11 އޮކްޓޯބަރު 2023 - 15:12 0
އިސްމާއީލް އަޒްމީން
ބަންގްލަދޭޝްގެ ކޯޗު ކަބްރޭރާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
11 އޮކްޓޯބަރު 2023 - 15:12 0
ރާއްޖެއާ ދެކޮޅަށް ނުކުންނަ ކޮންމެ މެޗަކީ ވެސް ވަރުގަދަ މެޗެއް ކަމަށާއި، ވަކިން ހާއްސަކޮށް ގަލޮޅު ދަނޑުގައި ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވެފައި ނެތުމަކީ ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާގެ މެޗަށް ނުކުންނައިރު ސަމާލުވާނެކަމެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ހާވިއޭ ކަބްރޭރާ ބުނެފި އެވެ.
ފީފާ ވޯލްޑް ކަޕްގެ އޭޝިއާ ސަރަހައްދުގެ ކޮލިފައިން ފުރަތަމަ ބުރުގައި ރާއްޖެ އާއި ބަންގްލަދޭޝް ޕްލޭ އޮފް ފުރަތަމަ ލެގުގައި މާދަމާ ހަވީރު 16:00 ގައި ކުޅޭނެ އެވެ.
މި މެޗަށް ނުކުންނައިރު ރާއްޖެ ވަނީ ބަންގްލަދޭޝްއާ ދެކޮޅަށް މުބާރާތެއްގައި އެންމެ ފަހުން ނުކުތް ދެ ފަހަރުވެސް ބަލިވެފަ އެވެ. އެއީ 2021 ގައި ސްރީ ލަންކާގައި އޮތް ފޯ ނޭޝަންސް ކަޕާއި، މި އަހަރުގެ ޖޫން މަހު އިންޑިއާގައި އޮތް ސާފް ޗެމްޕިއަންޝިޕް އެވެ.
މާދަމާގެ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަބްރޭރާ ބުނީ ސާފް ޗެމްޕިއަންޝިޕާ އެކު ބަންގްލަދޭޝް ޓީމަށް ލިބިފައިވާ ކުރިއެރުން ފެނުނު ކަމަށާއި، އެ ޓީމު ބޭނުންވާ ހިސާބަށް ދާން ބަލާއިރު މާދަމާގެ މެޗަކީވެސް މުހިންމު މެޗެއް ކަމަށެވެ.
އަބަދުވެސް، ރާއްޖެ އާއި ބަންގްލަދޭޝް އަކީ ވާދަވެރި ދެ ޓީމް ކަމަށާއި، ދެ ޓީމުގެ ކުޅުންތެރިންނާއި ގުޅޭ ގޮތްވެސް އެނގޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ދެ ޓީމަށް ވެސް ދެ ޓީމު ވަރަށް ރަނގަޅަށް އެނގޭ، މިދިޔަ އަހަރުތަކަށް ބަލާއިރު ގިނަ ފަހަރެއްގެ މަތިން ދެ ޓީމު މެޗުވެސް ވަނީ ކުޅެފައި. މިއީ ދެ ޓީމަށް ވެސް ވަރުގަދަ ޗެލެންޖެއް ކުރިމަތިވާނެ މެޗެއް. ސަބަބަކީ ވޯލްޑް ކަޕް ކޮލިފައިންގެ އަނެއް ބުރުން ފުރުސަތު ލިބޭތީ. މިއީ ބަންގްލަދޭޝްގެ ކުރިއެރުމަށް އަނެއްކާ ވެސް ލިބޭ ރަނގަޅު ފުރުސަތެއް." ކަބްރޭރާ ބުންޏެވެ.
ރާއްޖެއާ ދެކޮޅަށް 2016 ވަނަ އަހަރު މާލޭގައި ކުުޅުނު އެކުވެރިކަމުގެ މެޗުން ބަންގްލަދޭޝް 5-0 ރާއްޖެ މޮޅުވި އެވެ. އޭގެ ފަހުން، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މާލޭގައި 2-0 އިން ބަލިވިއިރު، މިދިޔަ އަހަރުގެ އެކުވެރިކަމުގެ މެޗުން ބަންގްލަދޭޝް ވަނީ 2-0 އިން ބަލިވެފަ އެވެ.
އޭނާ ބުނީ ބަންގްލަދޭޝް ޓީމުގެ ކުރިއެރުން މީހުން ވަަޒަންކުރާނީ ކޮލިފައިންގެ އަނެއް ބުރުން އެ ޓީމު ޖާގަ ހޯދައިގެން ކަމަށާއި، މާދަމާގެ މެޗު ފަސޭހަ ނުވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް މިހާތަނަށް ގަލޮޅު ދަނޑުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެފައިނުވުމަކީ ވެސް މި މެޗު އިތުރަށް އުނދަގޫވާނެ ސަބަބެއް ކަމަށެވެ.
"ހަމަ ޔަގީނުންވެސް ކުރިއެރުން އެބައާދޭ. އަދިވެސް ޓީމު ބޭނުންވާ ހިސާބަށް ދިޔުމަށް ވަގުތު ބޭނުންވޭ. އެ "ޕްރޮސެސް"ގެ ތެރޭގައި މިއުޅެނީ. އެހެންވީމަ ޓީމުގެ ކުރިއެރުން އައުމުގެ ހެއްކެއްގެ ގޮތުގައި އޮތީ ރާއްޖެ ބަލިކޮށް (ގްރޫޕް ސްޓޭޖަށް) ކޮލިފައިވުން. އެއީ ކޮލިފައިވެއްޖެ ނަމަ އަހަރުމެންނަށް ވަރުގަދަ ޓީމްތަކާ އެކު މެޗުތަކެއް ކުޅެން ލިބޭނެ،" އޭނާ ބުންޏެވެ.
ސްޕެއިނަށް އުފަން ކަބްރޭރާ ބުނީ މިދިޔަ ދެ މުބާރާތުގައި ވެސް ރާއްޖެ އަތުން މޮޅުވެފައި އޮތުމަކީ ލިބޭ ހިތްހަމަޖެހުމެއް ނަމަވެސް އޯވާކޮންފިޑެންސާ އެކު މި މެޗަށް ނުކުމެއްޖެނަމަ ދެރައެއް ލިބިދާނެ ކަމަށެވެ. ސަބަބަކީ ރާއްޖޭގެ ޓީމަކީ ހުނަރުވެރި ކުޅުންތެރިން ތިބި ވަރުގަދަ ޓީމަކަށްވުން ކަމަށް އޭނާ ބުނެފައިވެ އެވެ.
އޭނާ ބުނީ ގަލޮޅު ދަނޑުގައި ދިވެހި ޓީމް ވަރުގަދަ ނަމަވެސް ފަހު ލެގަށް ދާއިރު ހިތްވަރު ލިބޭ ވަރުގެ ނަތީޖާއެއް ނެރެން މަސައްކަތްކުރާނެ ކަމަށެވެ.
މާދަމާގެ މެޗަށް ބަންގްލަދޭޝް ނުކުންނައިރު ބަންގްލަދޭޝްގެ މުހިންމު ތިން ކުޅުންތެރިއަކު ހުރީ ސަސްޕެންޝަނުގަ އެވެ. އެ ގޮތުން ބަންގްލަދޭޝަށް ގަވައިދާ ހިލާފަށް ބަނގުރާ އެތެރެކުރަން އުޅުނު މައްސަލައިގައި ގޯލްކީޕަރު އަނީސުރް ރަހުމާން ޒިކޯ އާއި ޑިފެންޑަރު ޓޯޕޫ ބަރްމަން އަދި ޝެއިހް މޮރްސަލީން ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އެ ކުޅުންތެރިން ނެތުމަކީ އުނިކަމެއްތޯ ސުވާލުކުރުމުން ކަބްރޭރާ ބުނީ މިއީ ކުއްލިއަކަށް ދިމާވި ހާލަތެއްކަމަށާއި، ނަމަވެސް ޓީމުގައި ދެން ތިބި ކުޅުންތެރިން ނެތްތަން ފޫބެއްދޭނެ ކަމަށެވެ.
"އެ ތިން ކުޅުންތެރިން ނެތުމަކީ އަހަރުމެން ކުރިމަތިލާން ޖެހޭ ހާލަތެއް. ހާލަތު ނެތް ބަދަލުވާކަށް. އެކަމަކު ޓީމްގައި ތިބި އާ ކުޅުންތެރިންނަށް އިތުބާރު އެބައޮތް. އެ ކުޅުންތެރިންނަށް އަފްގާނިސްތާން މެޗުގައިވެސް ފުރުސަތު ދިނިން. އޭޝިއަން ގޭމްސްގައިވެސް ފެނުނު މި ޓީމްގައި ކުޅެވޭނެ ކުޅުންތެރިން." ފުރަތަމަ އެގާރައިގައި ކުޅޭ ތިން ކުޅުންތެރިންގެ ސަސްޕެންޝަނާ ގުޅޭގޮތުން ކަބްރޭރާ ބުންޏެވެ.
ބަންގްލަދޭޝްގެ ކެޕްޓަން، ޖަމާލް ބުޔާން ބުނީ މާލޭގައި ދިވެހި ޓީމަކީ ވަރުގަދަ ޓީމެއް ކަމަށާއި، މި މެޗަށް ޓީމުން ތައްޔާރުވެފައި އޮތީވެސް ރަނގަޅު ފޯކަސްއަކާ އެކު ކަމަށެވެ. ސާފް ޗެމްޕިއަންޝިޕަށް ފަހު މިހާރު ރާއްޖޭގެ ޓީމަށް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، އެހެންކަމުން މި މެޗު ފަސޭހަކޮށް ނުލެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"މިދިޔަ ދެ މެޗުގެ ސަބަބުން މާ ބޮޑު އަސަރެއް މި މެޗަށް ނުކުރާނެ. އެއީ އަހަރުމެން މޮޅުވި ދެ މެޗަކީ ގައުމުން ބޭރުގައި. އަނެއްކާ މިހާރު ރާއްޖޭގައި ހުރީ އާކޯޗެއް. އެހެންވީމަ އަހަރުމެންނަށް މި މެޗު ހަމަ ވަރަށް އުނދަގޫވާނެ." އާޖެންޓީނާގައި ކުލަބު ފުޓްބޯޅަ ކުޅެމުން އަންނަ ޖަމާލް ބުންޏެވެ.
އޭނާ ވަނީ ރާއްޖޭގައި ކުރިން ކުޅުނު މެޗުތަކެކޭ އެއްގޮތަށް މި މެޗަށްވެސް ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުންތަކެއް ވަންނާނެކަަމަށް އުއްމީދުކުރާ ކަމަށް ބުނެފަ އެވެ.
މާދަމާގެ މެޗަށް 4500 ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު، އޭގެއިން 20 ޕަސެންޓް ޓިކެޓް ވިއްކާނީ ބަންގްލަދޭޝް ސަޕޯޓަރުންނަށެވެ.
Comment