Advertisement

އަހަރެއްހާ ދުވަސްތެރޭ ދެ ޗެމްޕިއަނުންނާ ދެކޮޅަށް ކުޅެ ނަބާ އަށް ބޮޑު ހިތްވަރެއް

4 އޮކްޓޯބަރު 2023 - 14:02 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އޭޝިއަން ގޭމްސްގައި މިއަދު ކުުޅުނު މެޗުގެ ތެރެއިން ނަބާ: ދުނިޔޭގެ ޗެމްޕިއަނާ ދެކޮޅަށް ކުޅުނު މެޗުގައި ނަބާ އަށް ރަނގަޅު ތަޖުރިބާތަކެއް ލިބުނު.---- ފޮޓޯ: ނައުޝަމް ވަހީދު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


އަހަރެއްހާ ދުވަސްތެރޭ ދެ ޗެމްޕިއަނުންނާ ދެކޮޅަށް ކުޅެ ނަބާ އަށް ބޮޑު ހިތްވަރެއް

4 އޮކްޓޯބަރު 2023 - 14:02 0

ރާއްޖޭގެ ބެޑްމިންޓަންގެ ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ) އަށް މިދިޔަ ދެ އަހަރު، ކޮމަންވެލްތު ގޭމްސް އާއި އޭޝިއަން ގޭމްސްގެ ބެޑްމިންޓަން ސިންގަލްސް އިވެންޓްގައި ކެރިއަރުގައި ފާހަގަކޮށްލެވޭ ވަރުގަދަ ދެ މެޗެއް ވަނީ ކުޅެލަން ލިބިފަ އެވެ. ދުނިޔޭގެ ބެޑްމިންޓަންގައި ނަން ހިނގާ މަޝްހޫރު، ދެ ޗެމްޕިއަނުންނާ ދެކޮޅަށް ކުޅެލަން ލިބުނު ފުރުސަތުގައި ނަބާ ވަނީ ހިތްވަރު ދައްކައި، މުހިންމު ތަޖުރިބާއެއް ހާސިލްކޮށްފަ އެވެ.

އެ ގޮތުން، މިދިޔަ އަހަރު އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި އިންޑިއާގެ މަޝްހޫރު ތަރި، ޕީވީ ސިންދޫއާ ވާދަކޮށްފަ އެވެ. އެ ގޮތުން، 2018 ގައި ބޭއްވި ކޮމަންވެލްތު ގޭމްސްގެ ސިންގަލްސް އިން ރިހި މެޑަލް ހޯދައި މިދިޔަ އަހަރުގެ މުބާރާތުން ރަން މެޑަލް ހޯދި، ސިންދޫ ވަނީ ނަބާހާ ކައިރިން 21-04، 21-11 ސެޓުތައް ގެންގޮސް މެޗުން މޮޅުވެފަ އެވެ.

އޭގެ އަހަރަކާ ދެ މަހެއްހާ ދުވަސް ފަހުން، ނަބާ މި ވަނީ ދުނިޔޭގެ ޗެމްޕިއަނާ ދެކޮޅަށް އޭޝިއަން ގޭމްސްގެ ގަދަ 16 ބުރުގައި ވާދަކޮށްފަ އެވެ. އެ ގޮތުން، ދުނިޔޭގެ ރޭންކިން އެއް ވަނަ، ދެކުނު ކޮރެއާގެ އަން ސޭ ޔަންގްއާ ބައްދަލުކުރި މެޗުން ނަބާ ބަލިވީ 04-21، 06-21 އިންނެވެ.

މިއަދުގެ މެޗުގެ ތެރެއިން ނަބާ (ވ) އަށް ގައުމީ ބެޑްމިންޓަން ޓީމުގެ ކޮރެއާ ކޯޗު ބުނެދެނީ.--- ފޮޓޯ: ނައުޝަމް ވަހީދު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ބައިނަލްއަގުވާމީ ބޮޑު ދެ ގޭމްސްގައި ދުނިޔޭގެ ލެވަލްގެ ދެ ޗެމްޕިއަނުންނާ ދެކޮޅަށް ނަބާ އަށް މި ލިބުނީ އޭނާ ދެކޭގޮތުގައި ރަނގަޅު، ބޭނުންހިފޭނެ މުހިންމު ފުރުސަތެކެވެ.

"ކޮމަންވެލްތު ގޭމްސްގައި އަންހެން ސިންގަލްސް ޗެމްޕިއަން، އަދި އޭޝިއަން ގޭމްސްގައި ވޯލްޑް ޗެމްޕިއަންއާ އެކު ކުޅެލަން ލިބުނީމަ ވަރަށް ހިތްހަމަޖެހޭ. އާންމު ގޮތެއްގައި މި ލެވަލްގެ ޓޮޕް ކުޅުންތެރިންނާ އެއްކޮށް ކުޅެލަން ނުލިބޭ މި ކަހަލަ ފަހަރަކު ނޫނީ، ވަރަށް އެއްޗެހި ދަސްވި،" ނަބާ، "އަދަދު" އަށް ބުންޏެވެ.

"ހާއްސަކޮށް އޭޝިއަން ގޭމްސްގައި ކޮރެއާ ކޯޗަކާ އެއްކޮށް މަސައްކަތް ކޮށްފަ، ކޮރެއާ ކުޅުންތެރިއަކާ ކުޅެލަން ލިބުނީމަ ކޯޗު ދަސްކޮށްދިން އެއްޗެހި ޓޮޕް ލެވަލްގެ ކުޅުންތެރިން ކައިރިން ފެނުނީމަ ވަރަށް ބޮޑަށް ނަގައިގަންނަން ފަސޭހަ،"

ދާދި ފަހުން ނިމުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ސިންގަލްސް އިން ރިހި މެޑަލް ހޯދި ނަބާ، އޭޝިއަން ގޭމްސްގެ ގަދަ 16 އިން ފުރުސަތު ހޯދީ، ގަދަ 32 ކުޅުންތެރިން ވާދަކުރި ބުރުގައި ވަރުގަދަ މެޗެއް ކުޅެފަ އެވެ.

އެ ގޮތުން ގަދަ 32 ކުޅުންތެރިން ބުރުގެ އެ މެޗުން، ނަބާ މޮޅުވީ އިރާންގެ ޔެގާނޭ ކަރްމާނީ އަތުން 2-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު، 20-22 އިން ކާމިޔާބުކުރީ ޔެގާނޭ އެވެ. މި ސެޓު ފަށައިގެން އެއްކޮށް ކަހަލަ ގޮތަކަށް ލީޑުކުރީވެސް ޔެގާނޭ އެވެ. ނަމަވެސް، ފަހު ވަގުތު ނަބާ ދެއްކި ހިތްވަރުން ސެޓު 20-20 އިން އެއްވަރުވިނަމަވެސް ޖެހިގެން އައި ދެ ޕޮއިންޓް ހޯދައި ޔެގާނޭ ސެޓު ކާމިޔާބުކުރި އެވެ. ނަބާ މެޗުން މޮޅުވީ ފަހު ދެ ސެޓު ކާމިޔާބުކޮށްގެންނެވެ. އެ ގޮތުން، 21-13 އާއި 21-17 އިން ފަހު ދެ ސެޓު ނަބާ ހޯދީ މޮޅަށް ކުޅެ، ދެ ސެޓުވެސް ޑޮމިނޭޓް ކޮށްގެންނެވެ.