Advertisement

ހަސަން ލަތީފު ވިދާޅުވަނީ މުއިއްޒު ސަރުކާރުގެ މަގާމުތަކުގަައި ޑިމޮކްރެޓްސްގެ މެމްބަރުން ތިބޭނެކަމަށް

7 އޮކްޓޯބަރު 2023 - 16:07 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފު ޕްރެސް ކޮންފެރެންސްއެއްގައި؛ މުއިއްޒުގެ ސަރުކާރު މަގާމުތަކުގައި ޑިމޮކްރެޓްސްގެ މެންބަރުން ތިބޭނެ ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ހަސަން ލަތީފު ވިދާޅުވަނީ މުއިއްޒު ސަރުކާރުގެ މަގާމުތަކުގަައި ޑިމޮކްރެޓްސްގެ މެމްބަރުން ތިބޭނެކަމަށް

7 އޮކްޓޯބަރު 2023 - 16:07 2

އިންތިހާބީ ރައީސް އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެކި މަގާމުތަކުގައި ޑިމޮކްރެޓްސްގެ މެންބަރުން ތިބޭނެ ކަމަށް އެޕާޓީގެ އިންޓެރިމް ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން ވެސް ހަސަން ލަތީފު ވަނީ މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވައިފަ އެވެ. ނަމަވެސް އޭގެ ތަފުސީލެއް އޭރު ނުދެއްވަ އެވެ. އޭގެ ފަހުން ޑިމޮކްރެޓްސްގެ ބާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ ވާހަކަ ތަކުރާރު ކުރެއްވި އެވެ.

ޑިމޮކްރެޓްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ހަސަން ލަތީފު ވިދާޅުވީ، އެ ސަރުކާރު ހިންގުމުގައި ވެސް ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށެވެ.

"އޭގެ މާނައަކީ ހަމައެކަނި ސަރުކާރު ހިންގުމުގައި މަޝްވަރާއާއި ލަފާ އެކަނި ދޭނެ ވާހަކައެއް ނޫން، އެ ސަރުކާރު ހިންގުމުގައި ވެސް ޑިމޮކްރެޓްސް ބައިވެރިވާނެ ކަން، އޭގެ މާނައަކީ، ސަރުކާރުގެ އެކި މަގާމުތަކުގައި ވެސް ޑިމޮކްރެޓްސްގެ މެންބަރުން ތިއްބަވާނެއޭ،" ހަސަން ވިދާޅުވި އެވެ.

ސަރުކާރު ބަދަލު ކުރުމަށް ހިންގާ އިންތިގާލީ މަރުހަލާއަށް އިންތިހާބީ ރައީސްގެ ފަރާތުން އެކުލަވާލާފައިވާ ކޮމިޓީތަކުގެ ތަރުޖަމާނު މުުހައްމަދު ފިރުޒުލް ވެސް ވިދާޅުވެފައިވަނީ މުއިއްޒުގެ ވިސްނުން ހުންނެވީ ވީހާވެސް ޝާމިލު ސަރުކާރެއް އުފެއްދުމަށް ކަމަށެވެ.

ގާބިލުކަމާއި ޖަވާބުދާރީވުމުގެ ޝަރުތު ފުރިހަމަވާ ނަމަ، ކޮންމެ ޕާޓީއެއްގައި ހުންނެވި ނަމަވެސް، އެ ފަދަ ބޭފުޅުން ސަރުކާރުގައި ހިމެނިވަޑައިގަތުމުގެ ފުރުސަތު އޮތް ކަމަށް ކަމުގައި ފިރުޒުލް ލިޔުއްވާފައިވެ އެވެ.

"އިންތިހާބީ ރައީސްގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވީ ޝާމިލު ސަރުކާރެއް އެކުލަވާލައްވާނެ ވާހަކައަށް. ވަކި ޕާޓީއަކަށް ވީތީ ގާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުން ނުގެންގުޅުއްވާނެ ކަމަށް،" އޭނާ ލިޔުއްވާފައިވެ އެވެ.

ޑިމޮކްރެޓްސްއަކީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވި ފަހުން އެމަނިކުފާނުގެ ސަޕޯޓަރުން އުފެއްދި ޕާޓީއެކެވެ. ފުރަތަމަ އެމްޑީޕީގައި ތިބެގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ފެށުމުން ޕާޓީން ވަކިކުރުމުގެ މަސައްކަތެއް އޭރު އޮތީ ވެސް ފެށިފަ އެވެ.

މުއިއްޒުގެ ސަރުކާރުގައި ބައިވެރިވާނެ ކަމަށް ޑިމޮކްރެޓްސްއިން ބުނާއިރު، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކޮށްފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްއިން ވާދަކުރި އެވެ. ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ ތިންވަނަ އެވެ. އެއީ ވޯޓުލީ މީހުންގެ ހަތް ޕަސެންޓް ވޯޓެވެ.

ދެވަނަ ބުރު ކާމިޔާބު ކުރުމަށް ޑިމޮކްރެޓްސްގެ ތާއީދު މުހިންމުވާތީ މުއިއްޒުގެ އިތުރުން އިންތިހާބުން ނާކާމިޔާބުވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެ ޕާޓީއާ މަޝްވަރާ ކުރެއްވި އެވެ.

ޑިމޮކްރެޓްސްއިން އޭރު އެމްޑީޕީއަށް ޝަރުތު ކުރި ކަމަކީ ދެވަނަ ބުރުގެ ކުރިން ވެރިކަމާ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. ޕީއެންސީއަށް ޝަރުތު ކުރި ކަމަކީ ސަރުކާރުން ހިއްސާއެއް ދިނުމަށެވެ. އޭރު ޑިމޮކްރެޓްސްއިން ދިން މުހުލަތަށް، އެއްވެސް ޕާޓީއަކާ އެކު އެއްބަސްވުމަކަށް ނާދެވުނެވެ.