Advertisement

ބަންގްލަދޭޝްގެ ހޯމް މެޗުން ރާއްޖެ ބަލިކުރަން ޖެހޭނެކަން ކުރިން ވެސް އެނގޭ

16 އޮކްޓޯބަރު 2023 - 14:09 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ބަންގްލަދޭޝް ގައުމީ ޓީމުގެ ކޯޗު ހަވިއޭ ކަބްރޭރާ: އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅޭ މެޗުން ރާއްޖެ ބަލިކުރަން ބޭނުންވާ ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ބަންގްލަދޭޝްގެ ހޯމް މެޗުން ރާއްޖެ ބަލިކުރަން ޖެހޭނެކަން ކުރިން ވެސް އެނގޭ

16 އޮކްޓޯބަރު 2023 - 14:09 0

ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޖޮއިންޓް ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގުގައި މާދަމާގެ މެޗަށް ބަންގްލަދޭޝް އިން އަމިއްލަ ގައުމުގައި ނުކުންނައިރު، ރާއްޖެ ބަލިކުރުން ނޫން އެހެން އެއްވެސް ވިސްނުމެއް ނެތް ކަމަށް ބަންގްލަދޭޝްގެ ކޯޗު ހަވީއޭ ކަބްރޭރާ ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި ބަންގްލަދޭޝް އިން ވަނީ 1-1 އިން ރާއްޖެއާ އެއްވަރުކޮށްފަ އެވެ. މި ނަތީޖާއާ އެކު، މާދަމާ ބަޝުންދަރާ އެރީނާގައި ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވި ކަމަށް ވިޔަސް، ކޮލިފައިން ގްރޫޕް ސްޓޭޖަށް ކޮލިފައިވާނެ އެވެ.

މާދަމާގެ މެޗުގެ ކުރިން ބަންގްލަދޭޝްގެ މީޑިއާ އަށް ދިން އިންޓަވިއުއްގައި ކަބްރޭރާ ބުނީ އެންމެ ފުރަތަމަ ވެސް ރާއްޖެއާ ކުޅެން ޖެހުމުން ވިސްނުމަށް ފަހު ގަބޫލުކުރި ކަމަކީ އަނެއް ބުރަށް ދެވޭނެ ގޮތަކީ އަމިއްލަ ދަނޑުގައި ކުޅޭ ލެގުގެ މެޗުން ރާއްޖެ ބަލިކޮށްގެން ކަމަށާއި މިހާރު ވެސް އެ އޮތީ އެ ހާލަތް ކަމަށެވެ.

"އަހަރެމެންނަށް އެނގޭ ރާއްޖެ އަމިއްލަ ދަނޑުގައި ވަރުގަދަކަން، އެކަން ދަނެގެން މި ދެ ލެގަށް ތައްޔާރުވީ ވެސް. ދެން ފުރަތަމަ މެޗުން އަހަރެމެން ބަލިވިޔަސް، އެއްވަރުވިޔަސް، އަހަރެންގެ ވިސްނުމަކީ އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ރާއްޖެ ބަލިކުރުން،" މިދިޔަ ޖޫން މަހު ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ އަތުން 3-1 އިން ބަންގްލަދޭޝް މޮޅުކޮށްދިންއިރު ވެސް ޓީމުގެ އިސް ޒިންމާއާ ހަވާލުވެ ހުރި ކޯޗު ކަބްރޭރާ ބުންޏެވެ.

"ފުރަތަމަ ލެގު އެއްވަރުވެފައި އޮތަސް މި މެޗު ފަސޭހަކޮށްގެން ނުވިސްނާނަން. މޮޅެއް ބޭނުންވޭ. އެއީ، އަހަރެމެންގެ ފުޓްބޯޅައިގެ މުސްތަގުބަލަށް ވެސް މި ފަދަ މެޗުތަކުން މޮޅުވެގެން ފައިދާކުރާނީ،"

މިއީ، 2000 ވަނަ އަހަރުގެ ގޯލްޑަން ޖޫބީލީ ފުޓްބޯޅަ މުބާރާތުގައި ގަލޮޅު ދަނޑުގައި ބަންގްލަދޭޝް އާއި ރާއްޖެ 1-1 އިން އެއްވަރުވި ފަހުން، ބަންގްލަދޭޝް އިން ގަލޮޅު ދަނޑުގައި ރާއްޖެއާ އެއްވަރުކުރި ފުރަތަމަ ފަހަރެވެ.

އެ ފަހަރު އެއްވަރުވި މެެޗުގެ ފަހުން، ގަލޮޅު ދަނޑުގައި ކުޅުނު ތިން މެޗުން ވެސް ރާއްޖެ ވަނީ ބަންގްލަދޭޝް ބަލިކޮށްފަ އެވެ. އެއީ، 2016 ވަނަ އަހަރު އެކުވެރިކަމުގެ މެޗުން ވަނީ 5-0 އިން މޮޅުވެފަ އެވެ. އޭގެ ފަހުން، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް އާއި މިދިޔަ އަހަރުގެ އެކުވެރިކަމުގެ މެޗެއްގައި ރާއްޖޭން ވަނީ 2-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.

ބުރާސްފަތި ދުވަހުގެ މެޗުގެ ނަތީޖާއާ އެކު، ބަންގްލަދޭޝް އިން މި ވަނީ ޖެހިޖެހިގެން ރަސްމީ ތިން މެޗުގައި ރާއްޖެ އަތުން ބަލިނުވެ ފުރިހަމަކޮށްފަ އެވެ. އެއީ، 2021 ވަަނަ އަހަރު ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އިން 2-1 އިން ރާއްޖެ ބަލިކުރި މެޗާއި މި އަހަރުގެ ޖޫން/ޖުލައި މަހު ސާފް ޗެމްޕިއަންޝިޕްގައ ރާއްޖެ އަތުން 3-1 އިން ބަންގްލަދޭޝް ބަލިކުރި މެޗުގެ އިތުރުން މި ފަހަރު ކޮލިފައިންގައި އެއްވަރުވި މެޗެެވެ.

ކޮލިފައިންގައި އެއްވަރުވި މެޗު ކަބްރޭރާ އަށް ހާއްސަވާ އެންމެ ބޮޑު ސަބަބަކީ މުހިންމު ތިން ކުޅުންތެރިން ނުލައި ނެރެވުނު ނަތީޖާއެއް ކަމަށްވާތީ އެވެ. އެއީ އަހުލާގީ މައްސަލައެއްގައި ސަސްޕެންޑްކޮށްފައިވޭ ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ގޯލްކީޕަރު އަނީސުރް ރަހުމާން ޒިކޯ އާއި ޑިފެންޑަރު ޓޯޕޫ ބަރްމަން އަދި ޝެއިހް މޮރްސަލީން އެވެ.

ފުރަތަަމ އެގާރައިގައި ކުޅޭ އެ ތިން ކުޅުންތެރިން ނުލައި، ކުޅެން ޖެހުނުއިރު، ޓީމުގެ އެއްބައިވަންތަކަން ފެނުނީ ވަރަށް ރަނގަޅަށް ކަމަށް ކަބްރޭރާ ވަނީ ބުނެފަ އެވެ.

ކަބްރޭރާ އެންމެ ބޮޑަށް ފާހަގަކުރީ ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ބަންގްލަދޭޝްގެ ގޯލު ބެލެހެއްޓި ކީޕަރު މިތުލް މަރްމާ އެވެ. އޭނާ ވަނީ ރާއްޖެ ޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ހުށިޔާރުކަން ދައްކައިފަ އެވެ.