Advertisement

ޕީޖީން އެދިގެން ޔާމީނުގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފި

8 އޮކްޓޯބަރު 2023 - 10:01 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އަބްދުﷲ ޔާމީން ގޭބަންދުގައި؛ ރައީސް ޔާމީނުގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޕީޖީން އެދިގެން ޔާމީނުގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފި

8 އޮކްޓޯބަރު 2023 - 10:01 0

ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލާގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ހައި ކޯޓުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރުފަހު 2:00 ޖަހާއިރަށެވެ. ހައި ކޯޓުން ދެންމެ ބުނީ އެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމުން ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ބަހެއް ނުލިބޭތީ އަޑުއެހުން ކެންސަލް ކުރަން އެ އޮފީހުން އެދުނު ސަބަބެއް އަދި ސާފެއް ނުވެ އެވެ.

މާފުށީ ޖަލުގައި ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ރިޔާސީ އިންތިހާބު ވަނީ އެމަނިކުފާނު ލީޑުކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފަ އެވެ. މުއިއްޒު ފުރަތަމަ ވެސް ގޮވާލެއްވީ އެމަނިކުފާނު ގޭބަންދަށް ބަދަލުކުރުމަށެވެ.

އިންތިހާބީ ރައީސް މުއިއްޒު އެ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ދެންނެވުމާއެކު، ޔާމީން ވަނީ ގޭބަންދަށް ބަދަލު ކުރައްވައިފަ އެވެ. މި ވަގުތު އެމަނިކުފާނު ގޭބަންދުގައި ހުންނެވިއިރު ފުރަތަމަ ދުވަހު ވެސް އެމަނިކުފާނު މިނިވަން ކުރުމަކީ އިންތިހާބީ ރައީސް މުއިއްޒުގެ ވައުދެކެވެ.

ޔާމީން 11 އަހަރުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން އެމަނިކުފާނު 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކުރާ ތުހުމަތުގަ އެވެ.

މީގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ވެސް ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތުގައި ޔާމީނުގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ. އެ މައްސަލަ އޮތީ ކްރިމިނަލް ކޯޓުގަ އެވެ.

އާރަށު މައްސަލައިގެ ފަސްފަހަތް

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ (އެ މައްސަލައިގައި ދައުވާ ލިބޭ އަނެއް ފަރާތް) 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.

ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީކަމުގަ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީނާއި ޔޫސުފް ނައީމް ވެސް މި ދައުވާތަކަށް އިންކާރު ކުރެއްވި އެވެ. ދެ ބޭފުޅުން ވެސް ވިދާޅުވާ ގޮތުން އެއީ ދެމެދުގައި ހިނގާފައިވަނީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެކެވެ. އަދި އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގީ ވަކި އެހެން މުއާމަލާތެއް ކަމަށެވެ. އަދި ހިޔާނާތުގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމަށެވެ.