Advertisement

ބެޓިންގެ ތަހުގީގެއްގައި ޓޮނާލީ އާއި ޒަނިއޯލޯ ގައުމީ ޓީމުން ބޭރުކޮށްފި

14 އޮކްޓޯބަރު 2023 - 10:56 0


ބެޓިންގެ ތަހުގީގެއްގައި ޓޮނާލީ އާއި ޒަނިއޯލޯ ގައުމީ ޓީމުން ބޭރުކޮށްފި

14 އޮކްޓޯބަރު 2023 - 10:56 0

ރޯމް (އޮކްޓޫބަރު 14) - އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއައިޖީސީ) އިން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ގައުމީ ޓީމުގެ ދެ މިޑްފިލްޑަރުން ކަމަށްވާ ނިކޮލޯ ޒަނިއޯލޯ އާއި ސަންދްރޯ ޓޮނާލީ ގައުމީ ޓީމުން ބޭރުކޮށްފި އެވެ.

އިޓަލީގެ ނޫސްތަކުން ބުނާ ގޮތުން ޒަނިއޯލޯ އާއި ޓޮނާލީ ޓީމުން ދުރުކުރަން ޖެހުނީ ގަވާއިދާ ހިލާފަށް ބެޓިންގެ ކަންތައްތަކެއްގައި ބައިވެރިވި ކަމަށް ބަލައި އެކަމާ ގުޅިގެން ތަހުގީގުތަކެއް ހިންގަމުން އަންނާތީ އެވެ.

ގަވާއިދާ ހިލާފު ވެބްސައިޓްތަކެއްގައި ބެޓިންގެ ހަރަކާތްތަކެއް ހިންގުމުގައި ބައިވެރިވެފައިވާތީ ޒަނިއޯލޯ އާއި ޓޮނާލީގެ އިތުރުން ޔުވެންޓަސްގެ މިޑްފިލްޑަރު ނިކޮލޯ ފަގިއޯލޯއާ ވެސް ވަނީ ސުވާލުކޮށްފަ އެވެ. ޒަނިއޯލޯ އާއި ޓޮނާލީގެ ނަން މި މައްސަލައިގެ ތެރެއިން ހާމަވީ ފަގިއޯލޯއާ ސުވާލުކުރިތާ އެއް ދުވަސް ފަހުންނެވެ.

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ދެ ކުޅުންތެރިން ޓީމާ ވަކިވިކަން ޔަގީންކޮށްދީފަ އެވެ. ޔޫރޯ ކޮލިފައިންގައި އިޓަލީ އިން މިރޭ މޯލްޓާއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ އަންގާރަ ދުވަހުގެރޭ އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗުގައިވެސް މި ދެ ކުޅުންތެރިން ނުކުޅޭނެ އެވެ.

ޕްރިމިއާ ލީގުގެ އެސްޓަން ވިލާ އަށް ކުޅޭ ޒަނިއޯލޯ އާއި ނިއުކާސަލް އަށް ކުޅޭ ޓޮނާލީ އާ މި މައްސަލަ ބަލަމުން އަންނަ ވަކީލުން ސުވާލުކޮށްފައިވާއިރު، އިތުރު ކުޅުންތެރިންތަކެއް ވެސް މިކަމުގައި ހިމެނޭނެ ކަމަށް ލަފާކުރެވެ އެވެ.

ޔޫރޯ ކޮލިފައިންގައި އިޓަލީ އޮތީ ސީގެ ދެ ވަނައިގަ އެވެ. އެ ޓީމަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޔޫކްރެއިން އާއި ނޯތު މެސެޑޯނިއާ އަށް ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. އިޓަލީ ކުރީގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.