Advertisement

އިންތިހާބީ ރައީސް ހުވާކުރައްވާ ޖަލްސާއަށް ބޮޑުވަޒީރު މޯދީއަށް ދައުވަތު ދެނީ

7 އޮކްޓޯބަރު 2023 - 13:28 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައްދަލުކުރައްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ


އިންތިހާބީ ރައީސް ހުވާކުރައްވާ ޖަލްސާއަށް ބޮޑުވަޒީރު މޯދީއަށް ދައުވަތު ދެނީ

7 އޮކްޓޯބަރު 2023 - 13:28 2

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް އަވައްޓެރި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު ދެއްވާނެ ކަމަށް، އިންޑިއާއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި ވެސް އިންޑިއާއާއި ރާއްޖެއާ އޮންނަ ގުޅުން ހީނަރުވާނެ ކަމަށް ދެކެވޭ ވާހަކަތަަކަކީ މުޅީން ހަގީގަތް އޭގައި ހިމެނޭ ވާހަކަތަކެއް ނޫން ކަމަށެވެ.

"އަޅުގަނޑާ މި ފަހުން ޓްރާންސިޝަން އޮފީހުގެ ބޭފުޅުންނާ ވެސް ބައްދަލުވި، އިންތިހާބީ ރައީސް ހުވާ ކުރެއްވުމަށް އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް ދައުވަތު ފޮނުވުމަށް، މިއަދު މެންދުރުފަހު އަޅުގަނޑު އެ ކަންކަން ކުރިއަށް ގެންދާނަން،" މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ ޖަލްސާ އިންތިޒާމުކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވި އިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާއާ އޮތް ގުޅުމުގެ ސަބަބުން ދިވެހި ދައުލަތުގެ މިނިވަން ކަމަށް އަސަރު ކުރާނެ އެތައް ކަމެއް ކުރުމުގެ ފުރުސަތު ދެމުންދާ ކަމަށް މުއިއްޒު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީން ގަބޫލު ކުރެ އެވެ.

ރިޔާސީ އިންތިހާބަށް ފަހު މުއިއްޒު ފުރަތަމަ ފަހަރަށް ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވެސް ދެއްވި ޔަގީންކަމަކީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލާނެ ކަމެވެ.

އޭގެ ފަހުން އިންޑިއާގެ ސަފީރާ ވެސް އިންތިހާބީ ރައީސް މުއިއްޒު ބައްދަލު ކުރައްވާފައިވެ އެވެ. "ވަގުތު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގައި ވަރަށް ސުވާލުތައް ހުރި ކަމާއި، އެ ސުވާލުތަކަށް ޖަވާބު ލިބުން މުހިންމު ކަމަށް ސަފީރަށް ދެންނެވި ކަމަށެވެ.

އެ ބައްދަލުވުމުގައި ސަފީރުގެ ޖަވާބަކީ ވާހަކަ ދައްކައިގެން، ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދެވޭނެ ކަމަށް، މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ލުއި ގޮތްތަކެއް ހަދައި ދިނުމަށާއި، ތަރައްގީގެ މަޝްރޫއުތައް ނުހިއްޓި ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ވެސް އިންޑީއާ ސަފީރަށް މުއިއްޒު ދެންނެވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އަވައްޓެރި އިންޑިއާއާ އޮތް ގުޅުން ވަރަށް ބޮޑު ހީނަރުވެގެން ދިޔަ އެވެ. އެ ވެރިކަމުގައި ގާތް ގުޅުމެއް ބޭއްވީ، އިންޑިއާއާ ވާދަވެރި ޗައިނާއާ އެވެ. އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ވެސް ހިންގީ ޗައިނާގެ މާލީ އެހީއާއި ލޯނު މެދުވެރިކޮށެވެ.

މި ސަރުކާރުގައި އިންޑިއާގެ ލޯނު އެހީ މެދުވެރިކޮށް ގިނަ މަޝްރޫއުތައް ރޭވިއިރު، ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓް" ކެމްޕެއިން ހަރަކާތެއް ވެސް ހިންގި އެވެ. މުއިއްޒުގެ ވެރިކަމުގައި އިންޑިއާއާ އޮންނަ ގުޅުމާ މެދު ސުވާލުތައް ގިނަވެގެން އުޅެނީ މި ސަބަބުތައް ހުރީމަ އެވެ.