Advertisement

ގްރީން ސްޓްރީޓްސްގެ ރައީސް މުއާބެ ވެސް އެފްއޭއެމުން އިސްތިއުފާދީފި

14 އޮކްޓޯބަރު 2023 - 18:51 0

އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން މުއާވިޔަތު ހަލީލް (މުއާބެ).


ގްރީން ސްޓްރީޓްސްގެ ރައީސް މުއާބެ ވެސް އެފްއޭއެމުން އިސްތިއުފާދީފި

14 އޮކްޓޯބަރު 2023 - 18:51 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެގްޒެކްޓިވް ކޮމިޓީ (ހިންގާ ކޮމިޓީ/އެކްސްކޯ) އިން ކްލަބް ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލް (މުއާބެ) ވެސް އިސްތިއުފާދީފި އެވެ.

މުއާބެ، "އަދަދު" އަށް މިއަދު ވިދާޅުވީ، މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން އެފްއޭއެމްގެ އެކްސްކޯގެ މަގާމުން އިސްތިއުފާދީފައިވާނެ ކަމަށެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީއީއޯ، ހުސެއިން ޝާފިއު (ކޮއްކީ) ވެސް ވަނީ އެފްއޭއެމްގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާދީފަ އެވެ. ކޮއްކީ ވަނީ އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ)، އެފްއޭއެމްގެ ރައީސްގެ މަގާމަށް ގެންނަން ތާއީދު އޮތް ކަމަށް ޝުއޫރުފާުޅުކޮށްފަ އެވެ.

އެފްއޭއެމްގެ އެކްސްކޯ އިން މުއާބެ، އިސްތިއުފާ ދީފައިވާއިރު، އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ދަގަނޑޭ ގެންނަން ކުރަމުން އަންނަ ކެމްޕެއިނާ މެދު ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން މުއާބެ ވިދާޅުވީ، "އަބަދުވެސް ހުންނަނީ ދަގަނޑޭއާ އެކުގައި" ކަމަށެވެ.

އެފްއޭއެމް އިން 2020 ވަނަ އަހަރުގެ ޖުލައި މަހު ބޭއްވި އިންތިހާބުގައި ބައްސާމްގެ އެކްސްކޯގައި ހިމެނުނީ، އެފްއޭއެމްގެ ސީނިއާ ނައިބް ރައީސް އަލީ އުމަރު، ނައިބް ރައީސް މާޒިޔާގެ ކޮއްކީގެ އިތުރުން، އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ހޮވުނު އަހުމަދު ޝަކީބް (ޑޮކް) އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިސް ހިންގުންތެރިޔާ، އަހުމަދު ނަޝީދު (ޑޭވް) އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އާއި ގްރީންސްޓްރީޓްސްގެ ރައީސް މުއާވިޔަތު އަދި އެފްއޭއެމްގެ ސީނިއާ މުވައްޒަފުންގެ ގޮތުގައި ތިބި އައިމިނަތު ޝާނީޒް (ޝާނީ) އާއި މުހައްމަދު ޝިފާއު އެވެ.

ހިންގާ ކޮމިޓީގެ މެމްބަރުންގެ ތެރެއިން ކޮއްކީ އާއި މުއާބެ މި ވަނީ އިސްތިއުފާދީފަ އެވެ.

މީގެ ކުރިން، 2016 ވަނަ އަހަރު އެފްއޭއެމް ހިންގާ ކޮމިޓީގެ ފަސް މެމްބަރަކު އެއް ފަހަރާ އިސްތިއުފާ ދިނުމާ އެކު، އިންތިހާބެއް ބާއްވަން ޖެހޭ ހާލަތެއް އަ އެވެ. އެއިރު، އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެކްސްކޯގެ 50 ޕަސެންޓް މެމްބަރުން އިސްތިއުފާ ދީފި ނަމަ އަލުން އިންތިހާބެއް ބާއްވަން ޖެހޭނެ އެވެ.

ގަވާއިދުގައިވާ ގޮތަށް ކޮންމެ ހަތަރު އަހަރުން އެއް އަހަރު އެފްއޭއެމްގެ އިންތިހާބު ބާއްވާއިރު، އަންނަ އަހަރު ތެރޭ، ދެން އޮތް ދައުރަށް މަގާމުތައް ކަނޑައަޅާ އިންތިހާބު އޮންނާނެ އެވެ.