Advertisement

އަގްސާ ތޫފާން: އިޒްރޭލުގެ އެންމެ ގިނަ މީހުން މަރުވި ހަމަލާ

15 އޮކްޓޯބަރު 2023 - 21:24 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ފަލަސްތީނުން އިޒްރޭލަށް އަމާޒުކޮށް ރޮކެޓެއް ފޮނުވާލަނީ : ފަލަސްތީނުގެ ހަމަލާތަކުގައި އިޒްރޭލުން 1،400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި - ފޮޓޯ: ސީއެންއެން


އަގްސާ ތޫފާން: އިޒްރޭލުގެ އެންމެ ގިނަ މީހުން މަރުވި ހަމަލާ

15 އޮކްޓޯބަރު 2023 - 21:24 2

ފަލަސްތީނުގެ ހަމާސް ޖަމާއަތުން، މުޅި ދުނިޔެ ސިއްސުވާލާ މި މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލަށް ދޭން ފެށި ހަމަލާތަކަށް ހަފުތާއެއް ވެފައިވާއިރު މި ހަމަލާތައް ވެގެންގޮސްފައިވަނީ އިޒްރޭލުގެ ތާރީހުގައި ވެސް އެންމެ ގިނަ މީހުން މަރުވި ހަމަލާތަކަށެވެ.

ހަމާސްއިން ދެމުންދާ ހަމަލާތަކުގައި އިޒްރޭލުން މަރާލި މީހުންގެ އަދަދު 1400 އަށްވުރެ ގިނަ ކަމަށް އޮފިޝަލް ނަމްބަރުތަކުން ދައްކަ އެވެ. އޭގެ ތެރޭގައި އެހެން ގައުމުތަކުގެ ރައްޔިތުން ހިމެނުނަސް 90 އިންސައްތައަށްވުރެ ގިނައީ އިޒްރޭލުގެ ރައްޔިތުން ކަމަށް އިދާރާތަކާއި މީޑިއާތަކުން ބުނެ އެވެ.

އިޒްރޭލުން އާންމުކުރަމުންދާ މަރުގެ ނަމްބަރުތަކާމެދު ވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ހާއްސަކޮށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް ކުރިމަތިވި މި ބޮޑު ފެއިލިއާގެ ސަބަބުން އިޒްރޭލުގެ ގިނަ ބަޔަކުވެސް ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

'އަގްސާ ތޫފާން' ގެ ނަމުގައި ހަމާސްއިން ފެށި މި ހަމަލާތަކާއެކު އިޒްރޭލުން ވަނީ ހަނގުރާމަ އިއުލާންކޮށް ފަލަސްތީނުގެ 2,500 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފަ އެވެ. ހަމާސްގެ އިތުރުން ލުބުނާނުގެ ހިޒްބުﷲ އިންނާއި ސީރިއާގައި ހަރަކާތްތެރިވާ، މިހާތަނަށް ކަނޑައެޅިގެން ނޭނގޭ، ޖަމާއަތަކުންވެސް ވަނީ އިޒްރޭލަށް ހަމަލާދީފަ އެވެ.

މީގެ ތެރެއިން އިޒްރޭލުގެ އަސްކަރިއްޔާ އަދި މުޅި ދުނިޔެވެސް ސިއްސުވާލީ، ޕެރެގްލައިޑާ ތަކެއް ބޭނުންކޮށްގެން ހަމާސްގެ ހަނގުރާމަވެރިން އުދުހިފައި އިޒްރޭލަށް ފައިބާ ބަޑިން ދިން ހަމަލާތަކެވެ. އެގޮތުން އިޒްރޭލުގެ ދެކުނު ބޯޑަރު ސަރަހައްދެއްގައި ކުރިއަށްދިޔަ މިއުޒިކް ފެސްޓިވަލަކަށް ދިން ހަމަލާއެއްގައި 250 އަށްވުރެ ގިނަ މީހުން މަރާލި އެވެ.

ހަމާސްއިން ބުނެފައިވަނީ ވޭތުވެދިޔަ އަށް ދުވަހެކޭ އެއްގޮތަށް ގޮތުގައި އެ ޖަމާއަތުން ދަނީ އިތުރު ހަމަލާތައް ދިނުމަށް ރާވަމުންދާ ކަމަށެވެ. ލުބުނާނުގެ ހިޒްބުﷲ އިންވެސް މިހާރު ދަނީ ރަސްމީކޮށް އިޒްރޭލަށް ހަމަލާދެމުންނެވެ.

ހަފުތާއެއް ވެފައިވާ ހަނގުރާމާގައި އިޒްރޭލުން މިހާރު އަންނަނީ އުތުރު ގާޒާއަށް ބިމުގެ މަގުން ވަނުމަށް މަސައްކަތް ފަށާފަ އެވެ. އެގޮތުން ގާޒާ ބޯޑަރު ކައިރިއަށް ޓޭންކަރުތަކާއި އެތައް ހާސް ސިފައިންނެއް އިޒްރޭލުގެ އަސްކަރިއްޔާއިން ދަނީ ޖަމާކުރަމުންނެވެ.

އަދި، އުތުރު ގާޒާގެ ރައްޔިތުން ގެދޮރު ދޫކޮށް ދެކުނަށް ބަދަލުވުމަށްވެސް އިޒްރޭލުން ވަނީ އިންޒާރުދީފަ އެވެ. ނަަމަވެސް އެފަދައިން ދެކުނަށް ދަތުރުކުރަމުންދިޔަ ގާފިލާއަކަށް އިޒްރޭލުން ވަނީ ހަމަލާދީ 70 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފަ އެވެ.