Advertisement

ސިންގަޕޫރުގައި ކޮވިޑުގެ އިތުރު ރާޅެއް

7 އޮކްޓޯބަރު 2023 - 06:25 0

ސިންގަޕޫރުގައި މާސްކު އަޅައިގެން ތިބި ބަޔަކު، މާޗް 25، 2022، ގައި މަގު ހުރަސް ކުރަނީ. -- ފޮޓޯ: ސީއެންއޭ


ސިންގަޕޫރުގައި ކޮވިޑުގެ އިތުރު ރާޅެއް

7 އޮކްޓޯބަރު 2023 - 06:25 0

ސިންގަޕޫރުގައި ކޮވިޑްގެ އިތުރު ރާޅެއް ފެތުރެމުން ދާއިރު، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ބަލި ފެތުރުން އިތުރުވެ، ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުން އިތުރު ވެގެންދާނެ ކަމަށް ބެލެވޭ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު އޮން ޔީ ކަން ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.

މިދިޔަ މާޗު މަހާއި އޭޕްރީލް މަހު ވެސް ކޮވިޑުގެ ރާޅެއް ސިންގަޕޫރުގައި ފެތުރުނެވެ. މިހާރު ފެތުރެމުންދާ ކޮވިޑުގެ ރާޅާ ގުޅިގެން ވެސް އިޖުތިމާއީ ގޮތުން އެއްވެސް ހުރަހެއް އެޅުމުގެ ވިސްނުމެއް ނެތް ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ތިން ހަފުތާ ކުރިން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ކޮވިޑުގެ 1،000 ކޭސް ފެނުނު ކަމަށާއި ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެ އަދަދު 2،000 އަށް އަރާފައިވާ ކަމަށެވެ. މިދިޔަ އޭޕްރީލް މަހު ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު 4،000 އަށް އެރި އެވެ.

އުމުރުން ދުވަސްވީ މީހުންނާއި އެހެން ބޮޑެތި ބަލިތައް ތަހައްމަލު ކުރާ މީހުން ބޭރަށް ނުކުންނައިރު މާސްކު އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އޮން އިލްތިމާސް ކުރެއްވި އެވެ. ނަމަވެސް އެންމެ މުހިންމު ކަމަކީ ވެކްސިންޖެހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހިންގެ ގިނަ ބަޔަކު ވިޔަފާރި ބޭނުންތަކާއި އެހެން ބޭނުންތަކުގައި ސިންގަޕޫރަށް ދަތުރުކުރެ އެވެ. އަދި ބައެއް ދިވެހިން އެ ގައުމުގައި ދިރިވެސް އުޅެ އެވެ.