Advertisement

ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި މި ފަހަރު 1150 އެތުލީޓުން

15 އޮކްޓޯބަރު 2023 - 12:13 0

މި އަހަރު ބޭއްވި އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ އިވެންޓެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި މި ފަހަރު 1150 އެތުލީޓުން

15 އޮކްޓޯބަރު 2023 - 12:13 0

އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް، 1150 އެތުލީޓުންނާ އެކު، ހދ.ކުޅުދުއްފުށީގައި ފަށަން ތައްޔާރުވެއްޖެ އެވެ.

މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި މި އަހަރު 28 ސްކޫލަކާއި ހަތް ކުލަބު ޖަމިއްޔާއަކުން ބައިވެރިވާނެ އެވެ. ކުޅުދުއްފުށީގައި ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މުބާރާތުގައި ހަތަރު އުމުރުފުރާއެއްގައި 105 އިވެންޓެއް ކުރިއަށްދާނެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ބާއްވަން ކުރިން ރާވާފައިއޮތީ ރޭގަ އެވެ. ނަމަވެސް މި ވަގުތު ރާއްޖޭގެ އުތުރުގެ ރަށްތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެށުމުގެ ރަސްމިއްޔާތުވަނީ މިރެއަށް ފަސްކޮށްފަ އެވެ. މިދިޔަ ދެ ދުވަހު ވެސް ކުޅުދުއްފުއްޓަށް ހުއްޓުމެއްނެތި އަންނަނީ ވިއްސާރައިގެ އަސަރު ކުރަމުންނެވެ.

އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕްގައި މި އަހަރު އެންމެ ގިނަ ސްކޫލް ވާދަކުރަނީ ހދ އަތޮޅުންނެވެ. ކުޅުދުއްފުށީގެ ގިނަ ސްކޫލްތަކަކާ އެކު މި އަތޮޅުން 12 ސްކޫލަކުން ވާދަކުރާނެ އެވެ. ހއ އަތޮޅުން ފަސް ސްކޫލަކުން ވާދަކުރާއިރު ށ. އަތޮޅުން ވެސް ފަސް ސްކޫލަކުން ޓީމުތައް ވަނީ ބައިވެރިވެފަ އެވެ.

ރ އަތޮޅުން ރަސްމާދޫ ސްކޫލް ވާދަކުރާއިރު، ދ އަތޮޅު މަދަރުސާ ވެސް މި ފަހަރުގެ މުބާރާތުގައި ވާދަކުރެ އެވެ. އއ. އަތޮޅުގެ ދެ ސްކޫލުކަމަށްވާ ހިމަންދޫ ސްކޫލާއި އުކުޅަހު ސްކޫލް ވެސް މި ފަހަރުގެ ޗެމްޕިއަންޝިޕްގައި ވާދަކުރެ އެވެ. ދެން ވާދަކުރާ ދެ ސްކޫލަކީ ޖޫނިއާ ޗެމްޕިއަންޝިޕްގައި މީގެ ކުރިން ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އައްޑޫ ސިޓީގެ، އައްޑޫ ހައި ސްކޫލާއި ޝަރަފުއްދީން ސްކޫލެވެ.

ކުލަބު ޖަމިއްޔާތަކަށް ބަލާއިރު، އެންމެ ގިނަ އެތުލީޓުން ވާދަކުރަނީ ޓްރެކް އެންޑް ފިލްޑް އެސޯސިއޭޝަންގެ ފަރާތުންނެވެ. އެ ގޮތުން މި ޖަމިއްޔާގެ 37 އެތުލީޓެއް މި މުބާރާތުން ފެންނާނެ އެވެ. ކޭވައި ސްޕޯޓްސް އެކަޑަމީ އިން 24 ދުވުންތެރިން އަދި ނަސީރު ސްޕޯޓްސް ކުލަބުންވެސް 24 ދުވުންތެރިން ވާދަކުރާނެ އެވެ.

އައްޑޫ ސިޓީގެ ކުލަބު ރާވެރިޔާ އިން 18 އެތުލީޓުން ވާދަކުރާއިރު، ކުޅުދުއްފުށީގެ ޝަރީފް ސްޕޯޓްސްއިން 19 އެތުލީޓުން މުބާރާތުގައި ވާދަކުރާނެ އެވެ.

ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ އެތުލެޓިކްސްގެ ގިނަ ތަރިންތަކެއްގެ ފެށުމެވެ. މިގޮތުން އަތޮޅުތަކަށް ނިސްބަތްވާ ގިނަ ދުވުންތެރިންނަކީ ޖޫނިއާ ޗެމްޕިއަންޝިޕުން ފާހަގަވެފައިވާ ދުވުންތެރިންނެވެ.