Advertisement

ނުބައިކޮށް ދައުވާ ކުރުމުން ކުޑަކުދިންތަކެއް ރޭޕު ކުރި މީހަކު ސަލާމަތްވެއްޖެ

9 އޮކްޓޯބަރު 2023 - 14:12 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު


ނުބައިކޮށް ދައުވާ ކުރުމުން ކުޑަކުދިންތަކެއް ރޭޕު ކުރި މީހަކު ސަލާމަތްވެއްޖެ

9 އޮކްޓޯބަރު 2023 - 14:12 0

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބެލެވޭ މައްސަލައެއްގައ، އެކަމަށް ދައުވާ ކުރާނެ ހާއްސަ ގާނޫނެއް އޮއްވައި، ކުރީގެ ޖަސްޓިސް މިނިސްޓްރީގެ ސާކިއުލާއެއްގެ ދަށުން ދައުވާކޮށްފައިވާތީ އެ މައްސަލައިގައި ދައުވާ ލިބުނު މީހާގެ މައްޗަށް ކުރި ހުކުމް ބާތިލުކުރަން ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މި މައްސަލައަކީ، 2014 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން އުމުރުން 13 އަހަރު އަދި 14 އަހަރުގެ ފިރިހެން ދެ ކުދިން ފަޅުގެއަކަށް ގެންގޮސް އެ ކުދިންނާ މެދު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް ބުނެ ޑިސެމްބަރު، 2017، ގައި ދައުލަތުން އޭނާގެ މައްޗަށް އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ދައުވާ ކުރި މައްސަލައެކެވެ.

އެ މައްސަލައިގައި ފ. ދަރަނބޫދޫ މެޖިސްޓްރޭޓު ކޯޓުގައި އެ މީހާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ކުރީގެ މިނިސްޓްރީ އޮފް ޖަސްޓިސްއިން 2008 ވަނަ އަހަރު ނެރުނު ސާކިއުލާއެއްގެ ދަށުންނެވެ. އެ ކޯޓުން ފެބްރުއަރީ، 2021، ގައި ހުކުމް ކުރީ އެ މީހާގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާތީ އޭނާ 19 އެތިފަހަރުން ތައުޒީރުކޮށް ތިން އަހަރަށް ޖަލަށްލުމަށެވެ.

އެ މީހާގެ ފަރާތުން ދަށު ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ބެލި މައްސަލައިގައި ދައުލަތުން އެންމެ ފުރަތަމަ ހައި ކޯޓުގައި ބުނެފައި ވަނީ ދަރަނބޫދޫ ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.

އެކަމަކު، އެ މައްސަލައިގައި ދައުވާ ކުރި އިރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނު ވުޖޫގައި އޮތްކަން ދައުލަތުން ފަހުން ހައި ކޯޓުގައި ފާހަގަކުރި އެވެ. އެ ގާނޫނު އޮއްވައި އޭރު އޮތް ޖަސްޓިސް މިނިސްޓްރީގެ ސާކިއުލާއެއްގެ ދަށުން ދައުވާކުރީ އެގޮތަށް ދައުވާ ކުރުމުން ދައުވާ ލިބުނު މީހާގެ މަސްލަހަތު ބޮޑު ކަމަށްވާތީ ކަމަށް ބުނެ އެކަން ދައުލަތުން ޝަރީއަތުގެ ސަމާލުކަމަށް ގެނަ އެވެ.

އޭގެ އިތުރުން، ސުޕްރީމް ކޯޓުގެ، ޕީޖީ ވ. އަބްދުއްސަލާމް ގަޒިއްޔާއާ ހަވާލާދީ ދައުލަތުން ބުނެފައި ވަނީ އާންމު ގާނޫނުގައި އޮތް އުސޫލު ދައުވާ ލިބޭ މީހާއަށް މަސްލަހަތު ބޮޑަސް، ހާއްސަ ގާނޫނެއް އޮތިއްޔާ އަމަލު ކުރަން ޖެހޭނީ އޭގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ކަމަށެވެ. އެހެންވެ، އޭރު އެ މީހާގެ މައްޗަށް ޖަސްޓިސް މިނިސްޓްރީގެ ސާކިއުލާއެއްގެ ދަށުން ދައުވާކުރީ ގޯސްކޮށް ކަމަށް ދައުލަތުން ހައި ކޯޓުގައި އެއްބަސްވި އެވެ.

ދައުލަތުން ބުނި ގޮތުގައި އޭނާގެ މައްޗަށް ދައުވާ އުފުލަން ޖެހޭނީ އެފަދަ ކުށްތަކަށް އޭރު އަމަލު ކުރަމުންދިޔަ ހާއްސަ ގާނޫނު ކަމަށްވާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެހެންވެ، ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްދިނުމަށް ދައުލަތުން ވެސް ހައި ކޯޓުގައި އެދުނެވެ.

އިސްތިއުނާފީ ނުކުތާތަކުގައި ދައުވާ ލިބުނު މީހާގެ ފަރާތުން ވެސް ފާހަގަކުރި އެކަމަށް ދައުލަތުން ވެސް އެއްބަސްވާތީ ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ނިންމީ ދަރަނބޫދޫ ކޯޓުގެ ހުކުމް ބާތިލުކުރުމަށެވެ.

މި މައްސަލަ ހައި ކޯޓުގައި ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ދީބަނާޒު ފަހުމީ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނަށް އަމަލު ކުރަން ފެށީ ނޮވެމްބަރު 12، 2009 ގަ އެވެ. ހާއްސަ ގާނޫނަށް އަމަލުކުރުމާ ބެހޭ އުސޫލު ކަނޑައެޅި އަބްދުއްސަލާމް ގަޒިއްޔާއަކީ އޭޕްރިލް، 2021، ގައި ސުޕްރީމް ކޯޓުން ނިންމި ގަޒިއްޔާއެކެވެ.