10 އޮކްޓޯބަރު 2023 - 09:13 0
މަރިޔަމް އަފާ ނިޒާމް
އެމްޕީއެލް ކާގޯ އޮޕަރޭޝަންގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
10 އޮކްޓޯބަރު 2023 - 09:13 0
މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއަށް އިމްޕޯޓު ކުރި ޕެރިޝަބަލް މުދާ ނުވަތަ ފަސޭހައިން ހަލާކުވާ ޒާތުގެ މުދަލުގެ އަދަދު ދަށް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އެމްޕީއެލުން ވަނީ 4،384 ކޮންޓެއިނަރުގެ ޕެރިޝަބަލް ގުޑްސް ނުވަތަ ފަސޭހައިން ހަލާކުވާ ބާވަތުގެ މުދާ ކްލިއާކޮށްފަ އެވެ. ކްލިއާ ކޮށްފައި ވަނީ 20 ފޫޓުގެ 2،608 ކޮންޓެއިނަރާއި 40 ފޫޓުގެ 1،776 ކޮންޓެއިނަރު ކަމަށެވެ.
އެގޮތުން ދުވާލެއްގެ މައްޗަށް 146 ކޮންޓެއިނަރުގެ ޕެރިޝަބަލް މުދާ ކްލިއާ ކޮށްފައިވާ ކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުގެ ދައްކަ އެވެ. މިއީ މިދިޔަ އޮގަސްޓް މަހަށް ބަލާއިރު ހަ ޕަސެންޓު ދަށް އަދަދެކެވެ. އޮގަސްޓުގައި ވަނީ ދުވާލަކު ޕެރިޝަބަލް މުދަލުގެ 156 ކޮންޓެއިނަރު ކްލިއާކޮށްފަ އެވެ.
މިދިޔަ މަހު އެތެރެކޮށްފައިވާ ޕެރިޝަބަލް މުދަލުގެ އަދަދު ވެސް ޖުމްލަ ގޮތެއްގައި ދަށެވެ. ބަރަބޯ، އަލުވި އަދި ބިސް އެތެރެ ކޮށްފައިވާ މިންވަރު އޮގަސްޓު މަހާއި އަޅާބަލާއިރު ވަނީ 10 ޕަސެންޓު ދަށަށް ގޮސްފަ އެވެ. ފިޔާ އެތެރެކޮށްފައިވާ މިންވަރު 32 ޕަސެންޓު ދަށްވެފައި ވާއިރު، އަލަނާސި އެތެރެކޮށްފައިވާ މިންވަރު ވަނީ 25 ޕަސެންޓު ދަށްވެފަ އެވެ.
އޭގެ އިތުރުން، ކެބެޖު އަދި ދޮންކެޔޮ އިމްޕޯޓު ކުރި މިންވަރު 14 ޕަސެންޓު އަދި ކަރާ އިމްޕޯޓު ކުރި މިންވަރު ވެސް ވަނީ އަށް ޕަސެންޓު ދަށަށް ގޮސްފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު 16 ކޮންޓެއިނަރު ބޯޓާއި 17 ކޮންވެންޝަނަލް ބޯޓު ވަނީ ޕެރިޝަބަލް މުދާ ހިފައިގެން ރާއްޖެ އައިސްފަ އެވެ.
Comment