ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު
މަގާމުތައް ލިބުމުން ފިނި ކޮޓަރީގައި ތިއްބަވައި، ހަނދާން ނެތޭ ބޭފުޅުން ގިނަ ކަމަށާއި އެގޮތަށް އެކަން ނުކުރައްވާ އެމަނިކުފާނު މިނިވަންކުރުމަށް މަގުމައްޗަށް ނުކުންނަވަން ކެރެން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ރައްދު ދެއްވައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފައި، އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ، ޔާމީން މިގޮތަށް ވިދާޅުވީ އެ މަނިކުފާނު ދިރިއުޅުއްވާ ގެ، ހ. ދޫވެހި ކައިރިޔަށް ބުދަ ދުވަހުގެ ރޭ ފަރިވަޅެއް ހިފައިގެން އެއްވި ސަޕޯޓަރުންނާ މުހާތަބުކުރައްވާ ކުޑަދޮރު ކައިރީގައި ހުންނަވައިގެން ދެއްކެވި ވާހަކައިގަ އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރުގެ ގޮތުގައި ވެސް ހުންނެވި އާދަމް ޝަރީފު ޔާމީނަށް ރައްދު ދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޔާމީން ޖަލުގައި އޮންނެވިއިރު ޕީއެންސީ އަދި ޕީޕީއެމްއިން މުޒާހަރާތައް ރޭވުމުގައި ސަޕޯޓަރުންނާ އެއްކޮށް މަސައްކަތް ކުރެއްވި ކަމަށާއި ހުރިހާ މުޒާހަރާއެއްގައި އަމަލީ ގޮތުން ބައިވެރިވެލެއްވި ކަމަށެވެ.
"ދެ ފަހަރަށް ފުލުހުން ބަންދުކުރި. އަމިއްލަ އާއިލާ އާއި ދާއިރާއަށް ވަގުތު ނުދީ، ކުރެވެން ހުރި ހުރިހާ ކަމެއް ކުރީ ރައީސް ޔާމީން އާއި ޕާޓީ އާއި ގައުމުގެ ހައްގުގައި، އެ ހިތްވަރު އަދިވެސް ހުންނާނެ" ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ލިޔުއްވާފައިވެ އެވެ.
ޕީޕީއެމްގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ޔާމީން ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ވިދާޅުވީ އެ މަނިކުފާނު މިނިވަންކުރަން އެންމެ ބޮޑަށް މަސައްކަތް ކުރީ އާދައިގެ ރައްޔިތުން ކަމަށާއި ސަރުކާރު ބަދަލުކޮށް، ޕީޕީއެމް/ޕީއެންސީ އަށް ވެރިކަން ލިބުނީ އެ މަނިކުފާނާއި މެމްބަރުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.
"އިންސާނީ ތޮބީއަތުގައި ދެރަ ކަމަކަށް މި ވަނީ މަގާމުތަކަށް އައިމަ ހަނދާން ނެތޭތީ،" ވަކި ބޭފުޅެއްގެ ނަން ފާހަގަ ނުކުރައްވައި ޔާމީން ވިދާޅުވި އެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެ މަނިކުފާނު ނިސްބަތް އިންތިހާބީ ސަރުކާރުގެ އިސް ވެރިންނަށެވެ.
މާފުށީ ޖަލުން މިދިޔަ އާދީއްތަ ދުވަހު ޔާމީން ގެއަށް ބަދަލުކުރީ ރިޔާސީ އިންތިހާބު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާއެކު ގައުމީ މަސްލަހަތަށްޓަކަ އެވެ. އިންތިހާބަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މުއިއްޒުގެ ބައްދަލުވުން އާދީއްތަ ދުވަހު ރައީސް އޮފީހުގައި ހިނގަމުން ދިޔައިރު، ޔާމީން ހުންނެވީ އޭނާ މާލެ ގެނައުމުގެ ދަތުރުމަތީ، ލޯންޗުގަ އެވެ.
ޔާމީން މިނިވަންކުރުމަކީ މުއިއްޒުގެ ވައުދެކެވެ. އެންމެ ލަސްވެގެން ވެސް އެ މަނިކުފާނު ހުވާ ކުރައްވާ ދުވަސް ކަމުގައިވާ ނޮވެމްބަރު 17 ވަނަ ދުވަހު ޔާމީން މިނިވަން ކުރާނެ ކަމަށް މުއިއްްޒު ވަނީ ވިދާޅުވެފަ އެވެ. އެހެންވެ، މި އިންތިގާލީ މަރުހަލާގައި އެ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދަވަން ބޭނުންފުޅު ވާތީ، މުޒާހަރާ ނުކުރުމާއި އެެއްވުންތައް ނުބޭއްވުމަށް މުއިއްޒު އެދިވަޑައިގެންނެވި އެވެ. ނަމަވެސް ޔާމީންގެ ސަޕޯޓަރުން ވަނީ ޔާމީން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާ ކޮށްފަ އެވެ.
Comment