ރޭ އިމާދުއްދީން ސްކޫލުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން ކުރިޔަށް ދަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ރާއްޖޭގައި ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނުފެންނަ ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ނިންމި އެވެ.
އެމްޑީޕީގެ ޗެއާޕާސަންކަން ރައީސް މުހައްމަދު ނަޝީދު ކުރެއްވި ދުވަސްވަރު އެ ޕާޓީން ތާއީދުކުރި ނިޒާމު ގެންނަން މި ފަހަރު ދެކޮޅު ހެދީ، ނަޝީދު ފަހުން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީން އެ ނިޒާމު ގެންނަން ފެނޭތޯ އާއްމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ބެހޭ ގޮތުން ކުރި ބަހުސްގަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބުވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން ބަރުލަމާނީއާ ދެކޮޅަށް ވާހަކަ ދެއްކެވީ، އެއީ ނަޝީދު ތާއީދުކުރައްވާތީ ނިޒާމަކަށް ވާތީ، އެމަނިކުފާނާ ދެކޮޅު ހައްދަވަން ބޭނުންވާތީ އެފަދަ މޭރުމަކުންނެވެ.
އެގޮތުން އެ މެމްބަރުން ބުނީ، ރިޔާސީ އިންތިހާބުގައި ނަޝީދު އާއި ޑިމޮކްރެޓްސް އިން "އިބޫ ނޫން ގޮތެއް" ނަމުގައި އެމްޑީޕީއާ ދެކޮޅަށް ކެމްޕެއިން ކުރުމުން ހިތުގައި ޖެހުނު ކަމަށާއި، އެހެންވެ މިހާރު ބޭނުންވަނީ "ބަރުލަމާނީ ނޫން ގޮތެއް" އަދި "ނަޝީދު ނޫން ގޮތެއް" ހޯދަން ކަމަށެވެ.
ދާދި ފަހުން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ފިޔަވައި އެހެން ހުރިހާ މެމްބަރުން ވާހަކަ ދެއްކެވީ ބަރުލަމާނީ ގެނައުމާ ދެކޮޅަށެވެ. ބަހުސްގެ ތެރެއިން ޖާބިރު ހިތްހަމަނުޖެހި ޖަލްސާ ދޫކުރެއްވި ފަހުން ނެގި ވޯޓުގައި ބައިވެރިވި 90 މެމްބަރުން ވަނީ ބަރުލަމާނީއާ ދެކޮޅަށް ވޯޓު ދެއްވައިފަ އެވެ
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވާހަކަ ދައްކަވަމުން ދިޔައިރު، "ބަރުލަމާނީ ނޫން ގޮތެއް" ލިޔެފައިވާ ކަރުދާސް ގަނޑެއް ދައްކާލަނީ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި ބައިވެރިވި 90 މެމްބަރުން ވެސް ވޯޓު ދެއްވީ ބަރުލަމާނީއާ ދެކޮޅަށް. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment