Advertisement

ތިން ބައްރެއްގައި ވޯލްޑް ކަޕް ބާއްވަން ނިންމުމުން، ޑެޝޯމްޕްސް ފީފާ އަށް ފާޑުކިޔައިފި

10 އޮކްޓޯބަރު 2023 - 09:41 0


ތިން ބައްރެއްގައި ވޯލްޑް ކަޕް ބާއްވަން ނިންމުމުން، ޑެޝޯމްޕްސް ފީފާ އަށް ފާޑުކިޔައިފި

10 އޮކްޓޯބަރު 2023 - 09:41 0

ޕެރިސް (އޮކްޓޫބަރު 10) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް 2030 ވަނަ އަހަރު ތިން ބައްރެއްގެ، ހަ ގައުމެއްގައި ބޭއްވުމަށް ފީފާ އިން ނިންމި ނިންމުމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ފާޑުކިޔައިފި އެވެ.

ފީފާ ވޯލްޑް ކަޕް ބާއްވާތާ 100 އަހަރު ފުރޭ މުބާރާތް ކަމަށްވާ 2030ގެ ވޯލްޑްކަޕް ބާއްވަން ބިޑު ކާމިޔާބުކުރީ ޔޫރަޕްގެ ސްޕެއިން، ޕޯޗުގަލް އަދި އެފްރިކާގެ މޮރޮކޯއިން ގުޅިގެން ހުށަހެޅި ބިޑެވެ. ނަމަވެސް ތާރީޚީ މުނާސަބާ ފާހަގަކުރުމަށް މި މުބާރާތުގެ ފުރަތަމަ ތިން މެޗު ދެކުނު އެމެރިކާގެ ތިން ގައުމު ކަމަށްވާ އުރުގުއޭ، އާޖެންޓީނާ އަދި ޕެރެގުއޭގައި ކުޅެން ވަނީ ނިންމައިފަ އެވެ. އެހެންކަމުން، މި ތިން ގައުމަށް 2030ގެ ވޯލްޑް ކަޕްގެ ހޮސްޓުގެ މަގާމް ވަނީ ލިބިފަ އެވެ.

ފީފާ އިން މިދިޔަ ހަފްތާގައި ނިންމި ނިންމުމަށް ހިތްހަމަނުޖެހުން ފާޅުކުރަމުން ޑެޝޯމްޕްސް ބުނީ ފީފާ އިން މި ނިންމި ނިންމުމަކީ ހަމަހަމަ އުސޫލަކުން ކަންކަން ބަލައިގެން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ.

އޭނާ ބުނީ ކުޅިވަރުގެ ރޫހާއި، އެތިކްސް އަށް ބަލާއިރުވެސް މިއީ އެންމެ އެކަށޭނަ ނިންމުން ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި މިކަމުގައި އެހެން ކަންތައްތަކެއް ހިމެނޭކަން ޑެޝޯމްޕްސް ފާހަގަކުރި އެވެ.

ޑެޝޯމްޕްސް ބުނީ ދެކުނު އެމެރިކާގެ ތިން ގައުމުގައި މުބާރާތުގެ ބައެއް މެޗުތައް ކުޅުމަކީ އެ ތިން ގައުމަށް ލިބޭނެ ބޮޑު އެޑްވާންޓޭޖެއް ކަމަށާއި، މިއީ އެ ތިން ގައުމަށް މެޗު ކުޅެން ދާންޖެހޭ ގައުމުތަކަށް ކުރެވޭ ބޮޑު ބޭއިންސާފެއް ކަމަށެވެ.

އެންމެ ފަހުން ދެ ވޯލްޑް ކަޕްގެ ފައިނަލަށް ފްރާންސްގެ ގެންގޮސްދިން ޑެޝޯމްޕްސް ބުނީ ގިނަ ގައުމުތަކެއްގައި މުބާރާތްތައް ބޭއްވުމަކީ މިހާރު "ޓްރެންޑް"އަކަށްވެއްޖެ ކަމަށާއި، އެކަމަކު މިކަމުގެ ސަބަބުން ކުޅުމުގެ ފޯރިއަށް އަސަރުކޮށްގެން ނުވާނެ ކަމަށެވެ.

ފީފާއިން 100 އަހަރު ފުރޭ ވޯލްޑްކަޕްގެ މެޗުތަކެއް ދެކުނު އެމެރިކާގައި ކުޅެން ނިންމީ އެންމެ ފުރަތަމަ ފީފާ ވޯލްޑްކަޕް 1930 ގައި ބޭއްވީ އުރުގުއޭގައި ކަމަށް ވުމުންނެވެ. އަދި އެ މުބާރާތް ކާމިޔާބުކަމާ އެކުގައި ކުރިއަށްގެންދިޔުމުގައި އާޖެންޓީނާއާ ޕެރެގުއޭއިން ކުރި މަސައްކަތް ފީފާއިން ފާހަގަކުރެ އެވެ.

ވޯލްޑް ކަޕް 2030 ވަަނަ އަހަރު ތިން ބައްރެއްގައި ބާއްވަން ނިންމި ނިންމުމާ ގުޅޭގޮތުން ހިތްހަމަ ނުޖެހިގެން ފާޅުކަން ބޮޑުގޮތެއްގައި ޝުއޫރުފާޅުކުރި ހަމައެކަނި މަޝްހޫރު ނަމަކީ ޑެޝޯމްޕްސް އެވެ.