Advertisement

ތައްޔާރުނުވެވޭތީ ގައުމީ ފިރިހެން ވޮލީ ޓީމު ކާވާ މުބާރާތުގައި ވާދަނުކުރޭ

10 އޮކްޓޯބަރު 2023 - 07:57 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އައިއޯއައިޖީ އަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފިިރިހެން ވޮލީބޯޅަ ޓީމުން ލަންކާއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ތައްޔާރުނުވެވޭތީ ގައުމީ ފިރިހެން ވޮލީ ޓީމު ކާވާ މުބާރާތުގައި ވާދަނުކުރޭ

10 އޮކްޓޯބަރު 2023 - 07:57 0

އެކަށީގެންވާ ވަރަށް ތައްޔާރުވާން ފުރުސަތު ނެތުމާ އެކު، ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ކާވާ ޗެލެންޖް ކަޕްގައި ވާދަނުކުރަން ނިންމީ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފި އެވެ.

ކާވާ ޗެލެންޖް ކަޕް (މީގެ ކުރިން ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތް) އަކީ މީގެ ކުރިން ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ދުރާލާ ތައްޔާރުވެގެން ވާދަކުރާ މުބާރާތެކެވެ. މީގެ ކުރިން މި މުބާރާތުގައި ކުޅުމުގެ ގޮތުން، ރާއްޖޭން ބޭރުގައި ޓްރެއިނިން ކޭމްޕް ފުރިހަމަކޮށް، އެހެން ނޫންނަމަ މާލޭގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެގެން ވެސް ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވެފައިވެ އެވެ.

މިއީ، ރާއްޖޭން މީގެ ކުރިން މެޑަލް ވެސް ހޯދާފައިވާ މުބާރާތަކަށް ވާތީ ދިވެހި ކުޅުންތެރިން ވެސް ވަރަށް ބޮޑަށް ފޯކަސް ކުރާ މުބާރާތެކެވެ. އެކަމަކު، މި ފަހަރު އެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބުނެވެ.

ސްރީ ލަންކާގައި މި އަހަރުގެ ކާވާ ޗެލެންޖް ކަޕް ފެށިގެން ކުރިއަށްދާއިރު، ހަ ގައުމަކުން މުބާރާތުގައި ވާދަކުރެ އެވެ. އެއީ ލަންކާގެ އިތުރުން ބަންގްލަދޭޝް، ނޭޕާލް، އަފްގާނިސްތާން، އުޒްބެކިސްތާން އަދި ސައުދީ އަރަބިއްޔާ އެވެ.

މުބާރާތުގައި ރާއްޖޭން ވާދަނުކުރާ ސަބަބެއް އޮޅުންފިލުވަން "އަދަދު" އިން ސުވާލުކުރުމުން، ވޮލީބޯލް އެސޯސިއޭޝަންގެ ނައިބު ރައީސް އަޝްރަފް އަލީ (އަޝްރާ) ވިދާޅުވީ، އެކަށީގެންވާ ވަގުތު ލިބިގެން ތައްޔާރުވެގެން، މުބާރާތުގައި ވާދަކުރަން ފުރުސަތު ނެތުމާ އެކީގައި މުބާރާތުގައި މި ފަހަރު ވާދަކުރަން ބޭނުމެއް ނުވީ ކަމަށެވެ.

"ހަމައެކަނި ކުޅެލަން ދިއުމުގެ މާނައިގައި އެކަން ނުކުރަންވެގެން، ދެން މެޑަލް ޓާގެޓެއް ކަނޑައަޅައިގެން މަސައްކަތް ކުރަން ބަލާއިރު، މި ދުވަސްވަރަކީ އެންމެ ރަނގަޅު ވަގުތަތަކަށް ނުވާތީ ނިންމީ މި ފަހަރު ވާދަނުކުރަން،" އަޝްރަފް ވިދާޅުވި އެވެ.

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ވަނީ އޮގަސްޓް މަހުގައި މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވެސް ކުޅެފަ އެވެ. މުހައްމަދު ސާޖިދު (ކާއްޓޭ)ގެ ކޯޗުކަމުގައި އައިއޯއައިޖީގައި ކުޅެފައިވަނީ ތަޖުރިބާކާރު ކުޅުންތެރިން ގިނަ ޓީމެކެވެ. އެހެން ނަމަވެސް، ގްރޫޕް ސްޓޭޖުގެ ދެ މެޗުން، މަޑަގަސްކަރާ އާއި ރީޔޫނިއަން އަތުން ބަލިވެގެން މުބާރާތުން ކެޓީ އެވެ.

ކާވާ ޗެލެންޖް ކަޕްގައި ފިރިހެން ވޮލީބޯޅަ ޓީމު ބައިވެރިނުކުރަން ނިންމި ނިންމުމަކީ ފަހަކަށް އައިސް ގައުމީ ޓީމުގައި ހިމެނިގެން ކުރިއަރަމުން އަންނަ ޒުވާން ވޮލީބޯޅަ ކުޅުންތެރިންނަށް ލިބިގެންދިޔަ ގެއްލުމެކެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ ހިންގުމަށް ފާޑުކިޔުން އަމާޒުވަމުން އަންނައިރު، އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ މިދިޔަ އަހަރުތަކުގައި ބާއްވާފައިނުވާތީ، އޭގެ ކަންބޮޑުވުމެވެ. އޭގެ އިތުރުން، ވޮލީބޯޅަ ކްލަބްތަކުން ވެސް އަންނަނީ ވީއޭއެމްގެ ކަންކަން މިހާރު ހިނގަމުން އަންނަ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިދިޔަ އަހަރު، ދުނިޔޭގެ މައި ވޮލީބޯޅަ އިދާރާ، އެފްއައިވީބީ ބީޗް ޓުއާގެ މުބާރާތެއް ރާއްޖޭގައި ކުރިއަށްދިޔަ އެވެ. ސަން އައިލެންޑްގައި ބޭއްވި އެ މުބާރާތް މި އަހަރު ވެސް ރާއްޖޭގައި ބާއްވަން ފުރުސަތު ދިނެވެ. އެކަމަކު، މި މަހު ރާއްޖޭގައި ބާއްވަން އެފްއައިވީބީން ކަލަންޑަރު ކުރި ބީޗް ޓުއާ މުބާރާތް ނުބާއްވައި، ކެންސަލް ކޮށްލަން ޖެހުނީ މާލީ ކަންތައްތަކާ ހެދި ކަން އެނގިފައިވެ އެެވެ.