Advertisement

ރަސްފަރި ފަރު އިއާދަކުރަން ބޭނުންވާ މުރަކަ އާލާކުރަން ފަށައިފި

14 އޮކްޓޯބަރު 2023 - 07:48 0

އަމަން ހަލީމް

އަމަން ހަލީމް

ރަސްފަރި ފަރުގައި އިންދާ މުރަކަތައް އާލާކުރަނީ: ފަރުގައި މުރަކަތައް އިންދާނީ މިތަނުގައި އާލާކުރުމަށް ފަހު ގަދަވީމަ -- ފޮޓޯ/އީޕީއޭ


ރަސްފަރި ފަރު އިއާދަކުރަން ބޭނުންވާ މުރަކަ އާލާކުރަން ފަށައިފި

14 އޮކްޓޯބަރު 2023 - 07:48 0

ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ރަސްފަރި ފަރަށް ބޯޓެއް އަރައި ލިބުނު ގެއްލުން މަރާމާތުކޮށް، ފަރު ކުރިން އޮތް ގޮތަށް އިޔާދަކުރަން ބޭނުންވާ މުރަކަ އާލާކުރުމުގެ މަސައްކަތް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ފަށައިފި އެވެ.

ރަސްފަރި ފަރަކީ 1995އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ.

މި ފަރަށް ގެއްލުން ލިބުނީ 19 އޮގަސްޓު، 2021 ގައި ޕެނާމާ ދިދައިގައި ދަތުރުކުރާ "އެމްވީ ނަވިއޯސް އަމަރިލިސް" ނަމަކަށް ކިޔާ އާގު ބޯޓެއް ފަރަށް އެރުމާ ގުޅިގެންނެވެ. މި މައްސަލައިގައި އެ ބޯޓުގެ ވެރިފަރާތް 154.2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި އެވެ. ފަރު މަރާމާތުކުރަން ބޭނުންކުރަނީ މި ފައިސާގެ ތެރެއިން ބައެކެވެ.

ރަސްފަރި ފަރު އިއާދަކުރުމުގެ މަސައްކަތުގެ އަދާހަމަ 'އަދަދު'އާ ހިއްސާކުރައްވަމުން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ރަސްފަރީ ފަރުގައި އިންދާ މުރަކަތައް އާލާކުރުމުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތުގައި މި ވަގުތު ހަރަކާތްތެރިވަނީ ހަމައެކަނި އީޕީއޭ މުވައްޒަފުންނެވެ.

"މިހާރު ކުރަމުންދަނީ ރަސްފަރީ ފަރުގައި އިންދާ ކޮރަލް ފްރެގްމަންޓްސް އިންދުމުގެ ކުރިން ނާސަރީ ކުރުމުގެ މަސައްކަތް." އޭނާ ވިދާޅުވި އެވެ.

ރަސްފަރި ފަރުގައި އިންދާ މުރަކައެއް ނާސަރީގައި: ފަރު އިއާދަކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލަން 10 އަހަރު ނަގާފާނެ -- ފޮޓޯ/އީޕީއޭ


ރަސްފަރި ފަރު އިއާދަކުރުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކުރާނީ އަންނަ މަހުގެ 4 ގަ އެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ ބައިބަޔަށް ބަހާލައިގެންނެވެ. އެގޮތުން ކުރާ މަސައްކަތުގެ ތެރެއިން އިންދާ މުރަކަތަށް މޮނީޓާކުރުމާއި އޭގެ ތެރެއިން މަރުވާ މުރަކަތައް ބަދަލުކޮށް އާ ކުރުމުގެ މަސައްކަތް ފަސް އަހަރަށް ދެމިގެންދާނެ އެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިއީ ފަރަކަށް ގެއްލުން ދިނުމުން ލިބުނު ޖޫރިމަނާ ފައިސާއިން ފަރެއް އިއާދަކުރުުގެ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އީޕީއޭން ކުރިން ބުނެފައިވާ ގޮތުގައި މި ފަރު އިއާދަކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލަން 10 ވަރަކަށް އަހަރު ނެގުމަކީ އެކަށީގެން ވެ އެވެ.