Advertisement

އެލިއާ އަށް 60 އަހަރު ފުރުން ފާހަގަކުރުމަށް, ލޯގޯ ފަރުމާކުރުމުގެ ދެ މުބާރާތެެއް

5 އޮކްޓޯބަރު 2023 - 11:56 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


އެލިއާ އަށް 60 އަހަރު ފުރުން ފާހަގަކުރުމަށް, ލޯގޯ ފަރުމާކުރުމުގެ ދެ މުބާރާތެެއް

5 އޮކްޓޯބަރު 2023 - 11:56 0

އެލިއާ އިންވެސްޓްމެންޓްއަކީ ވިޔަފާރީގެ ތަފާތު ރޮނގުތަކުން ކުރިއަރާފައިވާ މަގުބޫލު ދިވެހި ކުންފުންޏެކެވެ. އެންމެ ފާހަގަކޮއްލެވޭ އެއްކަމަކީ އެލިއާ އިން ރާއްޖޭގެ ކަނޑުދަތުރުފަހަރަށް ގެނައި ބޮޑު އިންގިލާބެވެ.

އިންޖީނުގެ އަޑަށް މަސްތައް ފިލާނެކަމަށް ގަބޫލުކުރެވެމުންދިޔަ ދުވަސްވަރެއްގައި 1970ގެ އަހަރުތަކުގައި ކަނޑުގެ އުޅަދުފަހަރަށް ހާއްސަ އައުޓްބޯޑް އިންޖީން އެލިއާއިން ރާއްޖެއަށް ތައާރަފްކުރުން ވެގެންދިޔައީ މަސްވެރިކަމަށް އަދި ހާއްސަކޮށް ފަތުރުވެރިކަމަށްވެސް ނުހަނު މުހިންމު، އަވަސް ކުރިއެރުން ގެނެސްދިން ކަމަކަށެވެ. އެލިއާ އިން ރާއްޖެއަށް ތައާރަފުކުރީ ދުނިޔޭގެ އެންމެ މަގުބޫލު އައުޓްބޯޑް ބްރޭންޑް ކަމުގައިވާ ޔަމަހާ އިންޖީނެވެ.

އަންނަ އަހަރު އެލިއާއިން ރާއްޖެއަށް ޔަމަހާގެ އިތުބާރުހިފޭ އުފެއްދުންތައް ތައާރަފުކުރިތާ 50 އަހަރު ފުރޭނެ އެވެ. އަދި އެލިއާ އަށް 60 އަހަރު ފުރޭނެ އެވެ. މި ދެ މުނާސަބާ ފާހަގަކުރުމަށް އެކުންފުނިން ވަނީ ލޯގޯ ފަރުމާކުރުމުގެ ދެ މުބާރާތެއް ހުޅުވާލައިފަ އެވެ.

ފުރަތަމަ މުބާރާތަކީ އެލިއާއަށް 60 އަހަރުފުރި އަދި ކުންފުނީގެ ކާމިޔާބީތަކާއި ތަސައްވަރު ދައްކުވައިދޭ ތަފާތު ލޯގޯއެއް އުފެއްދުމަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ. މި މުބާރާތުގެ އެންމެ ރީތީ ލޯގޯ ފަރުމާކުރާ ފަރާތަށް އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

ދެވަނަ މުބާރާތަކީ ރާއްޖޭގައި ޔަމަހާ ބްރޭންޑްގެ ތާރީހު ރަމްޒުކޮށްދޭ ލޯގޯއެއް ފަރުމާކުރުމަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ. މި މުބާރާތުގައިވެސް އެންމެ ރީތީ ލޯގޯ ފަރުމާކުރާ ފަރާތަށް އިނާމެއްގެ ގޮތުގައި 10،000 ރުފިޔާގެ އިނާމެއް ކަނޑައެޅިފައި ވެއެވެ.

އެލިއާއިން ބުނިގޮތުގައި މިއީ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ދެ މުބާރާތެވެ. އަދި މި މުހިންމު ދެ މުނާސަބާތު ފާހަގަކުރުމުގެ ގޮތުން މި މުބާރާތްތަކުގައި ވީހާސްވެސް ގިނަ ފަންނުވެރިން ބައިވެރިވުމަށް އެކުންފުނިން ވަނީ ދައުވަތު އަރުވާފައެވެ.

މީގެ އިތުރުން މި މުބާރާތްތަކުން ހޮވޭ ލޯގޯ، އެލިއާއަށް 60 އަހަރު ފުރުމުގެ މުނާސަބަތުގެ ނިޝާނެއްގެ ގޮތުގައި ތަމްސީލުކުރަން ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ފޯމެއް ފުރިހަމަ ކުރަންޖެހޭނެ އެވެ. އެ ފޯމް ތިރީގައިވާ ލިންކުން ބަލާލެވޭނެ އެވެ: https://forms.gle/FQCaCw9hBbC4tWA87

ލޯގޯ ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 12 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އެވެ.