Advertisement

ކާރިސާތަކުގެ ކަންކަން ބެލެހެއްޓުމުގެ ދާއިރާއަށް އިތުރަށް އިންވެސްޓު ކުރަން އެންޑީއެމްއޭއިން ގޮވާލައިފި

13 އޮކްޓޯބަރު 2023 - 16:56 0

ނިމާ ހަސަން

ނިމާ ހަސަން

މާލޭގެ މަގެއްގައި ފެން ބޮޑުވެފައި. ކާރިސާތަކަށް އިޖާބަ ދިނުމަށް 4.9 މިލިއަން ރުފިޔާއަށްވުރެ ގިނައިން ހަރަދުކޮށްފައިވޭ --- ފޮޓޯ: އަދަދު ފައިލް


ކާރިސާތަކުގެ ކަންކަން ބެލެހެއްޓުމުގެ ދާއިރާއަށް އިތުރަށް އިންވެސްޓު ކުރަން އެންޑީއެމްއޭއިން ގޮވާލައިފި

13 އޮކްޓޯބަރު 2023 - 16:56 0

ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ދާއިރާއަށް އިތުރަށް އިންވެސްޓް ކުރަން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ގޮވާލައިފި އެވެ.

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހުގެ މުނާސަބަތުގައި އެންޑީއެމްއޭ އިން ނެރުނު ބަޔާނުގައި ވަނީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އަލަށް އިންތިހާބުވެފައިވާ ސަރުކާރުން ވެސް ކުރިއަށް ގެންދިއުމަށް އިސްކަންދޭންޖެހޭ ބައެއް ކަންތައްތައް ހުރިކަން ފާހަގަކޮށް, އެކަމަށް ގޮވާލާފަ އެވެ.

އިންތިހާބީ ސަރުކާރުގެ ފަރާތުން އެންޑީއެމްއޭއިން އެދުނީ ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގެ ދަށުން އެ އޮތޯރިޓީއަށް ލިބިދޭ އިހްތިސޯސްތަކާއި ބާރުތައް ލިބޭނެ މަގު ފަހިކޮށްދިނުމަށާއި އެ ދާއިރާއަށް އިތުރަށް އިންވެސްޓް ކުރުމާއި ބަޖެޓު ކަނޑައެޅުމަށެވެ. އަދި ތަރައްގީގެ ޕްލޭންތަކާއި މަޝްރޫއުތަކުގައި ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ މަފްހޫމް ހިމަނައި ރައްކާތެރި ބިނާވެއްޓަކަށް އިސްކަންދީ މުޖުތަމައު ބާރުވެރިކުރުން ވެސް އެ ލިސްޓުގައި ހިމަނާފައި ވެ އެވެ.

އެންޑީއެމްއޭއިން ވަނީ ކާރިސާތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި، ވިޔަފާރިތަކާއި، އޮޑިދޯނިފަހަރާއި މުޅި ޓުއަރިޒަމް ސިނާއަތަށް ވެސް ލިބިދާނެ ގެއްލުމަކުން އަރައިގަތުމަށް އިންޝުއަރެންސްއަށް އަހުލުވެރި ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާފަ އެވެ. އެ އޮތޯރިޓީން ބުނީ ބައެއް ދާއިރާތައް އިންޝުއާ ކުރުމަށް މަޖުބޫރު ކުރުމަކީ ވެސް އެޅޭނެ މުހިންމު ފިޔަވަޅެެއް ކަމަށެވެ.

"އިންޝުއަރެންސް ސްކީމުތަކުގެ ތެރޭން ރިސްކް ޓްރާންސްފާ ކުރެވޭނެ އިންތިޒާމު މިހާރަށްވުރެ ލުއި ފަސޭހެ ގޮތަކަށް ހުރިހާ ދާއިރާއަކަށް ފަހިކޮށްދިނުމަކީ ވެސް ދައުލަތުގެ އެންމެހައި އިދާރާތަކުގެ މެންޑޭޓުގައި ހިމެނޭ ކަމެއްގެ ގޮތުގައި ހެދުމަކީވެސް މުހިންމު ކަމެއް" އެންޑީއެމްއޭ އިން ބުނެފައިވެ އެވެ.

އެ އޮތޯރިޓީން ބުނީ ފުރިހަމަ އިންޝުއަރެސް ނިޒާމެއްގެ ތެރެއިން ލުއިފަސޭހަ ގޮތްތަކެއްގެ މަތިން އެކި ދާއިރާތަކަށް އިންޝުއަރެންސް ރައްޓެހިކޮށް އަތުޖެހޭ ހިސާބަށް ގާތްވާނެ ގޮތްތައް ހަދަން ޖެހޭ ކަމަށެވެ. އަދި އެކަމަށް އެމްއެމްއޭ އާއި އިންޝުއަރެންސް ކުންފުނިތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ވަގުތު ޖެހިފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުނެއެވެ.

މިއަހަރުގެ މިހާތަނަށް އައިއިރު, ކާރިސާތަކަށް އިޖާބަ ދިނުމަށް 4.9 މިލިއަން ރުފިޔާއަށްވުރެ ގިނައިން ހަރަދުކޮށްފައިވެ އެވެ. އަދި 225 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވެއެވެ. މިދިޔަ އަހަރު ކާރިސާތަކަށް ހޭދަ ކުރީ 3.9 މިލިއަން ރުފިޔާ އެވެ. އަދި އެ އަހަރު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނީ 85 މީހަކަށެވެ.