Advertisement

ވާގޮތް: ސެލްފް ސެންޓާޑްވުމުގެ ފަންނު

7 އޮކްޓޯބަރު 2023 - 09:10 2

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


ވާގޮތް: ސެލްފް ސެންޓާޑްވުމުގެ ފަންނު

7 އޮކްޓޯބަރު 2023 - 09:10 2

ހިތްތިރިކަމާއި އޯގާތެރިކަން ފަދަ ސިފަތަކަކީ ހެޔޮލަފާ ރަނގަޅު މީހެއްގެ ސިފަތައް ކަމަށް ގިނަބަޔަކު ގަބޫލުކުރާ މި ދުނިޔޭގައި، މިކަމާ ހިލާފުވާ ސިފަތައް ޒަމާނުއްސުރެ މީހުންގެ ކިބައިން ފެނެ އެވެ. އެގޮތުން ފެންނަ އެއް ސިފައަކީ އަމިއްލަ ނަފުސަށް މާ ބޮޑު ސަމާލުކަމަކާއި ޝައުގުވެރިކަމެއް ދިނުން ނުވަތަ "ސެލްފް ސެންޓާޑް" ވުމެވެ. މިއީ ކައުނުގެ ހުރިހާ ޕްލެނެޓްތަކާ ތަރިތަކަކީ އެމީހުންގެ ނަފުސާއި އެދުންތަކުގެ ވަށައިގެން އެނބުރޭ ތަކެތި ކަމަށް ދެކޭ މީހުންނެވެ. އެހެން ނުދެކުނު ނަމަވެސް، އެމީހުންގެ ބަހާ އަމަލުން އެގޮތަށް ދެކުމަށް އެހެން މީހުންނަށް ފުރުސަތު ދޭ މީހުންނެވެ. މިފަދަ މީހެއްގެ ނުވަތަ މީހުންތަކެއްގެ ހިޔަނި އަހަރުމެން ކޮންމެ މީހެއްގެ ހަޔާތައް ވެސް އެޅިފައިވާނެކަން ކަށަވަރެވެ. އެކަމަކު އިންސާނީ ތަބީއަތުގައިވާ މި ސިފައިގެ އަސްލަކީ ކޮބާހެއްޔެވެ؟ ބައެއް މީހުން އެހާ އަމިއްލަ އެދުން ބޮޑު ކަމަށް ފެންނަނީ ކީއްވެގެން ހެއްޔެވެ؟

ސެލްފް ސެންޓާވުމުގެ އޮނިގަނޑު

އިސްވެ ބުނެވުނު ފަދައިން، ސެލްފް ސެންޓާވުމަކީ، އަމިއްލަ ނަފުސަށް މާބޮޑަށް ސަމާލުކަންދީ، އެހެން މީހުންނަށް ފަރުވާކުޑަކުރެވުމެވެ. މަސައްކަތުގެ މާހައުލުން ފެށިގެން އަމިއްލަ ގުޅުންތަކާ ހަމައަށް ދިރިއުޅުމުގެ އެކި ހިސާބުތަކުން، އެކި މިންވަރަށް ސެލްފް ސެންޓާވެފައިވާ މީހުންނާ ދިމާވާނެ އެވެ. ސެލްފް ސެންޓާވުމުގެ މައިގަނޑު އެއް މުލަކީ އަމިއްލަ ނަފުސަށް ކުރެވޭ އިތުބާތު ނުވަތަ "ސެލްފް-އެސްޓީމް" ގެ ނާޒުކު ކަމެވެ.

އެހެން މީހުންގެ ރުޅިވެރިކަމާއި ނަފުރަތާއި ފާޑުކިޔުން އަމާޒުވާ ފަރާތްތަކުން، ކޯޕިން މެކޭނިސްމްއެއްގެ ގޮތުގައި ސެލްފް ސެންޓާވާން ފަށާކަމަށް ސައިކޮލޮޖިސްޓުން ގަބޫލުކުރެ އެވެ. ހަމައެކަނި އަމިއްލަ ނަފުސާއި ބޭނުންތަކަށް ސަމާލުކަންދީގެން، އެމީހުންގެ އަމިއްލަ އަގު ވަޒަންކުރުމުގެ ނާޒުކު އިހުސާސް ރައްކާތެރިކުރުމަށް މަސައްކަތް ކުރެއެވެ.

ކުޑައިރުގެ ދައުރު

މީހެއްގެ ޝަހުސިއްޔަތު ބައްޓަންކުރުމުގައި ކުޑައިރުގެ ތަޖުރިބާތައް މުހިންމު ދައުރެއް އަދާކުރެ އެވެ. މީގެ ތެރޭގައި އަމިއްލަ ނަފުސަށްދޭ ސަމާލުކަމާއި ޝައުގުވެރިކަން ވެސް ހިމެނެއެވެ. ބައެއް ތިއަރީތަކުން ދައްކާ ގޮތުގައި އެކަށީގެންވާ ވަކި ހައްދެއް ނެތި އަބަދުމެ ތައުރީފު ލިބޭ ކުދިން، ސެލްފް ސެންޓާ ވުމުގެ ފުރުސަތު ބޮޑެވެ. އަދި ހަމަ އެފަދައިން އިހުމާލުވުމާއި ނަފުސާނީ އަނިޔާތައް ކުރިމަތިވާ ކުދިން، އެމީހުންގެ ފުއްދައި ނުދެވިވާ ނަފުސާނީ ބޭނުންތައް ފުއްދުމުގެ ގޮތުން އަމިއްލަ ނަފުސަށްދޭ ސަމާލުކަން އިތުރުވެދާނެ އެވެ.

ޖޯން ބައުލްބީގެ އެޓޭޗްމަންޓް ތިއަރީގައި، ކުޑަކުދިންނާއި އެކުދިންގެ ބެލެހެއްޓުންތެރިންނާއި ދެމެދު އޮންނަ ގުޅުންތަކުގެ މުހިންމުކަން ފާހަގަކޮށްފައިވެ އެވެ. ބެލެހެއްޓުންތެރިންގެ ލޯތްބާއި އަޅާލުމަށް ބަރޯސާނުވެވޭ ކުދިން، އެ ޒިންމާ އަމިއްލައަށް އުފުލަން ދަސްކޮށް، އެހެން މީހުންނަށްވުރެ އަމިއްލަ ބޭނުންތަކަށް އިސްކަންދީފާނެ އެވެ.

ސޯޝަލް މީޑިއާގެ ނުފޫޒު

ސޯޝަލް މީޑިއާގެ މަގުބޫލުކަމާ އެކު ފާއިތުވި އަހަރުތަކުގައި، މީހުން ސެލްފް ސެންޓާވާ މިންވަރު އިތުރުވެފައިވާ ކަމަކީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ފޭސްބުކް، އިންސްޓަގްރާމް، އަދި ޓްވިޓާ ފަދަ މަންސަތަކަކީ، ފަރުދުންނަށް އެމީހުންގެ ދިރިއުޅުމާއި ކާމިޔާބީތައް ދައްކާލުމަށް ފަސޭހަ ސްޓޭޖަކަށް ވާ އިރު، މިކަމުން އަމިއްލަ ނަފުސު ޕްރޮމޯޓް ކުރުމުގެ ސަގާފަތެއް މިވަނީ އުފެދިފަ އެވެ. ލައިކްސް، ކޮމެންޓްސް، އަދި ފޮލޯވަރުންނަކީ ތިމާގެ އަގު ވަޒަންކުރުމަށް ބޭނުންކުރާ ކަށްޓާއަކަށް ވެފައިވާއިރު، ބުރަދަން އިތުރުކުރުމަށް ސެލްފް ސެންޓާވުމަށް ހިތްވަރު ލިބެ އެވެ.

ސޯޝަލް މީޑިއާގައި ކުރެހިފައިވާ އަމިއްލަ ނަފުސުގެ ތަސްވީރުގެ ސަބަބުން، އަމިއްލަ މުހިންމުކަމުގެ އިހުސާސް އިތުރަށް ވަރުގަދަވެ އެވެ. އަސްލު، ބިނާކުރުނަވި ގުޅުންތަކުގައި ބައިވެރިވުމުގެ ބަދަލުގައި އޮންލައިން ޕާސޯނާ ފުރިހަމަ ކުރުމަށް މާ ބޮޑު ސަމާލުކަމެއްދެ އެވެ. ސޯޝަލް މީޑިއާގައި އުފެދިފައިވާ "އަހަރެން، އަހަރެން، އަހަރެން" ސަގާފަތް ހަގީގީ ދިރިއުޅުމުގެ މުއާމަލާތްތަކަށް ވެސް ބަންޑުންވެ އެވެ.

ގުދުރަތާއި ތަރުބިއްޔަތު

ސެލްފް ސެންޓާވުމަކީ ހަމައެކަނި ތަރުބިއްޔަތާއި މާޒީގެ ތަޖުރިބާތަކުގެ އުފެއްދުމެއް ނޫނެވެ. މިކަމުގައި ޖެނެޓިކްސްގެ ދައުރެއްވާކަމުގެ ހެކިތައް ވެސް އެބަހުއްޓެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ވަކި ޖެނެޓިކް ކަންތައްތަކެއްގެ ސަބަބުން ސެލްފް ސެންޓާވުމާ ގުޅުންހުރި ސިފަތައް ކަމަށްވާ ނާސިސިޒަމް ފަދަ ސިފަތައް އުފެދިދާނެ އެވެ.

އެހެންނަމަވެސް ގުދުރަތާއި ތަރުބިއްޔަތަކީ އަޖައިބުކުރުނަވި ގޮތްތަކަށް މުއާމަލާތްކުރާ އެއްޗެތިކަން ހަނދާނުގައި ބެހެއްޓުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. ޖެނެޓިކްސް އިން ފަރުދުންނަށް ވަކި ސިފަތަކެއް ކަނޑައެޅި ނަމަވެސް ތިމާވެށީގެ ސަބަބުން މި ސިފަތައް ބޮޑުވެދާނެ ނުވަތަ ލުއިވެދާނެ އެވެ. އެހެން ގޮތަކަށް ބުނާނަމަ، ޖެނެޓިކްސް އިން އަމިއްލަ ނަފުސަށް މީހާދޭ ސަމާލުކަމުގެ ބިންގާ އެޅިޔަސް، މީހަކު ސެލްފް ސެންޓާވާ މިންވަރު ކަނޑައެޅެނީ ތަރުބިއްޔަތާއި ދިރިއުޅުމުގެ ތަޖުރިބާތަކުންނެވެ.

ސެލްފް ސެންޓާޑްއާ ކުރިމަތިލުން

އަހަރުމެންގެ އަމިއްލަ ދިރިއުޅުމުގައި ވިޔަސް ނުވަތަ މަސައްކަތުގެ މާހައުލުގައި ވިޔަސް، ސެލްފް ސެންޓާޑް މީހުންނާ ކުރިމަތިލުމަކީ ގޮންޖެހުމަކަށް ވެދާނެ އެވެ. އޯގާތެރިކަމާ ކެތްތެރިކަމާއެކު މިފަދަ ފަރާތްތަކާ ކުރިމަތިލުމަކީ މުހިންމު ކަމެކެވެ. ސެލްފް ސެންޓާ ތޮށީގެ އެތެރޭގައި، ނަފުސާނީ ޒަހަމްތަކެއް ހުރެދާނެކަން ހަނދާން ކުރާށެވެ.

ތިމާގެ ބޭނުންތަކާއި އަމިއްލަ ހައްދުތައް ސާފުކޮށް މަޑުމައިތިރިކަމާއެކު ފާޅުކޮށް، މަޝްވަރާ ކުރުމަށް ހިތްވަރު ދޭށެވެ. ސެލްފް ސެންޓާޑް މީހުންނަށް ބައެއް ފަހަރު، އެމީހުންގެ ސިފަތަކުގެ ސަބަބުން އެހެން މީހުންނަށް ކުރާނެ އަސަރު ނޭނގެ އެވެ. ބިނާކުރަނިވި ފާޑުކިޔުމުގެ އެހީގައި އެމީހުންގެ އަމަލުތައް ވަޒަންކޮށްލުމަށް އެހީވެވިދާނެ އެވެ.

ސެލްފް ސެންޓާވުމުގެ ބޮޑުކަމުން ގުޅުންތަކަށް ނުވަތަ ދުޅަހެޔޮކަމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ހާލަތްތަކުގައި ނަފުސާނީ ސިއްހަތުގެ ފަންނީ މީހެއްގެ އިރުޝާދު ހޯދުން މުހިންމެވެ. އަމިއްލަ ނަފުސުގެ އެދުންވެރިކަން ކުޑަކުރުމަށް ބޭނުންވާ ސްޓްރެޓެޖީތައް ތެރަޕީގެ ސަބަބުން ލިބިގެންދެ އެވެ.

ނިންމުން

ސެލްފް ސެންޓާވުމުގެ ފަންނަކީ ކޮމްޕްލެކްސް އަދި ގިނަ ފަރާތްތަކެއް އެކުލެވޭ ކަމެކެވެ. ބައެއް މީހުން އަމިއްލަ ނަފުސަށް ކުރާ އިތުބާރުގެ ނާޒުކުކަމުން ނުވަތަ ކުޑައިރުގެ ތަޖުރިބާތަކުގެ ސަބަބުން ސެލްފް ސެންޓާވެ އެވެ. އަނެއް ބަޔަކަށް ސޯޝަލް މީޑިއާގައިވާ އަމިއްލަ ނަފުސު ޕްރޮމޯޓް ކުރުމުގެ ސަގާފަތުގެ ނުފޫޒު ފޯރަ އެވެ. ބައެއް ހާލަތްތަކުގެ ޖެނެޓިކްސް ވެސް މިކަމުގައި ދައުރެއް އަދާކުރެ އެވެ.

ސެލްފް ސެންޓާވުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަކީ މިފަދަ ފަރުދުންނާ މުއާމަލާތްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ހިތި ނަޒަރަކުން ބެލުމުގެ ބަދަލުގައި ސެލްފް ސެންޓާޑް މީހުންނާ ކުރިމަތިލާންވީ އޯގާތެރިކަމާއި ފާޅުކަން ބޮޑު، ތެދުވެރި މުއާމަލާތްތަކުގައި ބައިވެރިވާން ތައްޔާރަށް ހުރެގެންނެވެ. އެކަން ކުރުމުން، ސެލްފް ސެންޓާގެ މޫނުމަތީގެ ފަހަތުގައި ފޮރުވިފައިވާ ނާޒުކުކަން ހާމަވެ، އަމިއްލަ ކުރިއެރުމާއި މާނަހުރި ގުޅުންތައް އުފެއްދުމަށް އެހީތެރިވެދެވިދާނެ އެވެ.