Advertisement

ރާއްޖޭން ބަނގުރާ އެތެރެކުރަން އުޅުނު މައްސަލައިގައި ބަންގްލަދޭޝްގެ ގައުމީ ޓީމުގެ މުުހިންމު ކުޅުންތެރިންތަކެއް ސަސްޕެންޝަންގައި

6 އޮކްޓޯބަރު 2023 - 17:02 0

ބަންގްލަދޭޝް ގައުމީ ޓީމުގެ ގޯލްކީޕަރު އަނީސުރް ރަހްމާން ޒީކޯ: ސަސްޕެންޑްކުރި ތިން ކުޅުންތެރިންގެ ތެރޭގައި އޭނާ ވެސް ހިމެނޭ.-- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ރާއްޖޭން ބަނގުރާ އެތެރެކުރަން އުޅުނު މައްސަލައިގައި ބަންގްލަދޭޝްގެ ގައުމީ ޓީމުގެ މުުހިންމު ކުޅުންތެރިންތަކެއް ސަސްޕެންޝަންގައި

6 އޮކްޓޯބަރު 2023 - 17:02 0

މި އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފުރަތަމަ މެޗުގައި މާލޭގައި ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަނާ ދެކޮޅަށް ބަޝުންދުރާ ކިންގްސް ކުޅުނު މެޗަށް ފަހު އެނބުރި ބަންގްލަދޭޝަށް ދިޔައިރު، އެ ގައުމަށް ގަވައިދާ ހިލާފަށް ބަނގުރާ އެތެރެކުރަން އުޅުނު މައްސަލައިގައި ސަސްޕެންޑްކުރި ކުޅުންތެރިންނަށް ގައުމީ ޓީމުން ވެސަ ފުރުސަތު ނުދޭން ނިންމައިފި އެވެ.

މާޒިޔާއާ ދެކޮޅަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ކުޅުނު މެޗަށް ފަހު ބަޝުންދުރާ ކިންގްސް އެނބުރި ގައުމަށް ދިޔައިރު، އެ ގައުމުގެ އެއާޕޯޓުން ކަމާބެހޭ ފަރާތްތަކަށް ވަނީ ފަސް ކުޅުންތެރިއެއްގެ ލަގެޖުން ބަނގުރާ ފެނިފަ އެވެ.

އެ ފަސް ކުޅުންތެރިންގެ ތެރޭގައި ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ގޯލްކީޕަރު އަނީސުރް ރަހުމާން ޒިކޯ އާއި ޑިފެންޑަރު ޓޯޕޫ ބަރްމަން އަދި ޝެއިހް މޮރްސަލީން ހިމެނެއެވެ. ދެން ހިމެނޭ ދެ ކުޅުންތެރިންނަކީ ގައުމީ ޓީމުގެ ދެ ކުޅުންތެރިންނެއް ނޫނެވެ.

ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި މި ފަސް ކުޅުންތެރިންގެ ލަގެޖުން ޖުމްލަ 60 ފުޅި ބަނގުރާ ވަނީ ފެނިފަ އެވެ.

މި މައްސަލައިގައި ބަޝުންދުރާ ކިންގްސް އިން ވަނީ ހުރިހާ ކުޅުންތެރިން ވެސް ވަގުތީ ގޮތުން ސަސްޕެންޑްކޮށް، މައްސަލަ ބަލަން ފަށައިފަ އެވެ. އޭއެފްސީ ކަޕްގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު އޮޑިޝާއާ ދެކޮޅަށް ބަޝުންދުރާ ކުޅުނު މެޗުގައި ވެސް މި ފަސް ކުޅުންތެރިންނަށް ފުރުސަތެއް ނުދެއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މި މަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި އަދި 17 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ރާއްޖެއާ ދެކޮޅަށް ބަންގްލަދޭޝްގެ ގައުމީ ޓީމު ކުޅޭނެ އެވެ.

ބަންގްލަދޭޝްގެ ފުޓްބޯލް ފެޑަރޭޝަންގެ ރައީސް ކާޒީ ސަލާހުއްދީން ވިދާޅުވީ މި ކުޅުންތެރިންނާ މެދު ޑިސިޕްލިނަރީ ފިޔަވަޅު އަޅާފައިވާ ކަމަށް ބަޝުންދުރާ ކިންގްސް އިން އަންގާފައިވާ ކަމަށެވެ. އަދި ކްލަބަކުން ކުޅުންތެރިންނާމެދު ޑިސިޕްލިނަރީ ފިޔަވަޅު އަޅާއިރު، ގައުމީ ޓީމުން ވެސް އެކަމަށް އަމަލުކުރަންޖެހޭނެ ކަމަށެވެ.

"މި ކުޅުންތެރިން ޑިސިޕްލިނަރީ މައްސަލައިގައި ސަސްޕެންޑްކޮށްފައިވާއިރު، ގައުމީ ކޯޗަށް ވެސް އެ ކުޅުންތެރިންނަށް ފުރުސަތު ދޭން އުނދަގޫވާނެ،" ސަލާހުއްދީން ވިދާޅުވި އެވެ.

މިދިޔަ ޖޫން މަހު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވި މެޗުގައި ޓޯޕޫ އާއި ޒީކޯ އަދި މޮރްސަލީން ވެސް ވަނީ ކުޅެފަ އެވެ. އެ ތިން ކުޅުންތެރިން ނެތުމަކީ ބަންގްލަދޭޝަށް ލިބޭނެ އުނިކަމެކެވެ.