަވަމުން ގެންދެވި ކަމަށް މަހާޒު ލިޔުއްވާފައިވެ އެވެ. އާޔަތްތަކުގެ ފުރިހަމަ ތަރުޖަމާއެއް ގެނައުމުގެ ބަދަލުގައި ތަފްސީރުގެ ފޮތެއް ނެރުމުގެ ހިޔާލު އައީ އޭގެ ފަހުންނެވެ.
"ކީރިތި ގުރުއާނަކީ ހަމައެކަނި ލަފުޒީ ތަރުޖަމާއަކުން ފުއްދައިލެވޭނެ އެއްޗެއް ނޫންކަމުގައި ވިސްނެން ފެށި އެވެ. އާޔަތްތަކުގެ މާނަ ގެނެސް ދިނުމުގައި ކޮންމެވެސް ވަރަކަށް އާޔަތުގެ ތަފްސީރު ގެނައުމަކީ މުހިންމު ކަމެއް ކަމުގެ އިހުސާސްވާން ފެށި އެވެ." މަހާޒު ލިޔުއްވާފައިވެ އެވެ.
ތަފްސީރުގެ ފުރަތަމަ ވޮލިއުމް ނެރެފައިވާއިރު، މީގެ ޖުމުލަ ހަ ވޮލިއުމެއް ނެރޭނެ އެވެ. ކީރިތި ޤުރްއާނުގެ ކޮންމެ ފަސް ފޮތަކީ ވޮލިއުމެއް ގޮތަށެވެ.
"މި ތަފްސީރުގައި ކޮންމެ އާޔަތެއްގެ ތަފްސީރު ލިޔެފައި އެ ވަނީ ފަރުވާތެރިކަމާއެކު އެ އާޔަތުގެ ތަފްސީރު ކުރުކޮށް ދިވެހިން ބުނެދެވޭނެ ގޮތް ވިސްނައިގެން އެކަމަށް ސަމާލުކަން ދީގެންނެވެ. ދީނީ މުސްކުޅި ބަހުރުވަ ދޫކޮށް، ސާފުކޮށް ތިލަ ޢިބާރާތް ބޭނުން ކުރުމަށް ބާރު އެޅީމެވެ." މަހާޒު ލިޔުއްވާފައިވެ އެވެ.
މިހާތަނަށް ތިންވަނަ ވޮލިއުމްގެ މަސައްކަތް ވެސް ގާތްގަނޑަކަށް ނިމިފައިވާ ކަން މަހާޒު ފާހަގަ ކުރައްވާފައިވެ އެވެ. ފުރަތަމަ ވޮލިއުމް އިސްލާމިކް މިނިސްޓްރީން ފާސްކޮށްދެއްވުމުން މިހާރު ނެރެފައިވަނީ އަދި އެ ވޮލިއުމް އެކަންޏެވެ.
Comment