Advertisement

ނަތީޖާއާމެދު ހިތްހަމަޖެހޭ، މިއީ ހޯމް ލެގަށްދާއިރު ލިބޭ ހިތްވަރެއް: ކަބްރޭރާ

13 އޮކްޓޯބަރު 2023 - 10:59 0

ބަންގްލަދޭޝްގެ ކޯޗު ކަބްރޭރާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ނަތީޖާއާމެދު ހިތްހަމަޖެހޭ، މިއީ ހޯމް ލެގަށްދާއިރު ލިބޭ ހިތްވަރެއް: ކަބްރޭރާ

13 އޮކްޓޯބަރު 2023 - 10:59 0

ފުރަތަމަ ލެގުގައި ރަށުންބޭރުގައި ބަލިނުވެ ނިންމާލެވުމަކީ އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގަށްދާއިރު ބަންގްލަދޭޝް ޓީމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް އެ ޓީމުގެ ކޯޗު ހާވިއޭ ކަބްރޭރާ ބުނެފި އެވެ.

ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޖޮއިންޓް ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި އިއްޔެ ހަވީރު ރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ބަންގްލަދޭޝުން މި މެޗުގައި ގޯލު ޖެހީ ފަހު ވަގުތު ކޮޅުގަ އެވެ.

މެޗަށް ފަހު ކަބްރޭރާ ބުނީ ރާއްޖެއަކީ އަމިއްލަ ދަނޑުގައި ވަރުގަދަ ޓީމެއް ކަމަށާއި، އެހެންކަމުން މިމެޗު އެއްވަރުކޮށްލެވުމަކީ ޓީމަށް ލިބުނު ކާމިޔާބެއް ކަމަށެވެ. އޭނާ ބުނީ މި ނަތީޖާ އަކީ ހޯމް ލެގަށްދާއިރު ޓީމަށް ލިބޭނެ ބޮޑު ހިތްވަރެއް ކަމަށާއި، ކުޅުންތެރިންގެ ކޮންފިޑެންސް މި ނަތީޖާގެ ސަބަބުން ރަނގަޅުވާނެ ކަމަށެވެ.

ކަބްރޭރާ ވަނީ ކުޅުމަށް ބަލާއިރުވެސް ދެ ޓީމް ފެނުނީ ހަމަހަމަކޮށް ކަމަށާއި، ދެ ޓީމަށް ވެސް އަމިއްލަ ޓެމްޕޯގައި ކުޅެން މާ ގިނަ ފުރުސަތުތަކެއް ނުލިބޭ ކަމަށެވެ.

"މި ނަތީޖާއަކީ ޓީމަށް ލިބުނު ބޮޑު ހިތްވަރެއް ހޯމް މެޗަށް ދާއިރު، ކުޅުންތެރިންނަށް ލިބުނު ބޫސްޓެއް. ވަކިން ހާއްސަކޮށް ޒުވާން ކުޅުންތެރިންނަށް. އަހަރުމެންނަށް އިނގޭ ފެށިއިރުވެސް މި މެޗު އުނދަގޫވާނެކަން. ކުޅުންތެރިން ކުރި މަސައްކަތާމެދު ހިތްހަމަޖެހޭ. މިއީ އަހަރުމެންނަށް ރަނގަޅު ނަތީޖާއެއް ހޯމް ލެގަށް ދާއިރު." ކަބްރޭރާ ބުންޏެވެ.

އޭނާ ބުނީ ޓީމުން ބޮޑަށް ވިސްނީ ދިވެހި ކުޅުންތެރިން ހުއްޓުވަން ކަމަށާއި، އެ ގޮތުން ހަމްޒާ މުހައްމަދު (ހަމްޕު)، އަލީ ފާސިރު (ސެންޓޭ) އަދި ހަސަން ރާއިފް އަހުމަދު (ހަންނަ) ކަހަލަ ކުޅުންތެރިން ހުނަރުވެރިކަމަށް ސަމާލުވި ކަމަށެވެ. އެ ކުޅުންތެރިން ހުއްޓުވުމަށް ޓީމުން ރޭވި ޕްލޭންތައް ބޭނުންވި ގޮތަށް ދިޔަކަންވެސް އޭނާ ފާހަގަކުރި އެވެ.

ކަބްރޭރާ ބުނީ ފުރަތަމަ ލެގުން ކޮންމެ ނަތީޖާއެއް ނުކުތަސް ހޯމް ލެގަށް ނުކުންނާނީ މޮޅުވާން ކަމަށާއި، މި މެޗަށް ނުކުތީވެސް އެ ގޮތަށް ފޯކަސް ބަހައްޓައިގެން ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ގޯލަށް ފަހު ވެސް ހަމަޖެހިގެން ކުޅެން ޓީމަށް އިރުޝާދުދީފައިވާނެކަން އޭނާ ފާހަގަކުރި އެވެ.

"މި މެޗުގައި ކޮންމެ ނަތީޖާއެއް ނުކުތަސް އަހަރުމެންގެ ޓާގެޓް އޮތީ ހޯމް މެޗަށް. މި މެޗުން ބަލިވިޔަސް، އެއްވަރުވިޔަސް، މޮޅުވިޔަސް އަހަރުމެން ހޯމް ގޭމް ކާމިޔާބުކުރަން ވިސްނައިގެން ތިބީ. މިހާރު މިއޮތް ނަތީޖާއިންވެސް އަހަރުމެން ޖެހެނީ މޮޅުވާން. އެ ގޮތަސް ފޯކަސް ކޮށްގެން ކުރިންވެސް ތިބީ." ކަބްރޭރާ ބުންޏެވެ.

މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ތިން ކުޅުންތެރިއަކަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނެވެ. އެއީ، ބަންގްލަދޭޝަށް ގަވައިދާ ހިލާފަށް ބަނގުރާ އެތެރެކުރަން އުޅުނު މައްސަލައިގައި ގޯލްކީޕަރު އަނީސުރް ރަހުމާން ޒިކޯ އާއި ޑިފެންޑަރު ޓޯޕޫ ބަރްމަން އަދި ޝެއިހް މޮރްސަލީން އަށް އައި ސަސްޕެންޝަނެކެވެ.

ކަބްރޭރާ ބުނީ ނުކުޅެވުނީ މުހިންމު ތިން ކުޅުންތެރިންނަށް ކަމަށާއި، އެހެންނަމަވެސް އެ ޓީމަކީ ވަކި ވަކި ކުޅުންތެރިންނަށް ބަރޯސާ ނުވެ ޓީމެއްގެ ގޮތުގައި ބިނާވަމުން އަންނަ ބައެއް ކަމަށެވެ. އަދި އޭނާ ބޭނުންވި ގޮތަށް މި މެޗުގައި ކުޅުނުކަން ކަބްރޭރާ ވަނީ ފާހަގަކޮށްފަ އެވެ.