7 އޮކްޓޯބަރު 2023 - 11:03 0
7 އޮކްޓޯބަރު 2023 - 11:03 0
ލަންޑަން (އޮކްޓޫބަރު 7) - ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރާ ޓެކްނޮލޮޖީ ރަނގަޅު ކަމަށާއި، މައްސަލަ އުޅެނީ އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގޮތް ނިންމާ ރެފްރީންގެ ކަމަށް ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.
ވީއޭއާރްގެ މައްސަލަ ހޫނުވެފައިމިވަނީ މިދިޔަ ހަފްތާގައި ޓޮޓެންހަމް އާއި ލިވަޕޫލް ވާދަކުރި މެޗުގައި އެ ޓީމުގެ ލުއިޒް ޑިއާޒް ޖެހި ގޯލެއް އޮފްސައިޑް ކަމަށް ނިންމުމުންނެވެ. ވީއޭއާރު ރަނގަޅަށް ނުބަލައި، ރެފްރީން ކަނޑައެޅީ ޑިއާޒް އޮފްސައިޑު ކަމަށެވެ.
ނަމަވެސް މެޗަށް ފަހު ޕްރިމިއާ ލީގުގެ ރެފްރީންގެ ކަންކަން ބަލަހައްޓަމުން އަންނަ ޕްރޮފެޝަނަލް ގޭމްސް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ވަނީ މެޗުގައި ރެފްރީންނަށް ނިންމި ނިންމުން ގޯސްކަމަށް އެއްބަސްވެފަ އެވެ. އަދި އެގޮތަށް އެކަން ދިމާވީ ދެ ރެފްރީންގެ މުއާމަލާތްކުރުމުގެ ކަންކަން ރަނގަޅަށް ހިނގާފައިނުވާތީ ކަަމަށެވެ.
އެ މެޗަށްފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ އަލުން މެޗު ކުޅެން ޖެހޭކަމަށް ގަބޫލުކުރާ ކަމަށް ބުނެފަ އެވެ. އެކަމަކު، އެއީ އުސޫލު އެ ގޮތަށް ތަން ދޭ ނަމަ ކަމަށާއި އެެހެން ނޫންނަަމަ އެ ފަދަ ކަންކަމަށް ބަލައި، ގަވާއިދުގައި ކަންކަން ހިމަނަން ޖެހޭ ކަމަށް ކްލޮޕް ދެކެ އެވެ.
ކްލޮޕްގެ އިތުރުން ޕްރިމިއާ ލީގުގެ ގިނަ ކޯޗުން އަންނަނީ މި ކަމާ ގުޅޭގޮތުން ވާހަކަދައްކައި، އެ ކޯޗުންގެ ހިޔާލުތައް ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ޗެލްސީގެ ކޯޗު ޕޮޗެޓީނޯ ހިމެނެ އެވެ. ޕޮޗެޓީނޯ ބުނީ ވީއޭއާރުގެ ޓެކްނޮލޮޖީ އަކީ ބޭނުންކުރަން ރަނގަޅު އެއްޗެއް ކަމަށާއި، މައްސަލަ ދިމާވެގެން މިއުޅެނީ އެ ބޭނުންކުރާ މީހުންގެ ކަމަށެވެ.
އެ ގޮތުން، ޕޮޗެޓީނޯ ވަނީ ވީއޭއާރު ބެލުމަށްފަހު ރެފްރީން ނިންމާ ނިންމުންތައް ގޯސްވުމުން، ރެފްރީންގެ މައްސަލަތަކެއް ހުރިކަން ދޭހަވާ މޭރުމަކުން ވާހަކަދައްކައިފަ އެވެ.
"ކާރަށް އިތުބާރުކުރެވޭ، އެކަމަކު ޑްރައިވަރުގައި އެބައުޅޭ މައްސަލަ" ވީއޭއާރުގެ މައްސަލަ ސިފަކުރަމުން ޕޮޗެޓީނޯ ބުންޏެވެ.
ކޯޗުން ސިފަކުރާ ގޮތުގައި މި ސީޒަނަކީ ވީއޭއާރުން އެންމެ ގިނައިން ގޯސް ނިންމުންތައް ނިންމަމުން އަންނަ ސީޒަނެވެ. އެ ގޮތުން ވީޑިއޯ ރީޕްލޭ ބެލުމަށް ފަހު ރެފްރީން ދައްކާ ރަތް ކާޑުތަކަށް ވެސް ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.
ވީއޭއާރުގެ މައްސަލަ ހައްލުކުރުމަށް ޕްރިމިއާ ލީގުގެ ރެފްރީންގެ ކަންކަން ބަލަހައްޓަމުން އަންނަ ޕީޖީއެމްއޯއެލް އިން ވަނީ ކުރިއަށްހުރި މެޗުތަކުގައި ވީޑިއޯ ރީޕްލޭ ބެލުމަށް އިތުރު ރެފްރީން ބައިތިއްބަން ނިންމައިފަ އެވެ. އެ ގޮތުން ވީއޭއާރު ރޫމުގައި ރެފްރީއެއްގެ ގޮތުގައި ހުންނަ މީހަކު ރީޕްލޭ ބަލައި ނިންމާ ގޮތް ފައިނަލް ކުރުމުގެ ކުރިން އޭނާގެ އެހީތެރިއެއްގެ ގޮތުގައި އެސިސްޓަންޓް ރެފްރީއެއް ވެސް ވަކިން އެ ރީޕްލޭ ބަލައި ރިވިއުކުރާ ގޮތަށްވަނީ ހަމަޖައްސައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment