14 އޮކްޓޯބަރު 2023 - 11:10 0
އައްޒާމް އަލިފުޅު
14 އޮކްޓޯބަރު 2023 - 11:10 0
ޗައިނާގައި ދާދި ފަހުން ނިމިގެންދިޔަ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ގައުމީ ބެޑްމިންޓަން ކުޅުންތެރިން ދެއްކި ކުޅުމާ އެކު، ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން، ބީޑަބްލިއުއެފްގެ ރޭންކިންގައި ރަނގަޅު ކުރިއެރުންތަކެއް ހޯދައިފި އެވެ.
މި ފަހަރުގެ އޭޝިއަން ގޭމްސްގެ ގަދަ 16 ބުރުގައި ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ) ވާދަކުރި އެވެ. އޭޝިއަން ގޭމްސް އަށް ފަހު، ބީޑަބްލިއުއެފް އިން ނެރުނު ރޭންކިންގައި ނަބާ އޮތީ ދުނިޔޭގެ އަންހެން ސިންގަލްސް 147 ވަނައިގަ އެވެ. އޭޝިއަން ގޭމްސްގައި ލިބުނު ރޭންކިން ޕޮއިންޓްތަކަށް ފަހު، އައިމިނަތު ނަބީހާ (ނަބީ) އޮތީ އަންހެން ސިންގަލްސްގެ ދުނިޔޭގެ 200 ވަނައިގަ އެވެ.
ނަބާ އާއި ނަބީ ވަނީ އޮސްޓްރޭލިއާގައި ކުރިއަށްދާ ޔޮނެކްސް ބެންޑިގޯ އިންޓަނޭޝަނަލް މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. އެހެންކަމުން، މި މުބާރާތުން ލިބުނު ރޭންކިން ޕޮއިންޓްތަކާ އެކު، ނަބާ އާއި ނަބީ އަށް ދެން އެންމެ އަވަހަށް ނެރޭ ރޭންކިން ތާވަލުގައި ވެސް ކުރިއެރުން ލިބޭނެ އެވެ.
އަންހެން ޑަބަލްސްގައި ނަބާ އާއި ނަބީގެ ޕެއާ އޮތީ ދުނިޔޭގެ 87 ވަނައިގަ އެވެ. ރާއްޖޭގެ މައިސާ ފަތުހުﷲ އިސްމާއިލް އާއި އައިޝަތު އަފްނާން ރަޝީދުގެ ޕެއާ އޮތީ ދުނިޔޭގެ 156 ވަނައިގަ އެވެ. މިކްސް ޑަބަލްސް އިން ބަލާއިރު، ނަބާ އާއި ޒަޔާން ޒަކީގެ ޕެއާ އޮތީ ދުނިޔޭގެ 80 ވަނައިގަ އެވެ. ދެން، ރޭންކިންގައި ކުރިހޯދި ރާއްޖޭގެ މިކްސް ޑަބަލްސް ޕެއާ އަކީ ނިބާލް އަހުމަދު އާއި ނަބީގެ ޕެއާ އެވެ. އެ ޕެއާ މި ވަގުތު އޮތީ ދުނިޔޭގެ 233 ވަނައިގަ އެވެ.
ފިރިހެން ސިންގަލްސް އަށް ބަލާއިރު، އޭޝިއަން ގޭމްސް އަށް ފަހު، ނިބާލް އާއި ޒަޔާން ވަނީ ކުރިއެރުން ހޯދައިފަ އެވެ. ޒަޔާން މި ވަގުތު އޮތީ 228 ވަނައިގަ އެވެ. އަދި ނިބާލް އޮތީ 325 ވަނައިގަ އެވެ.
ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން ދެން އެންމެ އަވަހަށް ވާދަކުރާނީ ސިޑްނީ ސީރީސްގަ އެވެ.
Comment