4 އޮކްޓޯބަރު 2023 - 15:05 0
4 އޮކްޓޯބަރު 2023 - 15:05 0
ލަންޑަން (އޮކްޓޫބަރު 4) - ދާދި ފަހުން ފުޓްބޯޅައިން ރިޓަޔާކުރިކަން އިއުލާނުކުރި ތަޖުރިބާކާރު ފޯވާޑް، ޒްލަޓާން އިބްރަހިމޮވިޗް، އޭނާގެ ކެރިއަރުގައި އާސެނަލާ ގުޅެން ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފީ "ޓްރަޔަލް" އެއް ފުރިހަމަ ކުރަން އެ ކްލަބުން އެންގުމުން ކަމަށް ބުނެފި އެވެ.
އާސެނަލްގައި އެންމެ ގިނަ ދުވަސް ވަންދެން މަސައްކަތްކުރި ލެޖެންޑަރީ ކޯޗު، އާސެން ވެންގާ އެ ކްލަބަށް ގެންނަން މަސައްކަތްކުރި މަޝްހޫރު ކުޅުންތެރިންގެ ތެރެއިން ނުލިބުނު ކުޅުންތެރިންގެ ލިސްޓު ދިގެވެ. މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އެ ލިސްޓުގައި އޮތް އެއް ނަމަކީ އިބްރަހިމޮވިޗް އެވެ.
ނޫސްވެރިޔާ/ޓީވީ ހޯސްޓް، ޕީއާސް މޯގަންގެ "އަންސެންސާޑް" ޝޯގައި އިބްރަހިމޮވިޗް ވަނީ ކެރިއަރުގެ ކުރީކޮޅުގައި ލިބުނު އާސެނަލްގެ ޑީލުގެ ކަންކަން ހިއްސާކޮށްފަ އެވެ.
"ވެންގާ އަހަންނަށް ދައުވަތު ދިން. އަހަރެން އާސެނަލަށް ދިޔައިން. އެކަމަކު، އަހަންނަކީ ޓްރަޔަލް ފުރިހަމަކުރާނެ މީހެއް ނޫން،" މަޝްހޫރު ގިނަ ކްލަބްތަކަކަށް ކުޅުނު އިބްރަހިމޮވިޗް، 41، ބުންޏެވެ. "އަހަރެންގެ ނަޒަރުގައި އަހަންނަކީ އެންމެ މޮޅު، އެހެންވީމަ ޓްރަޔަލަކަށް ނުދެވޭނެ،"
އިބްރަހިމޮވިޗް ވަނީ މީގެ ކުރިން ސްކައި އިޓާލިއާ އަށް ދިން އިންޓަވިއުއެއްގައި ވެސް އާސެނަލް ޑީލުގެ ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ. އިބްރަހިމޮވިޗް، އެ ފަހަރު ބުނީ އާސެނަލާ އެކު ޓްރަޔަލެއް ނުހެދީ އޭނާ އަށް އެ ކްލަބުން ސީދާ ފުރުސަތެއް ނެތްނަމަ ވަގުތު ބޭކާރު ގޮތުގައި ހޭދަކުރަން ބޭނުންނުވާތީ ކަމަށެވެ.
އެކާވީސް ވަނަ ގަރުނުގައި ފެނިގެންދިޔަ އެންމެ މޮޅު އެއް ފޯވާޑް އިބްރަހިމޮވިޗްގެ ކެރިއަރުގައި ކުޅުނު ފާހަގަކޮށްލެވޭ ޓީމުތަކަށް ބަލާއިރު، އަޔަކްސް، ޔުވެންޓަސް، އޭސީ މިލާން، އިންޓަ މިލާން، ބާސެލޯނާ، ޕީއެސްޖީ، މެންޗެސްޓާ ޔުނައިޓެޑް އަދި އެލްއޭ ގެލެކްސީ ހިމެނެ އެވެ.
Comment